ދުނިޔެ

ރޯހިންޔާ މީހުން މެރި ކަމަށް މިޔަންމާ ސިފައިން އެއްބަސްވެެއްޖެ

މިޔަންމާގެ ރާހިން ސްޓޭޓުގައި ދިރިއުޅޭ ބައިމަދު ރޯހިންޔާ ދަރިކޮޅުގެ މުސްލިމުންތަކެއް މެރި ކަމަށް އެ ގައުމުގެ ސިފައިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެެ އެވެ.

ރާހިން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އެތައް ޖަރީމާތަކެއް ހިންގި ކަމުގެ ފުރިހަމަ ހެކި ހުރުމާ އެކުގައި ވެސް މިޔަންމާ ސަރުކާރުން ކުރިން ބުނަމުން ގޮސްފައި ވަނީ އެމީހުން އެފަދަ ކަމެއް ނުކުރާ ކަމަށެވެ. ނަމަވެސް ދުނިޔޭގެ ގައުމުތަކުން އެ ގައުމަށް ފާޑުކިޔަން ފެށުމުން މިޔަންމާ ސިފައިން ބުނީ އެކަން ތަގުގީގު ކުރާނެ ކަމަށެވެ. އެގޮތުން ފުރަމަ ކުރި ކަމަށް ބުނާ ތަހުގީގަށް ފަހު ބުނީ މިޔަންމާ ސިފައިން އެފަދަ ކަމެއް ނުކުރާ ކަމަށެވެ.

އެއްވަޅެއްގައި ވަޅުލާފައިވާ ބައެއްގެ ކަަށިތައް ފެނުމުން މިދިޔަ ޑިސެމްބަރުމަހު މިޔަންމާ ސިފައިން ބުނީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށެ. އެ ގޮތުން ކުރި ތަހުގީގަށް ފަހު ނެރުނު ރިޕޯޓު އާއްމު ކުރީ މިޔަންމާ ސިފައިންގެ ވެރިޔާގެ ފޭސްބުކް ޕޭޖްގަ އެވެ. އެ ރިޕޯޓުގައި ބުނެފައި ވަނީ އެއީ 10 މީހެއްގެ ހަށިގަނޑު ކަމަށާއި އެމީހުން ގަތުލު ކުރީ މިޔަންމާ ސިފައިންގެ މަދަދާއެކު ބުޑިސްޓް އާއްމުން ކަމަށެވެ.

ނަމަވެސް އެމީހުންނާ ބެހޭ ގޮތުން ރިޕޯޓުގައި ބުނެފައި ވަނީ އެއީ "ބަންގާޅީ ޓެރަރިސްޓުން" ކަމަށެވެ. އެއި ރޯހިންޔާ ދަރިކޮޅުގެ ހުރިހާ މުސްލިމުންނަށް ނިސްބަތްކޮށް މިޔަންމާ ސިފައިންނާއި ބުޑިސްޓުންގެ އާއްމުން ބޭނުންކުރާ ނަމެވެ.

ރިޕޯޓުގައި ބުނެފައި ވަނީ އެ ގަތުލު އާއްމު ހިންގި މީހުންނާ ދެކޮޅަށް ދައުވާ ކުރާނެ ކަމަށެވެ.

ރޮއިޓާސްގެ ދެ ނޫސްވެރިއަކު މިޔަންމާގައި ހައްޔަރު ކުރީ ސިފައިންނާބެހޭ އެރިޕޯޓް އެމީހުން ހޯދުމުން ކަމަށް މިހާރު ވަނީ ބެލެވިފައެވެ.

ރާހިން ސްޓޭޓުގައި މުސްލިމުންނާ ދެކޮޅަށް ބޮޑެތި ޖަރީމާތައް ހިންގާފައެވެ.

އެގޮތުންް ހިންގި ޖަރީމާތަކުގެ ތެރޭގައި މީހުން މެރުމާއި އިތްފަތް ފޭރުމާއި ލާއިންސާނީ އަނިޔާތައް ދިނުން ހިމެެނެއެވެ. އެ ސަރަަހަދުން ރޯހިންޔާ މީހުން ހުސް ކުރަން ހިންގި އެ ޖަރީމާތަކުގައި އެމީހުން ދިރިއުޅޭ ގިނަ އަވަށްތަކެއްގައި ހުޅުޖަހައި އަންދާވެސް ލިއެވެ. އެ އަނިޔާވެރި ކަމުން ސަލާމަތްވާން އަވަށްޓެރި ބަންގްލަދޭޝްއަށް ދިޔަ މީހުންގެ އަދަދު ވަނީ ހަ ލައްކަައަށް ވުރެ މަތިވެފަ އެވެ.