ހަބަރު

ކުޅުދުއްފުށީ ބިން ހިއްކާ ނިންމާލައިފި

ކުޅުދުއްފުށީ އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކާ ނިންމާލައިފި އެވެ. އެމްޓީސީސީގެ އޮފިޝަލަކު ވެސް މިއަދު ވިދާޅުވީ ކުޅުދުއްފުށީ އެއާޕޯޓް އެޅުމަށް ބޭނުންވާ ބިން ހިއްކާ ނިންމާލާފައިވާ ކަމަށެވެ. އެގޮތުން އެރަށު ކުޅިން ނުވަ ހެކްޓަރާއި މޫދުން ހަ ހެކްޓަރު ހިއްކާފައިވެ އެވެ.

ބިން ހިއްކުމުގެ މަޝްރޫއަށް ފަހު ރަންވޭ އެޅުމުގެ މަސައްކަތް ފަށާނެ ކަމަށް އެމްޓީސީސީން ކުރިން ވަނީ ބުނެފަ އެވެ.

އެމްޓީސީސީ އިން މުޅިން އަލަށް ގެނެސްފައިވާ ބިން ހިއްކާ ބޯޓު، "މަހާޖައްރާފު" އިން ކުޅުދުއްފުށީގެ ބިން ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ނުވެމްބަރު މަހުގެ ތެރޭގަ އެވެ. އެ މަޝްރޫއު ސަރުކާރުން މި މަޝްރޫއުން ހަވާލުކޮށްފައިވަނީ 53.4 މިލިއަން ރުފިޔާ އަށެވެ. އަދި މަޝްރޫއު ނިންމަން ކަނޑައަޅާފައިވަނީ 180 ދުވަހުންނެވެ.

އެއާޕޯޓް އަޅަން ކުޅުދުއްފުށީ ކުޅިން ބޮޑު ބައެއް ހިއްކާތީ ރާއްޖެ އާއި ބޭރުގެ ޖަމިއްޔާ ޖަމާއަތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި އިދިިކޮޅު ސިޔާސީ ފަރާތްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފަ ސަރުކާރަށް ޕްރެޝަރު ކުރަމުން ދިޔަ އެވެ އަދި ބިން ހިއްކުން ހުއްޓުވައި ދިނުން އެދި އިކޯ ކެއާއިން ސިވިލް ކޯޓަށް ވެސް ވަނީ ހުށަހަޅާފަ އެވެ. އެ މައްސަލާގެ ޝަރީއަތް މިހާރު ވެސް ކުރިޔަށް އެބަދެ އެވެ.