ހަބަރު

އިދިކޮޅުގެ ބޮޑު ޖަލްސާއެއް މާމިގިއްޔަށް

އދ. މާމިގިލީގައި ގުޅިފައިވާ އިދިކޮޅު ޕާޓީތަކުގެ ބޮޑު ޖަލްސާއެއް މާދަމާ ރޭ ބާއްވަން ނިންމައިފި އެވެ.

މިއީ ރައްޔިތުން މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތަމްސީލު ކުރައްވާ ދާއިރާގައި ހިމެނޭ އަދި އެމަނިކުފާނުގެ އުފަން ރަށުގައި، އިދިކޮޅު އިއްތިހާދުން މިފަދަ ޖަލްސާއެއް ބާއްވާ ފުރަތަމަ ފަހަރެވެ. އެ ޖަލްސާގައި އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެން، ވާހަކަފުޅު ދެއްކެވުމަށް ވެސް ހަމަޖެހިފައި ވެއެވެ.

ޖޭޕީގެ ސެކެޓަރީ ޖެނަރަލް އަހުމަދު ސަމީރު ވިދާޅުވީ މާދަމާ ރޭގެ ޖަލްސާއަށް އިދިކޮޅު ޕާޓީތަކުން ތައްޔާރުވަމުން އަންނަ ކަަމަށާއި އެގޮތުން މާމިގިއްޔާއި އދ. އަތޮޅުގެ ހުރިހާ ރައްޔިތުންނަށް ދައުވަތު އަރުވާ ކަމާށެވެ.

މާމިގިލީގައި ޖަލްސާއެއް ބާއްވާއިރު ތިން އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ ގާސިމް އިބްރާހިމް ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެން މިހާރު ދިރިއުޅެމުން ގެންދަވަނީ ޖަރުމަނުގަ އެވެ. އެމަނިކުފާނު އެންމެ ފަހުން އާންމު ދެއްވި މެސެޖުގައި ވަނީ ވަރަށް އަވަހަށް އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފަ އެވެ.

ގާސިމްގެ ރަށުގައި އިދިކޮޅު ޖަލްސާއެއް ބާއްވަނީ އެއް ކެނޑިޑޭޓަކު ނެރުމަށް އިދިކޮޅު ފަރާތްތަކުން މަޝްވަރާތައް ފަށާފައި ވަނިކޮށެވެ. ޖޭޕީން އަންނަނީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ގާސިމް މިނިވަންކޮށް ކެނޑިޑޭޓަކަށް ހެދުމަށް މަސައްކަތް ވެސް ކުރަމުންނެވެ.