ހަބަރު

ތ. ކަޅުފަހަލަފުށީ ފަރަށް ދޯންޏެއް އުރިއްޖެ

މާލެއިން ފުރައިގެން ގދ. އަތޮޅަށް ދަތުރުކުރަމުން ދިޔަ ދޯންޏެއް ތ. އަތޮޅު ކަޅުފަހަލަފުށި ނަމަކަށް ކިޔާ ފަޅުރަށުގެ ފަރަށް އުރިއްޖެ އެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނީ ކަޅުފަހަލަފުށީ ފަރަށް އުރިފައި ވަނީ "ހިބަރު" ނަމަކަށް ކިޔާ މުދާ އުފުލާ ދޯންޏެއް ކަމަށެވެ. އަދި ބުނީ އެ ދޯނިން ދަތުރު ކުރަމުން ދިޔައީ ނުވަ މީހުން ކަމަށާއި އެއީ ހަތަރު ދިވެހިންނާއި ފަސް ބިދޭސީން ކަމަށެވެ.

ދޯނިން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅެވެ.

ދޯނި ފުންކުރުމަށް ދޯނީގެ ވެރިފަރާތާއި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ ސިފައިން ގުޅިގެން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އެމްއެންޑީއެފްގެ ޑައިވަރުންގެ ޓީމެއް ވެސް ދޯނީގެ ކައިރީގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ހިބަރު، ދޯނި ފަރަށް އެރިކަމުގެ މައުލޫމާތު ލިބުނީ ރޭ މެންދަމުން އަލިވެ، 3.08 ގައި ކަމަށް އެމް އެންޑީއެފުން ބުންޏެވެ.