ވިޔަފާރި

މަޓާޓޯ ޓްރެވަލް އެވޯޑުގެ ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ

May 4, 2015

ޓްރެވަލް އެޖެންޓުންގެ ޖަމިއްޔާ މަޓާޓޯ ޓްރެވަލް އެވޯޑުގެ، ޓެލެކޮމް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފި އެވެ.

އުރީދޫން ބުނީ އެ ކުންފުންޏާއި މަޓާޓޯއާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ދުބާއީ އާއި ކޮކޯ ބޮޑު ހިތީގައި ބާއްވާ މަޓާޓޯ ޓްރެވަލް އެވޯޑު އިވެންޓަށް އެ ކުންފުނިން އެހީތެރިކަން ދޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސްގެ ސީއީއޯ ވިކްރަމް ސިންހަ ވިދާޅުވީ މި އެވޯޑަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތް ކުރާ މީހުން އަގު ވަޒަން ކުރުމަށް ބާއްވާ މުހިންމު އެވޯޑެއް ކަމަށެވެ.

"ޓޫރިޒަމް އާއި ހޮސްޕިޓާލިޓީ ދާއިރާއަށް ނިސްބަތްވާ އުރީދޫ ގިނަ ކަސްޓަމަރުންގެ އަގު ވަޒަންކުރާ މަޓާޓޯ ޓްރެވަލް އެވޯޑު 2015 ގައި ހިއްސާވުމަކީ އަޅުގަނޑުމެން ވަރަށް ފަހުރުވެރިވާ ކަމެއް. އަޅުގަނޑުމެން އުންމީދުކުރަނީ މި ޕާޓްނާޝިޕްގެ ސަބަބުން އަޅުގަނޑުމެން ފުޅާކުރަމުންދާ އެންޓަޕްރައިޒް ސޮލިއުޝަނާއިއެކު ގިނަ ކަސްޓަމަރުންނާއި ބައްދަލުވާނެކަމުގެ އުންމީދު ކުރަން،" ވިކްރަމް ވިދާޅުވި އެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ދޭ އެންމެ ޝަރަފުވެރި އެވޯޑުގެ ގޮތުގައި ދެކޭ މަޓާޓޯ ޓްރެވަލް އެވޯޑުގެ 35 ކެޓަގަރީ އަށް 100 އަށްވުރެ ގިނަ ފަރާތުން ވަނީ ނޮމިނޭޓްވެފަ އެވެ.