ހަބަރު

މުޒާހަރާ އަށް އައި ކައުންސިލަރުންގެ މައުލޫމާތު ދޭން ކައުންސިލްތަކަށް އަންގައިފި

May 3, 2015
1

މިދިއަ ހުކުރު ދުވަހު ބޭއްވި އެއްވުމަށް މާލެ އައި ކައުންސިލަރުންގެ މައުލޫމާތު ހިއްސާ ކުރަން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ކައުންސިލްތަކުގެ ރައީސުންނަށާއި ސިޓީ ތަކުގެ މޭޔަރުންނަށާއި ޒިންމާދާރު އިސްވެރިންނަށް އަންގައިފި އެވެ.

އެލްޖީއޭގެ ރައީސް، އަދި ހޯމް މިނިިސްޓަރު އުމަރު ނަސީރު ސޮއިކޮށް މިއަދު ފޮނުވި ސިޓީގައި ބުނަނީ އަދާލަތާއި ޖޭޕީ އާއި އެމްޑީޕީން އެއްވުމެއް ބާއްވައި މާލޭގައި މުޒާހަރާ ކުރި ދުވަހު މާލޭގައި ތިބި ކައުންސިލަރުންގެ ތެރެއިން ރަސްމީ ބޭނުމަށް މާލެ އައި ކައުންސިލަރުން ލާ މަރުކަޒީ ގާނޫނުގެ 123 ވަނަ މާއްދާގެ ދަށުން ކައުންސިލްގެ ރައީސަށް އަދި ރައީސުން ކައުންސިލްގެ އިދާރާއަށް އަންގާފައިވާނަމަ އެންގި ކަމުގެ ލިޔުން އެލްޖީއޭއާ ހިއްސާ ކުރުމަށް އެދޭ ކަމަށެވެ.

އަދި ގާނޫނުގައިވާ ގޮތަށް އަމަލު ކުރުމެއް ނެތި އެދުވަހު މާލޭގައި ތިބި ކައުންސިލަރުންގެ މައުލޫމާތު އަންނަ އަންގާރު ދުވަހުގެ ކުރިން ހިއްސާ ނުކުރާ ކައުންސިލްތަކުގެ ޒިންމާދާރު އިސްވެރިންގެ މައްސަލަ ބަލަން ސިވިލްސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހަޅާނެ ކަމަށެވެ.

މި ސިޓީ ފޮނުވި އިރު މޭ އެއްވަނަ ދުވަހު މުޒާހަރާގައި ބައިވެރިވާން މާލެ އައި ކައުންސިލަރުން މާލެ އައީ ދައުލަތުގެ ހަރަދުގައިތޯ ބަލައި ދިނުމަށް އެދި އޭސީސީއަށް ވެސް ވަނީ ހުށަހަޅާފައެވެ.