ހަބަރު

ޝަހިންދާއަށް އިންޒާރުދޭތީ ޖަމިއްޔާއަކުން ކަންބޮޑުވެއްޖެ

މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކްގެ ރައީސާ އަދި ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުގެ ކުރީގެ ރައީސާ ޝަހިންދާ އިސްމާއިލް ކުރެއްވި ޓްވިޓާ ގުޅިގެން އޭނާއަށް މަރުގެ އިންޒާރުތައް ދެމުންދާ ކަމަށް ބުނެ ސަރަހައްދީ ޖަމާއަތަކުން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމަށްވާ ސައުތު އޭޝިއަންސް ފޯ ހިއުމަން ރައިޓްސް (އެސްއޭއެޗްއާރް) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޝަހިންދާ ކުރެއްވި ޓްވީޓްގެ މައްސަލަ ތަހުގީގުކުރާތީ ވެސް ކަންބޮޑުވާ ކަމަށެވެ.

އެސްއޭއެޗްއާރްގެ ބަޔާނުގައި ބުނެފަައި ވަނީ ގެއްލިފައިވާ ނޫސްވެރިޔާ އަހުމަދު ރިލުވާނު ގެއްލުނު ހާދިސާއާއި ދާދި ފަހުން މަރައިލި ބްލޮގަރް ޔާމީން ރަޝީދުގެ ގަތުލުގެ ހާދިސާވެސް ހިނގާފައި ވަނީ ކާކުކަން ނެނގޭ ގޮތަށް ދިން އިންޒާރުތަކަަަކަށް ފަހުގައި ކަަން ފާހަގަ ކުރާ ކަމަށެވެ.

" މިދެ ހާދިސާގެ ކުރިން ވެެސް ސޯޝަލް މީޑިއާގައި ފުރައްސާރަކުރުމާއި ކާކުކަން ނޭނގޭ ގޮތަށް މަރުގެ އިންޒާރު ދިނުމުގެ ކަންތައް ހިނގިއެވެ. އެސްއޭ އެޗްއާރުން އިން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ގޮވާލަނީ ޝަހިންދާ އިސްމާއީލަށް ދިން އިންޒާރުތައް ރަނގަޅަށް ތަހުގީގުކޮށް އޭނާއަށާއި އާއިލާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށެވެ،" ބަޔާނުގައި ބުނެފައި ވެެއެވެ.

ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީނަކަށް ފުރުސަތު ނެތް ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ހަބަރު ރީޓްވީޓުކޮށް، ޝަހިންދާ ވިދާޅުވީ މި ދުނިޔޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދެއްވީ ﷲ ކަމަށާއި އެނޫން ނަމަ އެހެން ދީންތަކެއް ވެސް ނޯންނާނެ ކަމަށެވެ.

އެ ޓްވިޓާ މެދު ސޯޝަލް މީޑިއާގައި އެކި ފަރާތްތަކުން އަންނަނީ އެކި ހިޔާލުތައް ފާޅު ކުރަމުންނެވެ. އެގޮތުން ޝަހިންދާއަށް ރައްދު ދެއްވަމުން އިސްލާމިކް މިނިސްޓްރީން ބުނީ އިސްލާމްދީން ނޫން ދީނެއް ﷲ ތައާލާ އިންސާނުންނަށްޓަކައި ނުލައްވާ ކަމަށާއި އެހެން ދީންތަކަށް ޖާގަ ހޯދުމަށް މަގުފަހިވާ ވާހަކަތައް ނުފެތުރުމަށް ގޮވާލާ ކަމަށެވެ. އަދި ޖަމިއްޔަތުލް ސަލަފުން ކުރި ޓްވިޓުގައި ބުނެފައި ވަނީ އިސްލާމްދީނަށް ފުރައްސާރަކޮށް ފާޑުކިޔާ ދިވެހި ފަރުދުންނާއި މަދަނީ ޖަމްއިއްޔާތަކަށް ފިޔަވަޅު އެޅުމަށް ގޮވާލާ ކަމަށެވެ.