ކުޅިވަރު

ތަށި ނުލިބޭނަމަ ޓޮޓެންހަމް ދޫކޮށްލުމުގެ އިޝާރާތެއް ކޭން ދީފި

ޓޮޓެންހަމް ހޮސްޕާއެކު ތަށި ނުލިބޭނެނަމަ އެ ޓީމު ދޫކޮށްލާނެ ކަމުގެ އިޝާރާތެއް، އިންގްލެންޑްގެ ފޯވަޑް ހެރީ ކޭން ދީފި އެވެ.

ޓޮޓެންހަމްގެ ކޯޗް މައުރީޝިއޯ ޕޮޗެޓިނޯ ދާދި ފަހުން ބުނެފައި ވަނީ، ކޭން ޓީމު ދޫކޮށްލަން ބޭނުންނަމަ، އޭނާ ހިފެހެއްޓެނެ ގޮތެއް ނޯންނާނެ ކަަމަށެވެ. ކޭން ގެންދިއުމަށް އެންމެ ބޮޑަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ކުލަބަކީ ރެއާލް މެޑްރިޑެވެ. ޕޮޗެޓިނޯ ބުނެފައި ވަނީ، ޓޮޓެންހަމް އަށް ކުރިން ކުޅުނު، ލުކަ މޮޑްރިޗާއި، ގެރެތު ބޭލް އަށް އައި ފަދަ ހުށަހެޅުމެއް، ކޭން ގެންދިއުމަށް އައިސްފިނަމަ ކުލަބުން އެކަމާ ވިސްނާނެ ކަމަށެވެ. މޮޑްރިޗާއި ބޭލްއަކީ މިހާރު ރެއާލް މެޑްރިޑްގެ ދެ ކުޅުންތެރިންނެވެ.

އެފްއޭ ކަޕްގައި އެފްސީ ވިމްބަލްޑަންއާ ދެކޮޅަށް ޓޮޓެންހަމް މޮޅު ކޮށްދިން މެޗަށްފަހު، މީޑިއާއިން ކޭން އާ ސުވާލު ކުރީ، ދިގު މުއްދަތަކަށް އެ ޓީމުގައި އޭނާ ބަހައްޓަން ބޭނުންނަމަ ޓީމުން ކުރަން ޖެހޭނެ ކަމަކީ ކޮބައިތޯ އެވެ. އެ ސުވާލަށް ކޭން ދިން ޖަވާބު މިއޮތީ އެވެ.

"އަހަރެން އަބަދުވެސް ބުނަމުން މި އަންނަނީ، ކުރިއެރުން ހޯދަމުން އައުން، ފެންވަރު ރަނގަޅު ވަމުން އައުން، ކޭން ބުންޏެވެ. "އަހަރެމެން ބޭނުން ވަނީ ތަށިތައް ލިބެން ފެށުން، އެއީ އަޒުމަކީ، ކުލަބަށް އެކަން ކުރެވޭނެނަމަ އަހަރެން މިތާންގައި ހުންނާނީ އުފަލުން."

ކޭން އަށް މުސާރައިގެ ގޮތުގައި ހަފުތާއަކު 200000 ޕައުންޑް ދޭގޮތަށް އޭނާއަށް އާ އެއްބަސްވުމެއް ދޭން، ޓޮޓެންހަމްއިން ތައްޔާރު ވަމުންދާ ކަމަށް ދެކެވޭ ވާހަކަ ތަކާ ގުޅިގެން ކޭން ބުނީ އެކަހަލަ އެއްވެސް ޚަބަރެއް އޭނާއަށް ލިބިފައި ނުވާ ކަމަށެވެ.