ހަބަރު

ޓެކްސް ކޮމިޝަނަރުންގެ މަގާމާމެދު ސުވާލު އުފައްދައިފި

ޓެކްސް އިދާރާގެ ކޮމިޝަނަރު ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނަރު ހަސަން ޒަރީރު އެ މަގާމުތަކުގައި ތިއްބަވަނީ ގާނޫނާ ހިލާފަށް ކަމަށް މޯލްޑިވްސް ޓްރޭޑް ޔޫނިއަން (އެމްޓީޔޫ) އިން ބުނެފި އެވެ.

އެމްޓީޔޫއިން މިރޭ ނެރުނު ބަޔާނުގައި ބުނެފައި ވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނުގައި ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމަށް މީހުން އައްޔަން ކުރުމުގެ ހަމަތައް އެކުލަވާލާފައިވާ ކަމަށާއި ނަމަވެސް މިހާރު އެ މަގާމުގައި ތިބި ބޭފުޅުންނަކީ އެ ގާނޫނާ ހިލާފަށް އައްޔަން ކޮށްފައި ތިއްބެވި ބޭފުޅުން ކަމަށެވެ.

އެގޮތުން މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ބޯޑު އަދި ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރުގެ ދައުރަކީ ފަސް އަހަރު ކަމަށް ވާއިރު މީރާ އިން އެންމެ ފަހުން ބޯޑު އެކުލަވާލުމަށް މަޖިލީހަށް ފޮނުވުނު ނަންތަކުގެ ތެރޭގައި ޔަޒީދު އާއި ޒަރީރުގެ ނަން ހިމެނިފައި ނުވާ ކަމަށެވެ. އެހެންކަމުން އެދެ ބޭފުޅުން އެ މަގާމުތަކުގައި ހުންނަވަނީ ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނާ ހިލާފަށް މަޖިލީހުގެ ރުހުން ނުލިބި ކަމަށާއި އެ ދެ ބޭފުޅުންގެ މަގާމުގެ ގާނޫނީ ސައްހަކަން ގެއްލިފައިވާ ކަމަށެވެ.

"... ދިވެހި ވިޔަފާރިވެރިންނާއި މަސައްކަތްތެރިން ކުރާ މަސައްކަތުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް އާއި އަދި އެންމެހާ ފައިސާއާއި ބެހޭ އިސް ފަރާތްތަކަށް މަޖިލީހުގެ ރުހުން ލިބެން ޖެހޭއިރު، ގާނޫނާ ހިލާފަށް އެ މަގާމުގައި ހުރުމަކީ މި ޔޫނިއަން އިން ނުހަނު ކަންބޮޑުވާ ކަމެއް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ގާނޫނާ ހިލާފަށް ކޮމިޝަނަރާއި ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ތިއްބަވައިގެން އެދެ ފަރާތުން ނިންމާ ކަންކަމަކީ ގާނޫނީ ބުރަދަނެއް ހުރި ކަމެއް ނޫން ކަމަށާއި އެހެންކަމުން އެ ދެ ބޭފުޅުން މީރާއަށް ވަނުމާއި ކުރާ ހުރިހާ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލަން ގޮވާލާ ކަމަށެވެ. އަދި މީރާގެ މުއައްޒިފުންގެ މައްސޫލިއްޔަތުގެ ބޭރުން އެތަށް ސިޔާސީ ކަމެއް ކޮމިޝަނަރު އިސްކޮށް ހުންނަވައިގެން ކުރުވަމުންދާ ކަމަށް ވެސް އެމްޓީޔޫއިން ތުހުމަތު ކުރި އެވެ. އެހެންކަމުން ސަލާމަތީ ބާރުތައް ބޭނުންކޮށްގެން އެ ދެ ބޭފުޅުން މީރާއަސް ނުވަދެވޭ ގޮތް ހެދުމަށް އެ ޔޫނިއަން އިން އިލްތިމާސް ކުރި އެވެ.

އެކަމާ ގުޅިގެން ބަހެއް ހޯދުމަށް ޔަޒީދަށް ގުޅި ނަމަވެސް ފޯނަކަށް ޖަވާބެއް ނުދެއްވަ އެވެ.