ހަބަރު

އެއްގައުމުން އަނެއް ގައުމަށް އިސްކަންދޭން އިންޑިއާ ރާއްޖެ މަޝްވަރާކޮށްފި

އެއްގައުމުން އަނެއް ގައުމަށް އިސްކަންދޭ ސިޔާސަތު އިސްކޮށްގެން އިންޑިއާއާ ރާއްޖޭން ގުޅުން ބަދަހި ކުރުމުގެ މަޝްވަރާކޮށްފި އެވެ. މިފަހުން ރާއްޖެ-އިންޑިއާގެ ގުޅުމާ މެދު އެކި ފަރާތްތަކުން އަންނަނީ ބޮޑެތި ސުވާލުތަކެއް އުފައްދަމުން އެވެ.

އިންްޑިއާއާ ރާއްޖޭގެ ގުޅުމާ ބެހޭ މަޝްވަރާ ކުރެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީނު އަބުދުލް ގައްޔޫމުގެ މަންދޫބެއްގެ ގޮތުގައި މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމާއި އެގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރް ސުޝްމާ ސުވަރާޖެވެ.

ދެބޭފުޅުންގެ ބައްދަލުވުމާ ބެހޭ ގޮތުން އިންޑިއާގެ އެކްޓާނަލް އެފެއާޒް މިނިސްޓްރީގެ ތަރުޖަމާނު ރަމީޝް ކުމާރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޑރ. އާސިމާއި ސުޝްމާ ސުވަރާޖް ބޭއްވެވީ ބިނާކުރަނިވި މަޝްވަރާ ތަކެއް ކަަމަށެވެ.

" ... ދިވެހިރާއްޖޭގެ ' އިންޑިއާ ފަސްޓް ޕޮލިސީ' އާއި އިންޑިއާގެ ' ނެއިބަހުޑް ފަސްޓް' ޕޮލިސީ ވިސްނުންފުޅުގައި ބަހައްޓަވައިގެން ދެގަައުމުގެ ގުޅުން ވަރުގަދަ ކުރެއްވުމަށް ދެބޭފުޅުން ބޭއްވެވީ ބިނާކުރަނިވި މަޝްވަރާތަކެއް،" ރަމީޝް ކުމާރު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައި ވެއެވެ.
އާސިމް އިންޑިއާއަށް ވަޑައިގަތީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރަން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މިނިސްޓަރު އިންޑިއާއަށް ވަޑައިގެންނެވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ ކަމަށް އިންޑިއާ ނޫސްތަކުން ހަބަރު ފަތުރާގައި ވަނިކޮށެވެ.

ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެ ގައުމުގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖްއާ އާސިމް މާދަމާ ބައްދަލު ކުރައްވަން ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ ނޫސްތަކުން ވެސް މިއަދު ބުންޏެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑު ފެތުރުނީ ފްރީ ޓްރޭޑް އެއްބަސްވުމުގައި ރާއްޖެއިން ޗައިނާއާ އެކު ސޮއި ކުރުމުންނެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ އެ އެއްބަސްވުމުގައި ސޮއިކުރުމަކުން ދެ ގައުމުގެ ގުޅުމަކަށް ބުރުލެއް ނާރާނެ ކަމަށެެވެ. ރާއްޖޭން ފުރަތަމަ އިންޑިއާއާ އެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއި ކުރާނެ ކަމަށް ދިވެހި ސަރުކާރުން ބުނެފައިވާ ކަމަށް އިންްޑިއާގެ ނޫސްތަކުން ފަތުރާފައިވާ ވާހަކަ އެ ގައުމުގައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވަނީ ދޮގު ކުރައްވާފަ އެވެ.

"މުއާމަލާތްތަކާއި މަޝްވަރާތަކުގައި ރަސްމީ އަދި ނުރަސްމީ ރެކޯޑެއް ވެސް ނެތް އަޅުގަނޑުމެން ފުރަތަމަ އިންޑިއާއާ އެކު އެފްޓީއޭގައި ސޮއިކުރަން ވައުދުވި ކަމުގެ،" އިންޑިއާގެ ދަ ޓްރައިބިއުން ނޫހަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވެފައި ވެއެވެ.

އިންޑިއާއާއެކު ފްރީ ޓްރޭޑް އެއްބަސްވުމެއްގައި ސޮއިކުރުން ލަސްވަނީ ކީއްވެތޯ ދެނެންނެވުމުން ސަފީރު ވިދާޅުވެފައި ވަނީ އެކަމުގެ ވަކި މިވެނި ސަބަބެއް އެނގިވަޑައި ނުގަންނަވާ ކަމަށެވެ.

"އެބަހުރި މިހާރަށް ވުރެ ހަލުވިކޮށް ކުރިއަށްދާން ޖެހޭ ކަންތައްްތަކެއް، އެފްޓީއޭ ވެސް ހިމެނޭ ގޮތުން،" އޭނާ ވިދާޅުވެފައި ވެއެވެ.