ހަބަރު

ރޭޕްގެ ތުހުމަތު ކުރެވޭ މީހާ ހައްޔަރުކޮށްފި

ޒުވާން އަންހެން ކުއްޖާ ރޭޕް ކުރި ކަމަށް ތުހުމަތުވާ ހަސަން ފާއިޒް މިރޭ ހައްޔަރުކޮށްފި އެވެ. ރޭޕްގެ މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ފުލުހުންނަށް ހުށަހެޅި ރޭޕް މައްސަލާގައި ރޭޕް ކުރި ކަމުގެ ތުހުމަތުގައި 34 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އާޓިސްޓެއްގެ ގޮތުގައި ހަރަކާތްތެރިވަމުން އަންނަ އެމީހާ އަންހެން ކުއްޖާއާ ގަދަކަމުން ބެހިފައިވަނީ، އެ އަންހެން ކުއްޖާ އާޓް ޕްރޮޖެކްޓެއްގެ މަސައްކަތަށް އެ ސްޓޫޑިއޯއަށް އެ ރޭ ދިޔުމުން ކަމަށް ހުދު އެ އަންހެން ކުއްޖާ ވަނީ އަވަސްއަށް ބުނެފަ އެވެ. އަންހެން ކުއްޖާއަކީ ވެސް އާޓިސްޓެކެވެ.

ހަސަންއަށް ތުހުމަތުތައް ރައްދުކުރާ އަންހެން ކުއްޖާ "އަވަސް" އަށް ކިޔައިދިން ގޮތުގައި އޭނާ ރޭޕްކުރީ ސްޓޫޑިއޯއަށް ޕްރޮޖެކްޓާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގެންގޮހެވެ. އަންހެން ކުއްޖާ ކިޔައިންދިން ގޮތުގައި، އެ ސްޓޫޑިއޯ ތެރޭގައި އެމީހާ ގަދަކަމުން ބެހެން ފެށުމުން ސަލާމަތްވުމަށް އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެމީހާ ވަނީ އޭނާ ރޭޕްކޮށްފައި ކަމަށް ކުއްޖާ ކިޔައިދިނެވެ.

މި ޖެނުއަރީ މަހުގެ ތިންވަނަ ރޭގެ އަށެއް ޖަހާއިރު މި ހާދިސާ ހިނގިއިރު، ރޭޕްގެ ވާހަކަ ސިއްރު ކުރުމަށް 16،000 ރުފިޔާ ދޭނެ ކަމަށް އެމީހާ ބުނި ކަމަށް ވެސް އަންހެން ކުއްޖާ ބުންޏެވެ. އޭނާ ބުނަނީ އެ ފައިސާގައި އޭނާ ހިފާފައި ނުވާނެ ކަމަށެވެ. އޭނާއަށް އެ ސްޓޫޑިއޯއިން ނުކުމެވުނީ އެ ރޭ 9:00 ގައި ކަމަށް އޭނާ ބުންޏެވެ. އެ އަންހެން ކުއްޖާ ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާގެ ރައްޓެހިން ކަމަށް ވެސް އެ ވާހަކަ ކިޔައި ދެމުން އޭނާ ބުންޏެވެ. އެކަމަކު ހަސަން މިހުރިހާ ވާހަކައެއް ދޮގުކުރެ އެވެ.

"އަޅުގަނޑަށް ބެލެވޭ ގޮތުގައި މިއީ މާކުރިން އަޅުގަނޑުގެ ނަން ހަޑިކުރަން ރާވައިގެން ހިންގި ކަމެއް، އަޅުގަނޑަކީ އަމިއްލަ މަސައްކަތުން ދިރިއުޅުމެއް އުޅެމުން އައި މީހެއް، ދުވަހަކު ވެސް އަޅުގަނޑާ ގުޅޭ ގޮތުން މިފަދަ އަޑެއް ނާރާ، މިއީ އަޅުގަނޑު ބަދުނާމް ކުރަން ރާވައިގެން ހިންގާ އަމަލެއް،" އަވަސްއާ ވާހަކަ ދައްކަމުން ހަސަން ބުންޏެވެ.

ސިޔާސީ އިސް ބޭފުޅަކު އޭނާގެ އާއިލާ މެންބަރަކަށްވާތީ، އެ ބޭފުޅާގެ ނަން ކިލަނބުކޮށްލުމުގެ ގޮތުން ކުރި އަމަލެއް ކަމަށް ވެސް ވެދާނެ ކަމަށް އޭނާ ބުންޏެވެ. ހަސަން ބުނީ، މި ތުހުމަތުތަކަށް ފަހު އޭނާގެ އަބުރު ކަތިލަމުން ދިޔައިރު ވެސް އެއްޗެއް ނުބުނެ ހުރީ ގާނޫނާއި ޝަރުއީ ދާއިރާއަށް އޭނާ އިތުބާރު ކުރާތީ ކަމަށެވެ. ފުލުހުން ހިންގާ ތަހުގީގަކުން އޭނާގެ ކުށެއް ނެތްކަން ހާމަވާނެތީ ކަމަށެވެ. އޭނާއަށް ހައްގު ލިބޭނެ ކަމަށް ވެސް ބުންޏެވެ.