ކުޅިވަރު

ތުރާން އިސްތަންބޫލަށް، ބާސާއަށް އާ ޑިފެންޑަރެއް

ބާސެލޯނާގެ ފުރަތަމަ 11 އިން ޖާގަ ހޯދުމަށް، އުނދަގޫ ކުރިމަތިވެފައިވާ ތުރުކީގެ މިޑްފީލްޑާ އާދަ ތުރާން، އިންސަންބޫލުގެ އިސްތަބޫލް ބަސަކްޝިއާ އަށް ބަދަލު ވެއްޖެ އެވެ. އަދި ބާސާއިން މިއަދު ވަނީ ކޮލަމްބިއާގެ ޑިފެންޑަރެއް ކަމަށްވާ ޔޭރީ މިނާ ލައްވައި ސޮއި ކުރުވާފަ އެވެ.

ބަސަކްޝިއާގެ ކޯޗް އަބްދުﷲ އަވީސީ ބުނީ، ތުރާންގެ ޓްރާންސްފާގެ ރޭހުގައި އެ ކުލަބަށް ކާމިޔާބު ލިބިއްޖެ ކަމަށާއި އެ ޓީމުގެ ކުޅުންތެރިޔެއްގެ ގޮތުގައި ވަރަށް އަވަހަށް ތުރާން ދައްކާލާނެ ކަމަށެވެ.

"އާދަ [ތުރާން] ގެ ޓްރާންސްފާ އިއުލާން ކުރާނެ ބުރާސްފަތި ދުވަހު ނުވަތަ ހުކުރު ދުވަހު،" އަވީސީ ބުންޏެވެ. "އެއީ ފަސޭހަ ޓްރާންސްފާއެއް ނޫން، އާދަ [ތުރާން] ގެނައުމަކީ ގިނަ އަހަރުތަކެއް ވަންދެން އަހަރެމެންގެ ޓާގެޓެއްގެ ގޮތުގައި އޮތް ކަމެށް، ހުރިހާ ޝުކުރެއް ހައްގު ވަނީ ބަޝްކަޝިއާގެ ރައީސް އަށް."

ނަމަވެސް، ބާސާއިން ތުރާންގެ ޓްރާންސްފާއާ މެދު، މިހާތަނަށް ވަކި އެއްޗެއް ބުނެފައެއް ނެތެވެ. ބާސާއިން ވަނީ މިހާރު ކުރިއަށްދާ ޓްރާންސްފާގައި ޓީމު ދޫކޮށްލުމުގެ ހުއްދަ ތުރާން އަށް ދީފައެވެ. އެއީ އެ ޓީމަށް ބްރެޒިލްގެ މިޑްފީލްޑާ ފިލިޕޭ ކުޓީނިއޯ ގެނެސްފައި ވުމުންނެވެ. ބާސާއިން ނިންމާފައި އޮތީ، ތުރާން ބޭނުން ކުރަމުން އައި ހަތް ނަންބަރު ޖޯޒީ ކުޓީނިއޯ އަށް ދިނުމަށް ކަމަށް ސްޕެއިންގެ މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.

ބާސާއިން މިވަނީ، މި ޕީރިއަޑްގައި، އެ ޓީމަށް ދެ ވަނަ ކުޅުންތެރިޔަކު ގެނެސްފަ އެވެ. އެ ޓީމަށް ގެނައި، ޔޭރީ މިނާ އަކީ، ބްރެޒިލްގެ ޕަލަމީރަސް އަށް ކުޅެމުން ދިޔަ ކުޅުންތެރިޔެކެވެ. އޭނާ ގަތުމަށް، ބާސާއިން ވަނީ 11.8 މިލިއަން ޔޫރޯ ހޭދަ ކޮށްފަ އެވެ.

މިނާ، ވަނީ ފަސް އަހަރުގެ އެއްބަސްވުމެއްގައި ބާސާއަށް ސޮއި ކޮށްފަ އެވެ. 2023 ވަނަ އަހަރުގެ ނިޔަލަށް އޭނާ ބާސާގައި ދެމި ހުންނާނެ އެވެ. އެ މުއްދަތުގައި އެހެން ޓީމަކުން އޭނާ ގެންދަން ބޭނުންވެއްޖެނަމަ، 100 މިލިއަން ޔޫރޯގެ އަގެއް ހުށަހަޅަން ޖެހެ އެވެ.

ޔޭރީ މިނާ،23 ބާސާއަށް ގެނައީ، އެ ޓީމުގެ ތަޖުރިބާކާރު ޑިފެންޑަރު އާޖެންޓީނާގެ ހާވިއާ މެޝަރާނޯ، ޗައިނާގެ ސްޕަ ލީގަށް ބަދަލުވާން އުޅޭތީ، އޭނާގެ މަގާމު ފޫބެއްދުމަށް ކަމަށް ސްޕެއިންގެ މާކާ އިން ބުނެ އެވެ.