ހަބަރު

ރައުދާގެ މަރުގެ ތަހުގީގު އަލުން ފަށައިފި

ބަންގްލަދޭޝްގެ ރާޖް ޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި މިދިޔަ އަހަރު މަރުވި ރާއްޖޭގެ ދަރިވަރު ރައުދާ އާތިފުގެ މަރު ތަހުގީގެއް ބަންގްލަދޭޝް ފުލުހުން އަނެއްކާވެސް ކުރަން ފަށައިފިއެވެ.

ބަންގްލަދޭޝްގެ ޕޮލިސް ބިއުއޯ އޮފް އިންވެސްޓިގޭޝަން (ޕީބީއައި)ގެ އިންސްޕެކްޓަރް އަލަމްގީރް ހުސައިންއާ ހަވާލާދީ "ދަ ޑެއިލީ ސްޓާ" ނޫހުން ޑިސެމްބަރު މަހުގެ 23 ވަނަ ދުވަހު ބުނެފައި ވަނީ ރައުދާގެ މަރު އަލުން ތަހުގީގު ކުރަން ފެށީ ކޯޓު އަމުރަކަށް ކަމަށެވެ.

"ހާދިސާ ހިނގި ތަނަަށް އަހަރެން ޒިިޔާރަތްކޮށްފިން ހާދިސާއާ ބެހޭ ހަގީގަތްތައް ހޯދަން،" އަލަމްގީރް ހުސައިން ނޫހަށް ވިދާޅުވެފައި ވެއެވެ.

ރާޖް ޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި ރައުދާ އާތިފު ދިރިއުޅުނު ކޮޓަރީގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ މިދިޔަ 2017 ވަނަ އަހަރުގެ މާޗްމަހުގެ 29 ވަނަ ދުވަހުއެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަަދޭޝް ސަރުކާރުން ފުރަތަމަ ބުނީ އޭނާ މަރުވީ ދަންޖެހިގެން ކަމަށެވެ.

ރައުދާގެ ހަށިގަނޑުގެ ފުރަތަމަ އޮޓޯޕްސީއަށް ފަހުގައި ވެސް ބަންގާޅު ފުލުހުން ބުނީ އޭނާ މަރުވީ އަމިއްލައަށް ކަމަށެވެ. ނަމަވެސް އެކަން ގަބޫލު ނުކޮށް އޭނާގެ މަރަކީ ގަތުލެއްގެ ގޮތުގައި ތަހުގީގުކޮށްދޭން އެދުނީ އޭނާގެ ބައްޕަ މުހައްމަދު އާތިފެވެ. ރައުދާގެ މަރާ މެދު ސިއައިޑީން ތައްޔާރުކޮށް ރާޖްޝާހީ މެޓްރޮޕޮލިޓޭން މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ފައިނަލް ރިޕޯޓާ ވެސް އާތިފު ވަނީ ދެކޮޅު ހަދާފަ އެވެ.

އާތިފު އެދުމުން ރައުދާގެ ހަށިގަނޑު އަލުން ނަގައިގެން އަލުން ޕޯސްޓްމޯޓަމް ހަދަން ރާޖްޝާހީ މެޖިސްޓްރޭޓް ކޯޓުން އަމުރެއް ނެރުނެވެ. އެ އަމުރު ތަންފީޒުކޮށް އޭނާގެ ޕޯސްޓްމޯޓަމް ދެވަނަ ފަހަރަށް ވެސް ހެދިއެވެ. ނަމަވެސް ދެވަނަ ޕޯސްޓްމޯޓަމްގެ ނަތީޖާވެސް އައީ ކުރިއެކޭ އެެއްގޮތަށެވެ.