ކުޅިވަރު

އިނގިރޭސި ފުޓްބޯޅައަށް ތާރީހީ އިންގިލާބެއް

އިނގިރޭސި ފުޓްބޯޅައަށް، ޒަމާނީ ބޮޑު ބަދަލެއް އައި ދުވަހަކަށް، މިދިޔަ ހޯމަ ދުވަހުގެ ރޭ ވެގެންދާނެ އެވެ. އެއީ ވީޑިއޯ އެސްސިސްޓެންޓް ރެފްރީ ނުވަތަ ވީއޭއާރް ޓެކްނޮލަޖީ، އިނގިރޭސި ފުޓްބޯޅައިގެ ވާދަވެރި މެޗެއްގައި ބޭނުން ކުރަން ފެށީ އެވެ. ދުނިޔޭގެ މީޑިއާތަކުން އެކަން ސިފަ ކުރީ "އިނގިރޭސި ފުޓްބޯޅައަށް އައި ތާރީހީ އިންގިލާބެއް" ގެ ގޮތުގައެވެ. އަންގާރަ ދުވަހަށް އިރު އިރު، އެކަމުގެ ޚަބަރުތައް، ދުނިޔޭގެ މީޑިއާތަކުން ފަތުރައިފި އެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު އެފްއޭ ކަޕުގައި ބްރައިޓޮން ހޯވް އެލްބިއޮން އެފްސީ އާއި ކްރިސްޓަލް ޕެލަސް ކުޅުނު މެޗަށް، ވީއޭއާރް ޓެކްނޮލަޖީ ވަނީ ފައްކާ ކޮށްފަ އެވެ. ރެފްރީންގެ ގޯސް ނިންމުންތަކާ ހެދި އިނގިރޭސި ލީގްތަކުގެ ކޯޗުންގެ ފާޑު ކިޔުން ރެފްރީންނަށް އޮއްސާލަނީ މާބޮޑަށެވެ. މީޑިއާގެ ފާޑުކިޔުން ލީގްގެ އިންތިޒާމު ކުރާ ފަރާތްތަކަށް ވެސް އޮތީ ބޮލަށް އުނދަގުވާ މިންވަރަށެވެ.

މެޗުގެ ނަތީޖާ ކަނޑައެޅުނީ، މެޗުގެ ފަހުކޮޅުގައި ބްރައިޓޮން އަށް ގްލެން މަރީ ލަނޑު ކާމިޔާބު ކޮށްދީ 2-1 މޮޅު ކޮށްދިނުމުންނެވެ. އެ ލަނޑާމެދު ގޮތް ނިންމަން ވީއޭއާރް މެދުވެރި ކުރަން ނުޖެހުނު ނަމަވެސް، މަރީ ހުރީ އޮފްސައިޑް ޕޮޒިޝަނެއްގައި ނޫންކަން ކަށަވަރުވީ ވީއޭއާރްގެ އެހީގަ އެވެ.

މަރީ ލަނޑު ޖެހީ ބްރައިޓޮންއިން އުފެއްދި ހަމަލާއަށް ގޯލައާ ހަމަޔަށް ގޮސް އޭނާގެ ގައިގައި ޖައްސާފަ އެވެ. އޭނާގެ އަތް ބޯޅައިގައި ޖެހުނު ކަމަށްވެސް ވާހަކަ ދެކެވުނެވެ. މެޗު ފެށިގެން ނިމެންދެން، މެޗުގެ ރެފްރީ އެންޑްރޭ މަރީނިއާ ހުރީ ވީއޭއާރް ކޮންޓްރޯލް ކުރާ ޓީމާ ގުޅިފަ އެވެ. އެހެންވެ، މާ އުނދަގޫތަކެއް ނެތި އޭނާއަށް އެ ލަނޑާ މެދު ގޮތް ނިންމޭ ގޮތް ވިއެވެ.

