އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި ސާޖިއޯ އަގުއޭރޯ ކާމިޔާބު ކޮށްދިން ލަނޑާއެކު އިނގިރޭސި ލީގު ކަޕުގެ ސެމީ ފައިނަލް ފުރަތަމަ ލެގު އަމިއްލަ ދަނޑުގައި މެންޗެސްޓާ ސިޓީ ކާމިޔާބު ކޮށްފި އެވެ.
އިނގިރޭސި ޗެމްޕިއަންސިޕްގައި ޕްރޮމޯޝަން ޖާގައަކަށް ވާދަ ކުރަމުން އަންނަ ބްރިސްޓަލް ސިޓީ މެޗަށް ނިކުތްއިރު އެ ޓީމުގެ ފޯމު އޮތީ ވަރަށް ދަށްކޮށެވެ. ޗެމްޕިއަންޝިޕްގައި އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް އެ ޓީމު ވަނީ ބަލިވެފަ އެވެ.
ސެމީ ފައިނަލުން މެންޗެސްޓާ ޔުނައިޓެޑު 1-2 ބަލިކޮށް ޖާގަ ހޯދި ބްރިސްޓަލް ވަނީ މެންޗެސްޓާ ސިޓީ ސިއްސުވާލުމަށްފަހު ފުރަތަމަ ހާފް ނިމެން މިނިޓަކަށް ވެފައި ވަނިކޮށް މެޗުގެ ލީޑު ނަގާފަ އެވެ.
ސިޓީގެ ޑިފެންޑަރު ޖޯން ސްޓޯން ޕެނެލްޓީ އޭރިޔާ ތެރެއިން ބްރިސްޓަލް ސިޓީގެ ފޯވާޑް ބޮބީ ރެއިޑްއަށް ކުރި ކުށަކާ ގުޅިގެން ރެފްރީ ދިން ޕެނެލްޓީ ބޮބީ ރެއިޑް ވަނީ ގޯލްގެ ތިރީ ކަނަށް ފޮނުވާލާފަ އެވެ.
މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ސިޓީ އަށް ބްރިސްޓަލްގެ ކީޕަރު ފްރޭންކް ފްލްޑިންގެ ގޯލް ފޫއަޅުވާލެވުނީ ދެވަނަ ހާފްގެ 55 ވަނަ މިނިޓުގަ އެވެ. މިލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބްލެޖިއަމްގެ އެޓޭކިން މިޑްފިލްޑަރު ކެވިން ޑެބްރުން އެވެ.
އަރިމަތިން ރަހީމް ސްޓާލިން އަށް ހުސްކޮށްލާފައި ޑެބްރުން ދިން ބޯޅަ އޭރިޔާ ތެރެއިން ކޮންޓްރޯލް ކޮށްލުމަށްފަހު ސްޓާލިން ވަނީ އަލުން ޑެބްރުން އަށް ފަހަތަށް ކުޅެފަ އެވެ. އޭނާ ވަނީ އެބޯޅަ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
ސިޓީ މޮޅުކޮށްދިން ލަނޑު އިތުރު ވަގުތުގައި ކާމިޔާބުކުރީ އަގުއޭރޯ އެވެ. އަރިމަތިން ބާނާޑޯ ސިލްވާ ނަގައިދިން ހުރަސް ބްރިސްޓަލްގެ ކީޕަރުން ފްލްޑިން ޕަންޗުކުރަން ނިކުތް ނަމަވެސް އަގުއޭރޯ ވަނީ ފްލްޑިން އަށް ވުރެ ކުރިން ބޯޅަ ގޯލްގެ ތެރެއަށް ފޮނުވާލާފަ އެވެ.
މިމެޗުން ބަލިވި ނަމަވެސް ބްރިސްޓަލް އަށް އަދިވެސް ފައިނަލްގެ ޖާގައެއް ހޯދުމުގެ ފުރުސަތު އެބައޮތެވެ. ދެވަނަ ލެގުގައި އެޓީމު އަމިއްލަ ދަނޑުގައި އެގްރިގެޓް ނަތީޖާއިން ސިޓީގެ މައްޗަށް ކުރި ހޯދައިފިނަމަ ފައިނަލްގެ ފުރުސަތު ލިބިގެންދާނެ އެވެ. ނަމަވެސް މެންޗެސްޓާ ސިޓީ މިހާރު ކުޅޭ ކުޅުމަށް ބަލާއިރު އެޓީމު ބަލި ކުރުމަކީ ފަސޭހަ ކަމެއް ނޫނެވެ.