ހަބަރު

ދެމަސްވެރިން މަރުވި ދޯނި ނުބާލައި އޮތީ މަރާމާތު ނުނިމޭތީ

ނ. ލަންދޫ ދޯންޏަކުން މަހައް ގޮސް އުޅެނިކޮށް ހަފުތާއެއްގެ ތެރޭގައި ދެ މަސްވެރިން ނިޔާވުމުން އެ މަސްވެރިން މަހަށް ދިޔަ ދޯނި އެހެލި ނަމަވެސް އެ ދޯނި އަލުން މަހައް ނުފުރާ އޮތީ އެކަމާ ގުޅިގެން ނޫން ކަމަށް އޮޑިވެރިޔާ ބުނެފިއެވެ.

ދެ މަސްވެރިން ނިޔާ ވުމާ ގުޅިގެން މަސްވެރިކަން ހުއްޓާލައި ދޯނި އެހެލުމަށް ފަހު އޮޑިވެރިޔާ ހާލިދު އަބޫ ބަކުރު އޭރު ބައެއް މީޑިއާތަކަށް ބުނެފައި ވަނީ ދޯނި އެހެލީ އެ ވަގުތައް އިތުރަށް މަސަައްކަތް ކުރަން ބޭނުން ނުވާތީ ކަމަށެވެ.

' މުރިނގު2' ނަމަކަށް ކިޔާ އެ ދޯނިން މިދިޔަ މަހު 21ގައި އެންމެ ފުރަތަމަ މަރުވީ އެ ދޯނީގެ ކެޔޮޅެއް ކަމަށްވާ އާދަމް އިސްމާއީލް، (45.އ)، އެވެ. އަދި އޭގެ ހަތް ދުވަސް ފަހުން އޭނާގެ އެކުވެރި އަހުމަދު ފައިސަލް، (45އ)، މަރުވީ އެން އުކަން ހުއްޓަ އެވެ.

ދެ މަސްވެރިން ވެސް ނިޔާވީ ހާޓްއެޓޭކެއް ޖެހިގެން ކަމަށް ބެލެވޭ ކަމަށް، އެ މީހުންނަށް ފަރުވާ ދިން އެ އަތޮޅު ކެނދިކުޅުދޫ ސިއްހީ މަރުކަޒުން އޭރު ބުންޏެވެ.

ޚާލިދު މިއަދު ' އަވަސް' އަށް ވިދާޅުވީ ދޯނި ނުބާލައި ހުރީ ކުދި ކުދި މަރާމާތުތައް ކުރަން ހުރީމާ ކަމަށެވެ. އަދި ބުނީ ދޯނިން މަހަށް ދާން އެއްވެސް މަސްވެރިއަކު އިއުތިރާޒް ނުކުރާ ކަމަަަށެވެ.

" އެކަހަލަ އެއްވެސް ކަމެއް ނެތް. ޚާދިދަށް އަދި މިއުޅެނީ ދޯނި ބޭލޭވަރު ނުވެގެން. ބައެއް ކުުދި ކުދި މަރަމާތުތައް ކޮށްލަން ހުރީމާ. އެކަންތައް ތައް ނިމޭ އިރަށް އަނެއްކާ ވެސް ދޯނި މަހަށް ފުރާނެ،" އޭނާ ބުންޏެވެ.

މުރިނގު ދޯނިން މަހަށް ދިޔަ ދެމީހުން ނިޔާވީ ސިހުރުގެ ސަބަބުން ކަމަށް އޭރުގައި އަޑު ފެތުރުނެވެ.


ލަންދޫ ކައުންސިލްގެ ރައީސް އަބްދުﷲ އާރިފް އޭރު ވިދާޅުވީ، ސިހުރު ހެދުމަކީ ރާއްޖޭގައި ވަރަށް އާންމުވެފައިވާ ކަމެއް ކަމަށާއި ނަމަވެސް މީގެ ކުރިން އެރަށުގައި އެކަހަލަ ހާދިސާއެއް ހިނގާފައިނުވާ ކަމަށެވެ. ކުއްލި ދެ މަރު ގާތްގާތުގައި ވުމުން އެރަށުގެ ރައްޔިތުން ތިބީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށާއި އެހެން ކަމުން އެކަން ތަހުގީގު ޖެހޭ ހުރިހާ ގޮތަކަށް ތަހުގީގު ކުރާނެ ކަމަށް އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ، ދެމީހުންގެ މަރަކީ ސިހުރުގެ ސަބަބުންވީ ދެ މަރު ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީވެ، އެކަން ތަހުގީގު ކުރަން ކައުންސިލުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ މައްސަލަ އަދި ތަހުގީގު ފަށާފައިނުވާ ކަމަށް އާރިފް ވިދާޅުވި އެވެ.

އާރިފް ވިދާޅުވީ، އެދެމީހުން މަރުވެފައިވަނީ ސިހުރުގެ ކަމެއްގެ ސަބަބުންތޯ ބަލާނެ ކަމަށާއި ނަމަވެސް ސިހުރު ހަދައިގެން އެމީހުން މަރާލި ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.

"ވަރަށް ގިނަ ފަރާތްތަކުން އެބަބުނޭ ސިހުރުގެ ސަބަބުންނޭ މަރުވީ، އެހެންވެ ކައުންސިލްގެ ތިން މެންބަރުން އެކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވަނީ، އެކަމަކު އަދި ތަހުގީގު ކުރާކަށް ނުފަށަން، ރައްޔިތުން މިކަމާ ގުޅިގެން ތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި، އެހެންވެ ތަހުގީގު ކުރާނަން ހުރިހާ ގޮތަކުންވެސް،" އާރިފް އޭރު ވިދާޅުވެގަފައި ވެއެވެ.