ވިޔަފާރި

ވީއައިއޭ ފްރެންޗައިޒް އިމާރާތުގެ ބޮޑު ބައި ނިމިއްޖެ

  • މިހާރު ކުރަނީ އެތެރޭގެ މަސައްކަތްތައް
  • މިތަން ހިންގަން ތިން ފަރާތެއް ކުރިމަތިލައިފި
  • ބޭރުގެ ގިނަ ބްރޭންޑްތައް މިތަނަށް އަންނާނެ

ކެއިން ބުއިމުގެ ގިނަ ތަންތަނާއެކު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ތަރައްގީ ކުރާ، ފްރެންޗައިޒް އިމާރާތުގެ މަސައްކަތުގެ ބޮޑު ބައި ނިމިއްޖެ އެވެ.

ވީއައިއޭ ހިންގާ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނި ގޮތުގައި ފާސްޓުޑް ރެސްޓޯރެންޓްތައް ހިމެނޭ، ފްރެންޗައިޒް އިމާރާތުގެ ބޭރުގެ މަސައްކަތް ނިމި، މިހާރު ކުރަމުން ދަނީ އެތެރޭގައި ނިންމަން ހުރި ބައެއް މަސައްކަތްތަކެވެ.

ވީއައިއޭއިން ކުރިން ބުނެފައިވަނީ މިތަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ނިންމާލެވޭ ވަރުވާނެ ކަމަށެވެ.

އިމާރާތުގެ މަސައްކަތް ނިމިފައިވާއިރު، މި ތަން ހިންގަން ތިން ފަރާތަކުން ވަނީ ޝައުގުވެރިކަން ވަނީ ފާޅުކޮށްފަ އެވެ. މީގެތެރޭގައި އިންޓަނޭޝަނަލް ފްރެންޗައިޒް ތަންތަން ހިންގުމުގެ ލައިސަންސް ލިބިފައިވާ ކުންފުނިތައް ވެސް ހިމެނެ އެވެ.

ބޮޑު މިނުގައި ގާތްގަނޑަކަށް 14،000 އަކަފޫޓު ހުންނަ މި އިމާރާތުގެ ސްޓީލް އޮނިގަނޑު ރާވައި ވަނީ ނިމިފަ އެވެ. މި ތަން ހަދަނީ އެއާޕޯޓަށް އަންނަ މީހުން އަރާ ޖެޓީ ސަރަހައްދުގަ އެވެ. މި ތަނުގައި "ކޮފީ ޝޮޕް" ހިންގަން 231 އަކަ މީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ. އަދި "ޑޯނަޓް" ވިއްކަން ހާއްސަކޮށްގެން 80 އަކަމީޓަރުގެ ސަރަހައްދެއް ހާއްސަކޮށްފައިވާއިރު، "ކެޝުއަލް ޑައިނިން" އަށް 302 އަކަމީޓަރު ހުންނާނެ އެވެ. އަދި "ފާސްޓްފުޑް ކޮންސެޕްޓް" ރެސްޓޯރަންޓަކަށް 171 އަކަމީޓަރު ހާއްސަކޮށްފައިވެ އެވެ. މީގެ އިތުރުން ޕިއްޒާ ލިބޭ ސަރަހައްދުގެ ގޮތުގައި 99 އަކަމީޓަރުގެ ސަރަހައްދަކާއި އައިސްކްރިމީގެ މީރު ރަހަތަކަށް 14 އަކަމީޓަރުގެ ސަރަހައްދެއް ހުންނާނެ އެވެ.