ހަބަރު

"ނޫސްވެރިނަށް އޮތް އިތުބާރު ދަނީ މިލާ މޯޅިވަމުން"

ނޫސްވެރިންގެ މައްޗަށް އޮތް އިތުބާރާއި ނަޒާހަތްތެރިކަން މޯޅިވެ މިލަމުންދާކަން ހިތާމަޔާއެކު ފާހަގަ ކުރަންޖެހޭ ކަމަށް ނައިބް ރައީސް މުހައްމަދު ޖަމީލު އަހުމަދު މިރޭ ވިދާޅުވެއްޖެ އެވެ.

"ބައިނަލް އަގުވާމީ ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް" ފާހަގަ ކުރުމަށް ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ނައިބް ރައީސް ޖަމީލު ވިދާޅުވީ ދިވެހި ނޫސްވެރިކަން ފަރިވެ، ފޮޅެމުންދާއިރު، ނޫސްވެރިންގެ ގަލަމުގެ ބާރާއި އަގު ވަޒަން ކުރުން ދަސްކުރަންޖެހޭ ކަމަށެވެ.

"އަޅުގަނޑު އިލްތިމާސްއަކީ މައުލޫމާތު ފޯރުކޮށްދިނުމުގައި ތިބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާ ހަނދާން ނައްތާނުލުމަށް. ހައްގު ގޮތާއި ތެދު މައުލޫމާތު ހާމަ ކުރަން. ކޮންމެ ނޫސްވެރިއެއްގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ދެކި ވަޑައި ގަންނަވާ ށޭ. ކަންކަމާއި މެދު ވިސްނައި ހިޔާލު ފާޅު ކުރުމަކީ އަޅުގަނޑުމެން ކުރަން ޖެހޭ ކަމެއް،" ނައިބް ރައީސް ވިދާޅުވި އެވެ.

ކީތިރި ގުރުއާނާއި ހަދީސުން ދަލީތް ދައްކަވަމުން ނައިބް ރައީސް ވިދާޅުވީ ލިޔުމާއި ހިޔާލު ފާޅު ކުރަން ވެސް ޖެހޭނީ ވިސްނައި ފިކުރު ކުރުމަށް ފަހު ކަމަށެވެ.

"ނޫސްވެރިކަމުގެ އެތިކްސް އަކީ ބުރަ އެހާ މެ، ބިޔަ މަސްހޫލިއްޔަތެއް. ތިމާ ފޯރުކޮށްދޭ މައުލޫމާތަކީ އެނގިގެން ފޯރުކޮށްދޭ މައުލޫމާތައް ވާން ޖެހޭ. މަސައްކަތް ކުރާއިރު އެންމެ ބޮޑަށް ބަލަހައްޓަން ޖެހެނީ ނޫސްވެރިންގެ ނަޒާހަތުގެ މިންގަނޑުކަމަށް އަޅުގަނޑު ދެކެން،" ނައިބް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ދިވެހި ނޫސްވެރިންނަށް ހުރި ގޮންޖެހުންތައް ގިނަ ކަމަށާއި، ނަމަވެސް ނޫސްވެރިންނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މައުލޫމާތު ފޯރުކޮށްދޭ މީހުންނާއި މެދު އުފެދޭ ސުވާލު ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމުގެ ދުވަސް ފާހަގަ ކުރުމަށް މޯލްޑިވްސް މީޑިޔާ ކައުންސިލުން މިރޭ ބޭއްވި ހަފުލާގައި ނޫސްވެރިންގެ އަގު ވަޒަންކޮށް އިނާމު ވެސް ދީފައިވެ އެވެ.