ހަބަރު

ރޭޕެއް ނުކުރަން، އުޅެނީ ބަދުނާމް ކުރަން: ހަސަން

ޒުވާން އަންހެނަކު ރޭޕްކުރި ކަމުގެ ތުހުމަތުތައް އަމާޒުވެފައިވާ ހަސަން ފާއިޒް، އޭނާގެ ދިފާއުގައި ވާހަކަ ދައްކައިފި އެވެ. އޭނާ ބުނީ، އޭނާއަށް އަމާޒުވެފައިވާ އެއްވެސް އަމަލެއް ހިންގާފައި ނުވާނެ ކަމަށާއި އެއީ އޭނާގެ އަބުރާއި އިއްޒަތް ނަގާލައި، ބަދުނާމް ކުރަން ދައްކަމުންދާ ވާހަކަތަކެއް ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ، އާޓް ސްޓޫޑިއޯއެއްގެ ތެރޭގައި 19 އަހަރުގެ އަންހެނަކު ރޭޕްކޮށްފައިވާ ކަމަށް އެ ޒުވާނާ ވަނީ ފުލުހަށް މައްސަލައެއް ހުށަހަޅާފަ އެވެ. އެ ތުހުމަތު އޭނާ އަމާޒުކޮށްފައިވަނީ ހަސަން ފާއިޒަށެވެ. ހަސަންއަކީ ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސެއިން މަނިކުގެ ކޮއްކޮ އެވެ.

ތުހުމަތުތަކާ ގުޅިގެން "އަވަސް" އާ ވާހަކަ ދައްކަމުން ހަސަން ވަނީ އެ ރޭ ހިނގާދިޔަ ކަންކަން ކިޔައިދީފަ އެވެ. ހަސަން ބުނި ގޮތުގައި، އޭނާއާ އޭނާއާ ބައްދަލުވީ އިންސްޓަގްރާމްއިންނެވެ. ހަސަނަކީ ކުރެހުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގެ ކުރަމުން އަންނަ އާޓިސްޓެކެވެ. އޭނާއާ ހަސަން އެންމެ ފުރަތަމަ ބައްދަލު ކުރީ، ހަސަނަށް ލިބުނު ޕްރޮޖެކްޓެއްގައި އެހީތެރިކަން ހޯދާށެވެ. ރެސްޓޯރެންޓެއްގެ ފާރުގައި ކުރަހަން ލިބުނު އެ ޕްރޮޖެކްޓްގެ ބޮޑުކަމުން ދެ މީހުން ވެގެން ޕްރޮޖެކްޓް ނިންމަން އޭނާ މަސައްކަތް ކުރި ކަމަށާއި އެގޮތުން ކޮފީއަކުން ދެ މީހުން ބައްދަލުވެ ރަހުމަތްތެރިވި އެވެ.

އޭގެ ފަހުން ހަސަން ދިރިއުޅޭ ގެއަށް އަންހެން މީހާ ދިޔަ ކަމަށާއި އެއީ މިދިޔަ ބުދަ ދުވަހުގެ ރޭ ކަމަށެވެ. އެ ތަނަކީ ޑެކް އަޅާފައިވާ ތަނެއް ކަމަށާއި މީހަކު ކިރިޔާ ހިނގާލިޔަސް އަޑު އިވޭނެ ކަމަށް ވެސް ހަސަން ބުންޏެވެ. އޭނާ ބުނީ، އެއީ ސްޓޫޑިއޯއެއް ނޫން ކަމަށާއި އޭނާ ވަގުތީ ގޮތުން އޭނާ ދިރިއުޅެމުންދާ ތަން ކަމަށެވެ. އެތަނަށް އަންހެން ކުއްޖާ ދިޔައީ އިރުއޮއްސުނުއިރު ކަމަށާއި އޭނާ އައީ ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ކަމަށެވެ.

އެ ޕްރޮޖެކްޓްގައި ކުރެހުމުން 15،000 ރުފިޔާ ލިބޭ ގޮތަށް އޮތް ކަމަށާއި އޭނާއަށް އެހީތެރިވޭ ގޮތަށް އަންހެން ކުއްޖާއަށް 2،000 ރުފިޔާ އާއި 3،000 ރުފިޔާއާ ދެމެދުގެ އަގެއް ދިނުމަށް އޭނާ ނިންމި ކަމަށެވެ. ނަމަވެސް އަންހެން ކުއްޖާއަށް އެ އަގު ކުޑަވެ ޝަކުވާކުރި ކަމަށާއި އަގު ބޮޑު ކޮށްދިނުމަށް ވެސް އެދެނު ކަމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓަށްފަހު ހަސަން އިތުރު ޕްރޮޖެކްޓަކެއް ވެސް ލިބެން ހުރުމުން އަގަަށް ބަދަލެއް ގެނެވެން ނެތް ކަމަށް ބުނި ކަމަށެވެ. އޭގެ ފަހުން އަންހެން ކުއްޖާ ނުކުމެގެން ދިޔައީ ކަމަށާއި އޭނާ ދިޔައީ ވެސް އެކަނި ކަމަށެވެ. އޭނާގެ ސައިކަލްގައި ގެއަށް ގެންގޮސްދޭން އެދުނު ނަމަވެސް އޭރު އޭނާގެ އަތުގައި ސައިކަލް ނެތް ކަމަށެވެ.

