ހަބަރު

މިދިއަ އަހަރުގެ ހިދުމަތްތެރި ނޫސްވެރިނަށް އަލީ ސުލައިމާނާއި ހަމްދޫނު

May 3, 2015

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ މިދިއަ އަހަރު އެންމެ ފާހަގަކޮށްލެވޭ ހިދުމަތްތަކެއް ކުރި ނޫސްވެރިންނަށް ހަވީރުގެ މުހައްމަދު ހަމްދޫނާއި ވީމީޑިއާގެ އަލީ ސުލައިމާން ހޮވިއްޖެ އެވެ.

ޕްރިންޓްގެ އަދި އޮންލައިން ދާއިރާއިން މިދިއަ އަހަރު އެންމެ ފާހަގަކޮށްލެއްވޭ ހިދުމަތްތަކެއް ކުރި ނޫސްވެރިޔަކަށް ހޮވިފައި ވަނީ ހަވީރު ނޫހުގެ މުހައްމަދު ހަމްދޫނެވެ. އޭނާއާ ވާދަ ކުރީ ހަވީރުގެ އާސިޔަތު މުހައްމަދު ސައީދާއި ހަވީރުގެ ފަޒީނާ އަހުމަދެވެ. ފަޒީނާއަކީ 2013 ވަނަ އަހަރުގެ އެވޯޑް ހޯދި ނޫސްވެރިޔާ އެވެ.

ޓީވީގެ ދާއިރާއިން މިދިއަ އަހަރުގެ އެންމެ ފާހަގަ ކޮށްލެއްވޭ ހިދުމަތްތަކެއް ކުރި ނޫސްވެރިޔާއަށް ހޮވިފައި ވަނީ ވީމީޑީއާގެ އަލީ ސުލައިމާނެވެ. އޭނާއާ ވާދަ ކުރީ ޓީވީއެމްގެ އަބްދުﷲ މުއާޒާއި ވީމީޑީއާގެ އާމިނަތު އަމީނާ އެވެ.

ރޭޑިއޯގެ ނޫސްވެރިކަމުގެ ދާއިރާގައި މިދިއަ އަހަރު ފާހަގަކޮށްލެއްވޭ ހިދުމަތްތަކެއް ކުރި ނޫސްވެރިއެއް ހޮވާފައެއް ނުވެެއެވެ. އެ ކެޓަގަރީން ހުށަހެޅި ދެނަމުން އެއް ނަން ފަނޑިޔާރުން ޑިސްކޮލިފައިވާއިރު އަނެއް ނަމުގެ މެޓީރިއަލްތަކަށް އިންސާފު ކުރެވޭވަރު ނުވާތީ ވަނައެއް ނުދެ އެވެ.

ވަނަ ހޯދި ނޫސްވެރިންނަށް އެމްއެމްސީން ދޭ 10،000ރ. އާއި ބީއެމްއެލް އިންދޭ 10،000ރ. އާއި އެސްޓީއޯއިން ދޭ އައިޕެޑާއި އުރީދޫއިންދޭ 5،000ރ. އާއި ދިރާގުގެ އިނާމާއި ކެކްޓަސްއިން ދޭ އިނާމާއި މޯލްޑިވިއަންގެ ޗެންނާއި ދެކޮޅު ޓިކެޓާއި އެމްއެމްސީގެ ޓްރޮފީ ހަވާލުކޮށް ދެއްވީ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދެވެ.

މިފަހަރު އެވޯޑަށް ކުރިމަތިލާފައި ވަނީ 15 ނޫސްވެރިއެކެވެ. އެއީ ޓީވީގެ ދާއިރާއިން ހަތް ނޫސްވެރިންނާއި ރޭޑިއޯގެ ދާއިރާއިން ދެ ނޫސްވެރިއަކާއި އޮންލައިން އާއި ޕްރިންޓްގެ ދާއިރާއިން ހަ ނޫސްވެރިއެކެވެ. އެ ނޫސްވެރިން ހުށަހެޅި މެޓީރިއަލްއަށް އިންސާފުކޮށް ދެއްވީ ފަސް ބޭފުޅުންގެ ޕެނަލަކުންނެވެ.

މިރޭގެ ހަފުލާގައި އެމްއެމްސީގެ ދެ މުބާރަތެއްގެ ނަތީޖާވެސް އިއުލާން ކުރި އެވެ. އެގޮތުން ސްކޫލް ނޫސް ތައްޔާރު ކުރުމުގެ މުބާރާތުން އެއްވަނަ ހޯދާފައި ވަނީ ޖަމާލުއްދީން ސްކޫލެވެ. ހަބަރު ކިޔުމުގެ މުބާރުން އެއްވަނަ ހޯދީ ހިރިޔާ ސްކޫލެވެ.

އެމްއެމްސީން ނޫސްވެރިންގެ އަގު ވަޒަންކޮށް އެވޯޑް ދޭން ފެށީ މިދިއަ އަހަރު އެވެ. ނަމަވެސް މިދިއަ އަހަރު ހޮވާފައި ވަނީ ދާއިރާތަކުން މޮޅު ނޫސްވެރިޔާ އެވެ. މިދި އަހަރު ދިނީ 2013 ގެ އެންމެ މޮޅު ރޭޑިއޯ ޖާނަލިސްޓާއި އޮންލައިން ޕްރިންޓްގެ އެންމެ މޮޅު ނޫސްވެރިޔާއެވެ.