ކުޅިވަރު

މާޅޮހުން ވިދާލި އާރިީ ޓީސީއަށް

މިދިޔަ އަހަރުގެ ދިވެހި ޕްރިމިއާ ލީގްގައި، އއ. މާޅޮހުން ވިދާލި، އަހްމަދު އާރިފް (އާރީ)، އަންނަ ސީޒަންގައި ޓީސީއަށް ކުޅެން ސޮއި ކޮށްފި އެވެ.

މިދިޔަ އަހަރު ޕްރިމިއާ ލީގްގައި، އާރީ ދެއްކި ކުޅުން ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފަ އެވެ. އަދި ފުރަތަމަ ޑިވިޝަންގެ ބައެއް ކުލަބުތަކުން އޭނާ އަށް ޝައުގުވެރިވާކަން ވެސް ހަމަ ކުރި އެވެ. މާޒިޔާއިން ވެސް އޭނާ ގެންދިއުމަށް ޝައުގުވެރިވި ކަމުގެ އަޑުތަކެއް ފެތުރިގެން ދިޔަ އެވެ.

މިދިޔަ އަހަރަކީ، ރާއްޖޭގެ އެންމެ ޓޮޕް ލެވެލްގައި އާރީ ކުޅުނު ފުރަތަމަ ސީޒަނެވެ. ނަމަވެސް، އޭނާގެ ހުނަރާއި ކޮއްޓުމުން، ރާއްޖޭގެ އެންމެ މަތީ ފުޓްބޯޅައަށް އާ ކަމަކަށް ނުދައްކަ އެވެ. ޕްރިމިއާ ލީގްގައި، ގިނަ ބަޔަކަށް އޭނާ އެންމެ ފާހަގަ ކުރެވެނީ ގިނަ ކުޅުންތެރިންތަކެއްގެ ކައިރިން ނައްޓާލާފައި ލަނޑު ޖަހާ ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ދިވެހި ޕްރިމިއާ ލީގްގެ ދެ ވަނަ ބުރުގައި ނިއުރޭޑިއަންޓާ ދެކޮޅަށް، މާޅޮސް ކުޅުނު މެޗުގައި، ރާއްޖޭގެ އެއް ވަނަ ކީޕަރު އިމްރާން މުހައްމަދު ކޮޅަށް އޭނާ ލަނޑު ޖެހީ، ދެ ޑިފެންޑަރުންގެ ކައިރިން ނައްޓާލުމަށްފަހު އަދި އިމްރާން ވެސް ބީޓް ކޮށްލާފަ އެވެ. އޭނާ ޖެހި އެ ލަނޑު ވަނީ، މިދިޔަ މަހު ބޭއްވި މޯލްޑިވްސް ފުޓްބޯލް އެވޯޑްގެ އެންމެ މޮޅު ގޯލްގެ އެވޯޑް ނުވަތަ "ޖޫލޭ އެވޯޑަށް" ނޮމިނޭޓް ވެސް ވެފަ އެވެ.

އަދި ށ. މިލަންދޫއާ ދެކޮޅަށް، ކުޅުނު މެޗުގައި، މިލަންދޫގެ ކީޕަރު މުހައްމަދު އިމްރާން (ކުޑަ އިންމަ) ކޮޅަށް އާރީ ޖެހި ލަނޑުވެސް އޭނާ ކާމިޔާބު ކުރީ އޭނާ، އިންޑަވިޖުއަލް ހުނަރު ބޭނުން ކޮށްގެން، މިލަންދޫގެ ޑިފެންޑަރުން ބީޓް ކޮށްލުމަށްފަހު އެވެ.

ޓީސީއަށް ސޮއި ކުރުމަށްފަހު، އޭނާ ބުނީ، ޓީސީގެ ޓީމާ ގުޅުމަކީ، އޭނާ އަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި ޓީސީއާއެކު ސީޒަން ފަށަން ކެތްމަދު ވެފައި ހުރި ކަމަށް އާރީ ބުންޏެވެ.

ދިވެހި ޕްރިމިއާ ލީގްގައި، މިލަންދޫއިން ފާހަގަ ކުރެވުނު، ބ. އޭދަފުށީގެ އިޝާން އިބްރާހިމް (ސައްޓު) ވެސް ވަނީ ޓީސީއާ ގުޅިފަ އެވެ. މި އަހަަރު ސީޒަނަށް، ޓީސީން ވަނީ އިއްޔަ ޕްރެކްޓިސް ފަށާފަ އެވެ.

ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށުމުގެ ކުރިން ބަންގުލަދޭޝްގެ ސައިފް ސްޕޯޓްސް ކުލަބާ ދެކޮޅަށަށް، ޓީސީ ކުޅޭ އޭއެފްސީ ކަޕް ޕްރިލިމިނަރީ ބުރުގެ މެޗުތައް އޮންނާނެއެވެ.

ޓީސީ އާއި ސައިފް ސްޕޯޓްސް ކުލަބުގެ ޕްރިލިމިނަރީ ބުރުގެ ފުރަތަމަ ލެގް މެޗު ކުޅޭނީ މިމަހު 23 ވަނަ ދުވަހު ބަންގުލަދޭޝްގަ އެވެ. ދެ ވަނަ ލެގް މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހު 30 ވަނަ ދުވަހު ރާއްޖޭގައެވެ. ޕްރިލިމިނަރީ ރައުންޑު ކާމިޔާބު ކުރާ ޓީމު ދާނީ ޕްލޭއޮފް ބުރަށެވެ. ޕްލޭއޮފް ބުރުގައި ވާދަ ކުރަން ޖެހޭނީ، އިންޑިއާގެ ބެންގަލޫރު އެފްސީ އާއި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓަޑް ކުޅޭ ޕްރިލިމިނަރީ ބުރުން މޮޅުވާ ޓީމަކާ ދެކޮޅަށެވެ.