އެ ކުއްޖާ ދިޔަ ފަހުން ބަޔަކު ގުޅައިގެން އޭނާއަށް އިންޒާރުތަކެއް ދިން ކަމަށާއި އޭނާ މަރާލާނެ ކަމަށް ބުނި ކަމަށް ވެސް ހަސަން ބުންޏެވެ. ނަމަވެސް އޭރު ވެސް އެއީ އެ އަންހެން ކުއްޖާގެ ފަރާތުން އަންނަ ކަމެއް ކަމަށް ހީނުކުރާ ކަމަށެވެ. ދެ ހަފުތާއެއްވަރު ކުރިން އޭނާގެ ޒާތީ ދިރިއުޅުމުގައި މީހަކާ ދެމެދު ޖެހުނު މައްސަލައަކާ ގުޅިގެން އަންނަ އިންޒާރުތަކެއް ކަމަަށް އޭނާ ބަލައިގެން ހުރީ ކަމަށް ވެސް ހަސަން ބުންޏެވެ. ނަމަވެސް އެ ރޭ ދަންވަރު އޭނާގެ ފޮޓޯއާއެކު ރޭޕްގެ ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމުން އޭނާ ހައިރާންވި ކަމަށެވެ.

"އަޅުގަނޑަށް ބެލެވޭ ގޮތުގައި މިއީ މާކުރިން އަޅުގަނޑުގެ ނަން ހަޑިކުރަން ރާވައިގެން ހިންގި ކަމެއް، އަޅުގަނޑަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމެއް އުޅެމުން އައި މީހެއް، ދުވަހަކު ވެސް އަޅުގަނޑާ ގުޅޭ ގޮތުން މިފަދަ އަޑެއް ނާރާ، މިއީ އަޅުގަނޑު ބަދުނާމް ކުރަން ރާވައިގެން ހިންގާ އަމަލެއް،" ހަސަން ބުންޏެވެ.

ސިޔާސީ އިސް ބޭފުޅަކު އޭނާގެ އާއިލާ މެންބަރަކަށްވާތީ، އެ ބޭފުޅާގެ ނަން ކިލަނބުކޮށްލުމުގެ ގޮތުން ކުރި އަމަލެއް ކަމަށް ވެސް ވެދާނެ ކަމަށް އޭނާ ބުންޏެވެ. ހަސަން ބުނީ، މި ތުހުމަތުތަކަށް ފަހު އޭނާގެ އަބުރު ކަތިލަމުން ދިޔައިރު ވެސް އެއްޗެއް ނުބުނެ ހުރީ ގާނޫނާއި ޝަރުއީ ދާއިރާއަށް އޭނާ އިތުބާރު ކުރާތީ ކަމަށެވެ. ފުލުހުން ހިންގާ ތަހުގީގަކުން އޭނާގެ ކުށެއް ނެތްކަން ހާމަވާނެތީ ކަމަށެވެ. އޭނާއަށް ހައްގު ލިބޭނެ ކަމަށް ވެސް ބުންޏެވެ.

އޭނާއަށް އަންހެން ކުއްޖާގެ ރައްޓެހިން ގުޅުމުން އޭނާއާ ހަމައަށް ފުލުހުންނަށް ނާދެވޭނެ ކަމަށް ބުނި ވާހަކައަށް ވެސް ހަސަން ރައްދު ދެއްވި އެވެ. އޭނާ ބުނީ، "އޭނާއަކީ ގަދަ ބަސް ބުނާ މީހެއް ނޫން" ކަމަށެވެ. އަދި އޭނާ ބުނީ، އަންހެން ކުއްޖާ ތުހުމަތުތަކީ މުޅިން ދޮގު ތުހުމަތުތަކެއް ކަމަށާއި އެއީ އޭނާ މަޅިއެއްގައި ބައްދަން ރާވައިގެން ކުރަމުންދާ ކަމެއް ކަމަށެވެ.

ހަސަންއަށް ތުހުމަތުތައް ރައްދުކުރާ އަންހެން ކުއްޖާ "އަވަސް" އަށް ކިޔައިދިން ގޮތުގައި އޭނާ ރޭޕްކުރީ ސްޓޫޑިއޯއަށް ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގެންގޮހެވެ. އަންހެން ކުއްޖާ ކިޔައިންދިން ގޮތުގައި، އެ ސްޓޫޑިއޯ ތެރޭގައި އެމީހާ ގަދަކަމުން ބެހެން ފެށުމުން ސަލާމަތްވުމަށް އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެމީހާ ވަނީ އޭނާ ރޭޕްކޮށްފައި ކަމަށް ކުއްޖާ ކިޔައިދިނެވެ.

މި ޖެނުއަރީ މަހުގެ ތިންވަނަ ރޭގެ އަށެއް ޖަހާއިރު މި ހާދިސާ ހިނގިއިރު، ރޭޕްގެ ވާހަކަ ސިއްރު ކުރުމަށް 16،000 ރުފިޔާ ދޭނެ ކަމަށް އެމީހާ ބުނި ކަމަށް ވެސް އަންހެން ކުއްޖާ ބުންޏެވެ. އޭނާ ބުނަނީ އެ ފައިސާގައި އޭނާ ހިފާފައި ނުވާނެ ކަމަށެވެ. އޭނާއަށް އެ ސްޓޫޑިއޯއިން ނުކުމެވުނީ އެ ރޭ 9:00 ގައި ކަމަށް އޭނާ ބުންޏެވެ. އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ރައްޓެހިން ކަމަށް ވެސް އެ ވާހަކަ ކިޔައި ދެމުން އޭނާ ބުންޏެވެ. އެކަމަކު ހަސަން މިހުރިހާ ވާހަކައެއް ދޮގުކުރެ އެވެ. އަދި އަންހެން ކުއްޖާ ވެސް އެއްވެސް ޑޮކްޓަރު ރިޕޯޓެއް ހިއްސާކޮށްފައެއް ނުވެއެވެ.