ކާށިދޫ

ޑިންގީއެއްގައި ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސް މަރުވެފައި އޮތްވާ ފެނިއްޖެ

ކ. ކާށިދޫ ބަނދަރުގައި އޮތް ޑިންގީއެއް ތެރޭގައި އެ ރަށުގެ ކައުންސިލްގެ ކުރީގެ ރައީސް މަރުވެފައި އޮތްވާ ފެނިއްޖެ އެވެ. އޭނާ މަރުވެފައި އޮއްވާ ފެނުނީ މިއަދު ހަވީރު 3:00 ޖެހި އިރުއެވެ. ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސަކީ އީސާ ހަލީލެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ، ކާށިދޫ ބަނދަރުގައި އޮތް ޑިންގީއެއްގައި މީހަކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓް ލިބިފައިވާ ކަމަށެވެ. އަދި އެމީހާ އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައިވާ ކަމަށް ސިއްހީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ޑިންގީގެ ތެރޭގައި މަރުވެފައި އޮއްވާ އީސާ ހަލީލް ފެނުނު އިރު އޭނާގެ އުމުރަކީ 57 އަހަރެވެ. އީސާ ހަލީލަކީ ކާށިދޫގައި ވަރަށް މަޝްހޫރު، އަދި އެ ރަށުގެ ވަރަށް ބޮޑު ހިދުމަތްތެރި އެކެވެ. އީސަ މަރުވެފައި އޮތް ޑިންގީއަކީ ދެކުނު އަވަށު ހުރަސްތޮށި ކައިރިން ފަޅުތެރޭގައި އޮތް ޑިންގީއެކެވެ.

އޭނާ މަރުވާން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. އަނިޔާތަކެއް ލިބިފައިވާ ކަމުގެ މައުލޫމާތެއް ވެސް ނުލިބެ އެވެ. ފުލުހުން ބުނީ އެ މައްސަލަ މިހާރު ބަލަމުންދާ ކަމަށެވެ.

އީސައަކީ ރާއްޖޭގެ ނޫސްވެރިންނާވެސް ވަރަށް ގާތް ގުޅުމެއް ބޭއްވި ބޭފުޅެކެވެ. އޭނާ މަރުވި އިރު ރަށުގައި "މޮހަނު ވަނި" އެ ނަމުގައި ގެސްޓް ހައުސް އެއް ހިންގަ އެވެ.