ގައްސާން މައުމޫން

އަމާޒުވާ ކޮރަޕްޝަންގެ ތުހުމަތަކަށް ޣައްސާން ޖަވާބުދެއްވައިފި

ދަރުމަވަންތަ ހޮސްޕިޓަލް ނުވަތަ، އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ސިންގަޕޫރްގެ ކުންފުންޏަކާ ހަވާލު ކުރުމުގައި ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރު ޣައްސާން މައުމޫން ކޮރަޕްޝަން ހިންގެވި ކަމަށް ބުނެ އިިދިކޮޅު ފަރާތްތަކުން ފަތުރާ ވާހަކަތަކަށް ޣައްސާން މިރޭ ފުރަތަމަ ފަހަރަށް ޖަވާބު ދެއްވައިފި އެވެ.

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތް އަޅަން ހަވާލުކޮށްފައިވަނީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށާއި އެއަށްވުރެ ކުޑަ އަގުގައި އެ މަސައްކަތް ކުރެވޭނެ ކަމަށް އިދިކޮޅުން ފަރާތްތަކުން ދަނީ ބުނަމުންނެވެ. އަދި އެކަމުގައި އިސްކޮށް ހުންނެވީ ޣައްސާން ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

މި ތުހުމަތުތަކާ ގުޅޭ ގޮތުން ފުރަތަމަ ފަހަރަށް ޣައްސާން ވާހަކަ ދައްކަވާފައިވަނީ، ޕީއެސްއެމްގެ "އުއްމީދާއި ކުރިއެރުން" ޕްރޮގްރާމްގައި މިރޭ ބައިވެރިވެވަޑައިގެންނެވެ. އޭނާ މިރޭ ވިދާޅުވީ، އެއްވެސް އިރެއްގައި ކޮރަޕްޝަނެއްގެ އަމަލެއް ހިންގާފައިނުވާނެ ކަމަށާއި އެފަދަ ފުރުސަތެއް ވެސް އޭނާއަށް ނުލިބޭ ކަމަށެވެ.

"ކޮރަޕްޝަންގެ އަމަލެއް ހިންގާނެ މީހެއް ނޫން އަޅުގަނޑަކީ، އަޅުގަނޑު ރައީސް އޮފީހުގަ ނިސްބަތްވާ ޑިޕާޓްމެންޓްގެ މަސައްކަތަކީ ކަންކަން މޮނީޓާކުރުން، މަސައްކަތްތައް މީހުންނާ ހަވާލު ކުރުމެއް ނޫން، ހިނގަމުންދާ މަޝްރޫއުތައް ބެލުން، ތިކަހަލަ އެއްވެސް ކަމެއް [ކޮރަޕްޝަން] ކުރުމުގެ ފުރުސަތެއް ރައީސް ޔާމީންގެ ސަރުކާރުން ނުދޭ، އެހެން މިދެންނެވީ އައިޖީއެމްއެޗްގެ މަސައްކަތަށް ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރައްވާ، ކޮންޓްރެކްޓަރެއް ހޯދައި އެ މަސައްކަތް ހަވާލުކޮށްފައި އެވަނީ ގާނޫނާއި ގަވައިދާ އެއްގޮތްވާ ގޮތުގެ މަތިން، ކަނޑައެޅިފައިވާ ހުރިހާ އުސޫލާ އެއްގޮތްވާ މަތިން، އެއާ ހިލާފަށް އެއްވެސް ކަމެއް ކުރައްވާފައި އޮތް ކަމަށް ބުނާނެ އެއްވެސް ޖާގައެއް ނޯންނާނެ،" ޣައްސާން ވިދާޅުވި އެވެ.

އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ތަހުގީގުކޮށް އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށް ކަނޑައަޅާފައިވާކަން ވެސް ޣައްސާން ފާހަގަކުރެއްވި އެވެ.

