ކުޅިވަރު

އެތުލެޓިކޯގެ އެންމެ މުހިންމު ކުޅުންތެރިޔަކީ ކޮސްޓާ: ކޯޗް

ފަހުގެ ތާރީހްގައި އެތުލެޓިކޯ މެޑްރިޑުން ފެނުނު އެންމެ މުހިންމު ކުޅުންތެރިޔަކީ ޑިއޭގޯ ކޮސްޓާ ކަމަށް އެ ޓީމުގެ ކޯޗް ޑިއޭގޯ ސިމިއޯނޭ ބުނެފި އެވެ.

ތިން ވަނަ ޑިވިޝަން ކުލަބެއް ކަމަށްވާ، ލެއިދާ އެސްޕޯޝޫއާ އަތުން މޮޅުވެ ކްއާޓާ ފައިނަލު ޖާގަ ކަށަވަރު ކުރި މެޗަކީ އެތުލެޓިކޯ އަށް އެނބުރި އައިސް ކޮސްޓާ ކުޅުނު ތިން ވަނަ މެޗެވެ. ޗެލްސީއިން، ދޫކޮށްލުމުން ކޮސްޓާ އެނބުރި އެތުލެޓިކޯ އަށް އާދެވުނު ނަަމަވެސް އެތުލެޓިކޯގެ ޖޯޒީގައި އޭނާއަށް މެޗެއް ކުޅުވުނީ މި މަހު އެކެއްގެ ފަހުންނެވެ. އެތަށް މަހެއް ވަންދެން ވާދަވެރި މެޗެއް ނުކުޅެ ހުންނަން ޖެހުނު ނަމަވެސް، އެނބުރި އައިސް ކޮސްޓާ ދަނީ އޭނާގެ ޖާދޫ ދައްކަމުންނެވެ. ފުރަތަމަ ކުޅުނު ދެ މެޗުގައިވެސް އޭނާ ވަނީ ލަނޑު ޖަހާފަ އެވެ. އަދި ރޭ ގެ މެޗުގައި ލަނޑުޖަހަން ފުރުސަތު ތަނަވަސް ކޮށްދިނެވެ.

"އަހަރެން ޝައްކެއް ނުކުރަން، ކޮސްޓާއަކީ ފަހުގެ އަހަރުތަކުގައި އެތުލެޓިކޯއަށް ގެނައި އެންމެ މުހިންމު ކުޅުންތެރިޔާ." މެޗަށް ފަހު ވާހަކަ ދައްކަމުން ސިމިއޯނޭ ބުންޏެވެ.

ރޭގެ މެޗު، އެތުލެޓިކޯ ކާމިޔާބު ކުރީ 3-0 ން ނެވެ. އެ ޓީމުގެ ތިން ލަނޑުވެސް ކާމިޔާބު ކުރީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ޔަނިކް ފްރޭރާ ކެރަސްކޯ ކާމިޔާބު ކުރީ، ކޮސްޓާ ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ. ދެ ވަނަ ލަނޑު ކާމިޔާބު ކުރީ ކެވިން ގެމޭރޯ އެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި، އެތުލެޓިކޯ އާ ގުޅުނު ސެވިއްޔާގެ ކުރީގެ ކުޅުންތެރިޔާ ވިޓޯލޯ އަށްވެސް ޖެހުނީ، މި އަހަރު ފެށެންދެން މެޗެއް ނުކުޅެ ހުންނާށެވެ. ކޮސްޓާ އާއި ވިޓޯލޯ އަށް ޖެހުނީ ފީފާއިން އެތުލެޓިކޯއާ ދެކޮޅަށް އަޅި ޓްރާންސްފާގެ ބޭން އަށް މަޑު ކުރާށެވެ. އެއީ 18 އަހަރުން ދަށުގެ ކުޅުންތެރިންތަކެއް ގެނައުމުގައި ފީފާގެ ގަވާއިދުތަކާ އެ ކުލަބުން ހިލާފު ވުމުންނެވެ.

ރޭގެ މެޗުގައި، ވިޓޯލޯ ވަނީ އެތުލެޓިކޯ މެޑްރިޑަށް އޭނާގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީފަ އެވެ.

"އޭނާ [ވިޓޯލޯ] ވަރަށް ރަނގަޅަށް ކުޅުނު، އޭނާ އަންނަނީ އޭނާގެ ޖާގަ މަޑުމަޑު ޔަގީން ކުރަމުން، އޭނާ އަށް ޓީމު އެނގެން ވަގުތު ބޭނުންވޭ." ސިމިއޯނޭ ބުންޏެވެ.

އެތުލެޓިކޯ އޮތީ ސްޕެނިޝް ލީގްގެ ދެ ވަނައިގަ އެވެ. ނަމަވެސް ވާދަވެރި ރެއާލް މެޑްރިޑް އޮތީ ހަތަރު ވަނައިގައެވެ. ރެއާލް އަށް މިހާރު ދިމާވެފައިވާ މައްސަލައާ ބެހޭގޮތުން، ދޭން އޮތް ލަފާއަކީ ކޮބައިތޯ ސުވާލު ކުރުމުން، ސިމިއޯނޭ ބުނީ ރެއާލް މެޑްރިޑާ މެދު ކުރާނެ ކޮމެންޓެއް އޭނާގެ ނެތް ކަމަށެވެ.

ވެލެންސިއާވެސް ވަނީ ލަސްޕަލަމްސް އާ ދެކޮޅަށް ކުޅުނު މެޗު 4-0 ކާމިޔާބު ކޮށް ކްއާޓާގެ ޖާގަ ޔަގީން ކޮށްފަ އެވެ. ވެލެންސިއާގެ ހަތަރު ލަނޑުގެ ތެރެއިން ތިން ލަނޑު ޖަހައި ހެޓްރިކް ހެދީ އާޖެންޓީނާގެ ލޫސިއާނޯ ވިއޭޓޯ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ނެމެންޔާ މަކްސިމޮވިޗް އެވެ.