ހަބަރު

"އިންޑިއާގެ މައްސަލަހަތު ކުރިއަރުވާނީ އެގައުމުން، ރާއްޖެއެއް ނޫން"

އިންޑިއާގެ މަސްލަހަތުތައް ރާއްޖޭގައި ކުރިއަރުވަން ބޭނުން ނަމަ އެކަމަށް މަސައްކަތް ކުރަން ޖެހޭނީ އެ ގައުމުން ކަަމަށް އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އަހުމަދު މުހައްމަދު ވިދާޅުވެއްޖެ އެވެ.

"ގަވާނެންސް ނައު" ނަމަކަށް ކިޔާ މަޖައްލާއަކަށް ދެއްވި އިންްޓަވިއުއެއްގައި އަހުމަދު ވިދާޅުވެފައި ވަނީ އިންޑިއާގެ މަސްލަހަތު ކުރިއެރުވުމަކީ ރާއްޖެއަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

"އިންޑިއާގެ މަސްލަހަތުތައް ރާއްޖޭގައި ކުރިއަރުވަން ބޭނުން ނަމަ އެމަސައްކަތް ކުރަން ޖެހޭނީ އިންޑިއާއިން ރާއްޖެއަކުން އެ މަސްލަހަތުތައް ކުރިއެއް ނޭރުވޭނެ. އަޅުގަނޑުމެެން ހުށަހެޅިން ގިނަ އިންވެސްޓްމެންޓްތަކެއް އިންޑިއާ ސަރުކާރަށް. އެއްވެސް ކަމެއް ވެއްޖެތޯ؟" ސަފީރު ވިދާޅުވެފައި ވެއެވެ.

ރާއްޖޭން އިންޑިއާއަށް ވުރެ ޗައިނާއަށް އިސްކަންދީގެން އުޅޭ ކަަމަށް ދެކެވޭ ވާހަކަތަކާ ބެހޭ ގޮތުން ދެންނެވި ސުވާލަށް ޖަވާބު ދެއްވަމުން އަހުމަދު ވިދާޅުވެފައި ވަނީ އިންޑިއާއާ ރާއްޖެއާ ދެމެދު ހިނގާ މުއާމަލާތްތައް ފެންނަލެއް މަދީ ކަމަށެވެ. މުއާމަލާތްތައް ކުރަން އިންޑިއާއިން ފަސް ޖެހެމުންދާ ކަަމަަށް ވެސް އޭނާ ވަނީ ނުސީދާ ގޮތެއްގައި ވިދާޅުވެފަ އެވެ.

"ފަހަކަށް އައިސް އަޅުގަނޑުމެންގެ ފޮރިން މިނިސްޓަރު އިންޑިއާއަަށް ޒިޔާރަތް ކުރައްވައިފި ހަތަރު ފަހަރަށް. އެކަމަކު އިންޑިއާގެ ފޮރިން މިނިސްޓަރު ވަޑައިގެންނެވީ އެންމެ ފަހަރަކު،" އޭނާ ވިދާޅުވެފައި ވެއެވެ.

ޗައިނާއާއި ރާއްޖެއާ ދެމެދު މިނިވަން ވިޔަފާރީގެ އެއްބަސްވުމެއްގައި ސޮއި ކުރުމުން އިންޑިއާ ސަރުކާރުން އަންނަނީ ސީދާ ގޮތުންނާއި ނުސީދާ ގޮތުން ހިތްހަމަ ނުޖެހުން ފާޅުކުރަމުންނެވެ. ނަމަވެސް އެފަދަ އެއްބަސްވުމެއް ރާއްޖެއާ އެކު ގާއިމް ކުރަން އެގައުމުން މަސައްކަތެއް ނުކުރެއެވެ. އިންޑިއާއާ ރާއްޖެއާ ދެމެދު އެންމެ ބޮޑު ނުތަނަވަސްކަމެއް އުފެދުނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިނިވަން ނުކޮށްގެންނެވެ. އެގައުމުގެ ބޮޑުވަޒީރު ނަރެންދުރާ މޯދީ ރާއްޖެއަށް ޒިޔާރަތް ނުުކުރައްްވާ ހުންނެވީ އެކަމާ ހެދި ކަަމަށް އިންޑިއާގެ ނޫސްތަކުން ކުރިން ރިޕޯޓްކޮށްފައި ވެއެވެ.