"ބޮޑެތި ހުރިހާ މަޝްރޫއުތަކެއް ވެސް ރައީސް ޔާމީން ހިންގަވަނީ ވަރަށް ފަރުވާތެރިކަމާއެކު، މަސައްކަތް ކުރީމަ މަސައްކަތް ކުރޭތޯ ބަލަން ދިވެހިރާއްޖޭގެ ސަރުކާރުން އައްޔަންކޮށްފައި އިންޓަނޭޝަނަލް ކޮންސަލްޓޭޝަން ތިބޭނެ، އައިޖީއެމްއެޗް އިމާރާތުގެ މަޝްރޫއު ވެސް ބްރިޖް މަޝްރޫއުގަ ވެސް މިކަހަލަ ބޮޑެތި މަޝްރޫއުތަކުގަ ތިބޭނެ، އެމީހުންނަށް ފައިސާ ދޫކުރަނީ ވެސް ކޮންސަލްޓެންޓުން އެ މަސައްކަތެއް އެމީހުން ކުރި ކަމަށް ސޮއިކޮށް ކަށަވަރުކުރީމަ، އަޅުގަނޑަށް މިކަންކަން ވަރަށް ކައިރިން ފެންނާތީ އަޅުގަނޑަށް މިހެން ދަންނަވާލަން ޖެހެނީ، ބަޔަކު އަދި ތަނަކު ވާހަކައެއް ދެއްކިޔަސް އެއީ ތެދަކަށް ނުވާނެ، އަޅުގަނޑަކީ ރައީސް ޔާމީން މަސައްކަތް ކުރައްވާ ގޮތް ވަރަށް ކައިރިން ދުށުމުގެ ފުރުސަތު ލިބިފަ ހުރި މީހެއް،"

އިދިކޮޅުގެ ލީޑަރެއްގެ ގޮތުގައި މަސައްކަތްޕުޅު ކުރައްވަމުންދާ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ހަގު ދަރިކަލުން ޣައްސާން މައުމޫން ވިދާޅުވީ، ރައީސް ޔާމީން ބޭނުންފުޅު ވަނީ ރައްޔިތުންނަށް ސިއްހީ ހިދުމަތް ލިބޭ ތަނަކީ މި ސަރަހައްދުގަ ފާހަގަކޮށްލެވޭ ވަރުގެ ހޮސްޕިޓަލަކަށް ހެދުން ކަމަށެވެ. އެވަރުގެ އިމާރާތެއް އަޅަން، މަޝްރޫއު ދޫކޮށްފައިވާ އަގަކީ ވަރަށް އެކަށީގެންވާ އަގެއް ކަމަށް ފަންނީ ބޭފުޅުން ވެސް ވިދާޅުވެފައިވާ ކަމަށެވެ.

"އެއްވެސް ގޮތަކަށް ބައްލަވާ ނުލައްވާ މިވެނި ކަމެއް އެވެނި އަގަކަށް ކުރެވޭނެއޭ ވިދާޅުވުމަކީ ވަރަށް ފަސޭހަ ކަމެއް، އެކަމަކު މިހާތަނަށް އެވަރުގެ ކުޑަ އަގަކަށް ވެސް ނެތް ދެއްތޯ އެވަރުގެ އެވަރުގެ އިމާރާތެއް އެޅިފައެއް،" އައިޖީއެމްއެޗްގެ އިމާރާތް އަގު ބޮޑު ކަމަށް ބުނެވޭ ވާހަކަތަކަށް ޣައްސާން ރައްދުދެއްވި އެވެ.

