ހަބަރު

ކޮލަމާފުއްޓާއި ދެއްވަދޫ ބޮއި ކެނޑުނުކަން އަންގާފައެއް ނެތް: ފިޝަރީޒް

ގއ. ކޮލަމާ ފުށްޓާއި އެއަތޮޅު ދެއްްވަދުއާ ދިމާއިން ބޭރުގައި ފިޝަރީޒް މިނިސްޓްރީން އަޅާފައިވާ އޮއިވާލިކަނދުފަތިތައް ކަނޑައިގެން ދިޔަކަން އެއަތޮޅުގެ އެއްވެސް ކައުންސިލަަކުން އަންގާފައި ނުވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.

އެ ދެކަނދުފަތި ކަނޑައިގެެން ގޮސްފައިވާތާ ހަމަސް ދުވަސް ވެފައިވާ ކަމަށް ބައެއް މީޑިއާތަކުން ފެތުރި ހަބަރަކާ ގުޅިގެން ފިޝަރީޒް މިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެ ދެކަނދުފަތި ކަނޑައިގެން ގޮސްފައިވާކަން ކަށަވަރުކޮށްދިނުމަށް ގއ. އަތޮޅު ކައުންސިލުގައި މިހާރު އެދިފައިވާ ކަމަށެވެ.

" ހުވަދުއަތޮޅު އުތުރުބުރީ އެއްވެސް ކައުންސިލްގެ އިދާރާއަކުން ގއ.ކޮލަމާފުއްޓާއި އެއަތޮޅު ދެއްވަދޫގެ ކަނދުފަތި ކަނޑައިގެން ގޮސްފައިވާކަމަށް މިމިނިސްޓްރީއައް އަންގާފައި ނުވާކަން ފާހަގަކުރަމެވެ،" ފިޝަރީަޒް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.

ބަޔާނުގައި ބުނެފައި ވަނީ ކަނދުފައްޗެއް ކަނޑައިގެން ދިޔަކަން ކަށަވަރުކުރަން އަމަލު ކުރަމުން އަންނަ އުސޫލެއް އޮންނަ ކަމަށެވެ. އެ އުސޫލަކީ ކަނދުފައްޗެއް ކަނޑައިގެން ދިޔަކަން މަސްވެރިން ރަށުކައުންސިލަށް ނުވަތަ އަތޮޅު ކައުންސިލަށް ދިނުމެވެ. އަދި އެގޮތުން ދޭ މައުލޫމާތުގެ ސައްހަކަން އިތުރު މަސްވެރިން ލައްވައި ކަށަވަރު ކުރުމަކީ ކައުންސިލްތަކުުން ކުރަން ޖެހޭ ކަމެކެވެ.

މިނިސްޓްރީން ބުނީ އެގޮތަށް އަމަލު ކުރަނީ ކަނދުފަތި ކަނޑައިގެން ގޮސްފައިވާ ކަމަށް ބައެއް ފަރާތްތަކުން ދޭ މައުލޫމާތަކާ ގުޅިގެން ބޮޑު ހަރަދެއް ކޮށްގެން ބަލާ އިރު ކަނދުފަތި ކަނޑައިގެން ނުގޮސް އޮތުން ފަދަ ކަންތައްތައް ކުރިން ހިނގާފައި ވާތީ ކަމަށެވެ. ކަނދުފައްޗަށް ލިބޭ ގެއްލުންތަކާ ބެހޭ މައުލޫމާތު ދިނުމަަށް މަސްވެރިންނަށް ވެސް އިލްތިމާސްކޮށްފައިވާނެ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެެއެވެ.

ގއ. ފަރުތަކުގައި ޖަހާފައިވާ ބައްތިތައް ނުދިއްލޭ ކަމަށް ފަތުރާފައިވާ ހަބަރާ ގުޅިގެން މިނިސްޓްރީން ބުނީ ބައްތިތައް ޖެހުމާއި ބެލެހެއްޓުމަކީ އެ މިނިސްޓްރީން ކުރާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް އެފަދަ ކަންކަމުގައި އެހީވަމުން އަންނަ ކަމަށާއި އެގޮތުން ގއ. އަތޮޅުގެ ބައްތިތައް ރަނގަޅު ކުރުމަށް ފައިސާގެ އެހީ ދީފައިވާނެ ކަމަށް ވެސް ބުންޏެވެ.

" 9 ބައްތިއެއް ޖެހުމައް ބޭނުންވާ 87500.00 (އައްޑިހަ ހަތްހާސް ފަސްސަތޭކަ ރުފިޔާ) ފައިސާ ވޭތުވެދިޔަ އަހަރުވާނީ ހުވަދުއަތޮޅު އުތުރުބުރި އަތޮޅު ކައުންސިލްގެ އިދާރާގެ އެކައުންޓައް ޖަމާކޮއްދީފައެވެ،" ފިޝަރީޒް މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.