ހަބަރު

ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މޯދީ ވިދާޅުވެއްޖެ

ރަނގަޅު ވަގުތެއްގައި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ މިއަދު ވިދާޅުވެއްޖެ އެވެ. މޯދީ އެހެން ވިދާޅުވީ، ފޮރިން މިނިސްޓަރު މުހައްމަދު އާސިމްއާއެކު ބޭއްވި ބައްދަލުވުމުގައި ރާއްޖެ ވަޑައިގަތުމަށް އެމަނިކުފާނަށް ދައުވަތު އެރުވުމުން އެ ދައުވަތު ގަބޫލުކުރައްވާ އެވެ.

މީގެކުރިން 2015 ވަނަ އަހަރުގެ މާޗް މަހު މޯދީ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ހަމަޖެހުނެވެ. ނަމަވެސް އަވަށްޓެރި އެހެން ގައުމަތަކަށް ވަޑައިގަތުމަށްފަހު ވެސް މޯދީ ރާއްޖެ ވަޑައިއެއް ނުގަންނަވަ އެވެ. އޭގެ ފަހުން ރައީސް އަބްދުﷲ ޔާމީން އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި ވެސް މޯދީއަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އެރުއްވި އެވެ. އެ ދައުވަތު ވެސް މޯދީ ގަބޫލު ކުރެއްވި އެވެ. ނަމަވެސް މިހާތަނަށް މޯދީ ރާއްޖެ ވަޑައެއް ނުގަންނަވަ އެވެ.

ދެ ގައުމުގެ ގުޅުމަށް މިހާރު ނުތަނަވަސްކަން މެދުވެރިވެފައިވާއިރު، މޯދީ ރާއްޖެ ވަޑައިގަންނަމަ ދެ ގައުމުގެ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވީސް ކަމަށް ރާއްޖެ އިން އިންޑިއާ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަހުމަދު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

ދެ ގައުމުގެ ދެމެދު އޮތް ނުތަނަވަސްކަން ފިލުވުމަށް މިހާރު ފޮރިން މިނިސްޓަރު ހުންނެވީ ރައީސް އަބްދުﷲ ޔާމީންގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިންޑިއާއަށް ވަޑައިގެންނެވެ. މޯދީއާއެކު ފޮރިން މިނިސްޓަރު މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ވަނީ އިންޑިއާއާމެދު އޮތް ގާތް ގުޅުމާއި ދިވެހި ސަރުކާރުގެ "އިންޑިއާ ފަސްޓް ޕޮލިސީ"އާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ. ދެ ގައުމުގެ ޒަމާންވީ ގާތް ގުޅުމުގެ މުހިންމުކަމާމެދު ވެސް މަޝްވަރާ ކުރެއްވި އެވެ.

ބޮޑު ވަޒީރު ވަނީ ރާއްޖެއާއެކު އޮތް ގާތް ގުޅުން އަބަދުވެސް ދަމަހައްޓައި، ރާއްޖެއަށް އެހީތެރިވެ ދިނުމުގައި އަބަދުވެސް އިންޑިއާ ދެމި އޮންނާނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަދި ރާއްޖޭގެ ކުރި އެރުމާއި ރައްކާތެރިކަމަށް އިންޑިއާއިން އަބަދުވެސް އިސްކަން ދޭނެ ކަމަށް މޯދީ ވިދާޅުވެފައިވެ އެވެ.

މޯދީގެ އިތުރުން ފޮރިން މިނިސްޓަރު ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރް ސުޝްމާ ސުވަރާޖާ ވެސް ބައްދަލުކުރައްވާފަ އެވެ. އާސިމް އިންޑިއާއަށް ވަޑައިގަތީ ދެ ގައުމުގެ ގުޅުން ބަދަހި ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރަން ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. މިނިސްޓަރު އިންޑިއާއަށް ވަޑައިގެންނެވީ ރާއްޖެ އާއި އިންޑިއާގެ ގުޅުން ގޯސްވެފައިވާ ކަމަށް އިންޑިއާ ނޫސްތަކުން ހަބަރު ފަތުރާގައި ވަނިކޮށެވެ.

ދެ ގައުމުގެ ގުޅުން ގޯސްވެފައިވާ ކަމަށް އަޑު ފެތުރުނީ ފްރީ ޓްރޭޑް އެއްބަސްވުމުގައި ރާއްޖެއިން ޗައިނާއާ އެކު ސޮއި ކުރުމުންނެވެ. ސަރުކާރުން ކުރިން ބުނެފައި ވަނީ އެ އެއްބަސްވުމުގައި ސޮއިކުރުމަކުން ދެ ގައުމުގެ ގުޅުމަކަށް ބުރުލެއް ނާރާނެ ކަމަށެެވެ.