ޣައްސާން ސަރުކާރުގައި ހުންނެވީ، އެކަމުގައި ކޮރަޕްޝަން ހިންގާފައިވާތީ، މަޖުބޫރީ ހާލަތެއްގަ ކަމަށް ވެސް އިދިކޮޅުން ތުހުމަތު ކުރެ އެވެ. އެ ތުހުމަތަށް ވެސް ޣައްސާން މިރޭ ވަނީ ރައްދު ދެއްވާފަ އެވެ. ވިދާޅުވީ، އެއީ މުޅިން ހަގީގަތާ ހިލާފު ވާހަކައެއް ކަމަށެވެ. އެއްވެސް މަޖުބޫރީ ހާލަތެއް ނެތް ކަމަށެވެ. އެފަދަ ވާހަކަތަކަށް މީޑިއާގައި ޖަވާބު މީގެކުރިން ދެއްވާފައިވަނީ އޭނާ ހުންނެވި ގޮތަށް އެއްވެސް ބަދަލަށް ނާންނާތީ ކަމަށެވެ.

"ބަޔަކު ވާހަކައެއް ދެއްކިޔަސް ކޮންމެ ފަހަރަކު އަޅުގަނޑު ޖަވާބު ދޭނއ ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން، އަޅުގަނޑު މިހުރީ ހުރި ގޮތުގައި، ރައީސް ޔާމީން ގާތަށް ވެރިކަމަށް ކުރިމަތިލެއްވުމަށް އެދެން ދިޔަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އަޅުގަނޑު މިހުރީ އެގޮތުގަ، އެހެންވެ އެ ގޮތް ބަދަލުނުވާނަމަ އެ ވާހަކަ އަބަދު ދެއްކުމުގެ ބޭނުމެއް އޮތް ކަމަށް ނުދެކެން،" މީޑިއާއަށް ޣައްސާން އެހާ ބީރައްޓެހީ ކީއްވެތޯ ސުވާލުކުރުމުން ޣައްސާން ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ އިމާރާތުގެ އަގުގެ ދިފާއުގައި ރައީސް އަބްދުﷲ ޔާމީން ވެސް ވާހަކަ ދައްކަވާފައިވެ އެވެ. ރައީސް ވިދާޅުވެފައިވަނީ، އައިޖީއެމްއެޗްގެ އާ އިމާރާތް 40 މިލިއަނަށް ރުފިޔާއިން ހެދޭނެ ކަމަށް ބުނެ ޖަގަހަތަކުގައި ވާހަކަ ދައްކާ އަޑު އިވިވަޑައިގަންނަވާ ކަމަށާއި އެކަމަކު އެއީ ކިހިނެއްވާނެ ކަމެއް ކަން އެނގިވަޑައި ނުގަންނަވާނެ ކަމަށެވެ. އެކަން އިދިކޮޅު ފަރާތްތަކުން ސާފުވެސް ނުކޮށްދޭ ކަމަށެވެ. އައިޖީއެމްއެޗްގެ އާ އިމާރާތް ބިނާކުރަނީ، ހޮސްޕިޓަލުގެ ދެކުނަށް އޮންނަ ޕާކިން ލޮޓު ހިމެނޭ ބިމުގައެވެ. މި މަޝްރޫއަކީ ގާތްގަނޑަކަށް 2.1 ބިލިޔަން ރުފިޔާގެ މަޝްރޫއެކެވެ.

މި އިމާރާތުގެ ހަ ބުރިއެއް ހާއްސަ ކުރަން ނިންމާފައި ވަނީ ނޭޝަނަލް ޑައިގްނޯސްޓިކް ހިދުމަތަށެވެ. އަދި ޑޮކްޓަރަށް ދެއްކުމާއި، އެކަމާ ގުޅިގެން ކުރަންޖެހޭ ހުރިހާ ތަހުލީލުތަކެއް ވެސް އެ އިމާރާތަށް ބަދަލު ކުރާނެ އެވެ. އެ އިމާރާތް އެޅުމުން އެޕޮއިންޓްމަންޓް ހެދުމާއި އެހެންވެސް އައުޓް ޕޭޝަންޓް މަސައްކަތްތައް ވެސް އެތަނަށް ބަދަލުކޮށް އިދާރީ ބައެއް މަސައްކަތް ވެސް އެ ބަޔަށް ގެންނަން ވަނީ ނިންމާފަ އެވެ.