"ބޯޅަ ޖެހުނީ އަހަރެންގެ އަތަކު ނޫން، އަހަންނަށް ހީވަނީ އަތުގައި ޖެހުނު ނަމަ ވީއޭއާރުން އެކަން ހުއްޓުވާނެ ހެން،" މެޗަށް ފަހަހު ވާހަކަ ދައްކަމުން މަރީ ބުންޏެވެ. "އެ ބޯޅައަށް އަހަރެން ކޮންމެވެސް ގޮތަކުން ޖެހެން ޖެހޭނެކަން އަހަންނަށް އެނގޭ، ނަސީބަކުން އަހަންނަށް އެކަން ކުރެވުނު އަހަންނަށް ހީވަނީ އެ ބޯޅައިގައި ޖެހުނީ އަހަރެންގެ ފަލަމަސް ހެން ނުވަތަ ކަކޫހެން ނުވަތަ އެކަހަލަ ކޮންމެވެސް ތަނަކުން."

"އަހަރެންގެ ގައިގައި އެ ބޯޅަ ޖެހުމާއެކު އަހަންނަށް އެނގިއްޖެ އަހަރެންގެ އަތް ގައިމުވެސް އެ ބޯޅައިގައި ނުޖެހޭކަން، އެކަން އަހަންނަށް ޔަގީން."

އެ ގޯލައާ މެދު ޕެލަސްގެ ކޯޗް ރޯއީ ހޮޖްސަންގެވެސް ކަންބޮޑުވުމެއް ނެތެވެ. އެ ގޯލުން އޭނާގެ ޓީމު މުބާރާތުން ކެޓިނަމަވެސް އޭނާ ގަބޫލު ކުރީ އެ ގޯލް ދެއްކީ ރަނގަޅަށް ކަމަށެވެ.

"[ލައިސްމަން] ނީލް ސްވާބްރިކްއަށް އެ މަންޒަރު މާ ރަނގަޅަށް ފެންނާނެ، އަދި އެނގޭނެ އެ ބޯޅަ އަތުގައި ޖުހުނު ނަމަ،" އެ މެޗަށް ފަހު ވާހަކަ ދައްކަމުން ހޮޖްސަން ބުންޏެވެ. "[ވީއޭއާރް] ސިސްޓަމް ތާރަފު ކުރިކަމަށް ޓަކައި އަހަރެން ޖެހޭނެ މަރުހަބާ ކިޔަން، އަހަރެން އެކަމާ ބެހޭގޮތުން މާބޮޑު ޝަކުވާއެއް ނެތް، ވީއޭއާރްއިން އެކި އޭންގަލްތަކުން އެކި ފަހަރުމަތިން ބެލޭ ގޮތް ހުންނައިރު އެއީ ގޯލެއް ނޫން ކަމަށް ނިންމައިފިނަމަ އެ ވާނީ ލަދުވެތި ކަމަކަށް."

އިނގިރޭސި ލީގަކީ ދުނިޔޭގެ އެންމެ މަޝްހޫރު ލީގެވެ. ނަމަވެސް އިނިގިރޭސި ފުޓްބޯޅައަށް ވީއޭއާރް ތާރަފު މިވީ އަދި ކިރިޔާ އެވެ. އިޓަލީ އާއި ޖަރުމަން އަދި ޕޯޗްގަލްގެ ލީގްގައި މިހާރުވެސް ވީއޭއާރް ބޭނުން ކުރެ އެވެ. އެންމެ މަޝްހޫރު އެއް ލީގް ސްޕެނިޝް ލަލީގާގައި އަދިވެސް ވީއޭއާރް ބޭނުން ކުރަން ނުފަށައެވެ. ސްޕެއިން އަކީ ރެފްރީންގެ ނިންމުންތަކާ މެދު އެންމެ ބޮޑަށް ހިތްހަމަނުޖެހުން އޮންނަ ގައުމެވެ. ބާސެލޯނާ އާއި ރެއާލް މެޑްރިޑްގެ އެންމެ ބޮޑު ޝަކުވާ އަކީވެސް ވީއޭއާރް ސްޕެނިޝް ލީގްގައި ނެތުމެވެ.