ހަބަރު

ސިއްހީ ދާއިރާއަށް އިންޑިއާއިން ދޭ އެހީއަށް ޝުކުރު އަދާކުރައްވައިފި

ރާއްޖޭގެ ފަހު ސިއްހީ ނިޒާމަށް އިންޑިއާއިން ވެދީފައިވާ އެހީތެރިކަމަށް ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން ޝުކުރު އަދާކުރައްވައިފި އެވެ. ދުންޔާ އިންޑިއާއަށް ޝުކުރު އަދާކުރެއްވީ، އިންޑިއާގެ އެހީގައި ރާއްޖޭގައި އެޅި އައިޖީއެމްއެޗް ހޮސްޕިޓަލަށް 70 އަހަރުވީ މުނާސަބަތުގަ އެވެ.

އަވަސްއާ ވާހަކަ ދައްކަވަމުން ދުންޔާ ވިދާޅުވީ، އައިޖީއެމްއެޗްއަކީ ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮތް ގުޅުމުގެ ރަމުޒެއް ކަމަށެވެ. ރާއްޖޭގައި ފަހުގެ ސިއްހީ ނިޒާމް ގާއިމުކުރުމުގައި އިންޑިއާއިން ވެދީފައިވާ އެހީތެރިކަމަކީ ޝުކުރު ހައްގު އެހީތެރިކަމެއް ކަމަށެވެ.

އައިޖީއެމްއެޗްއަށް 70 އަހަރުވެގެން ދިޔައިރު، ރާއްޖޭގެ ސިއްހީ ނިޒާމަށް މި ސަރުކާރުން ހެޔޮ ބޮޑެތި ބަދަލުތަކެއް ގެންނަމުންދާކަން ދުންޔާ ފާހަގަކުރެއްވި އެވެ. އެގޮތުން އައިޖީއެމްއެޗްގައި އާ ހިދުމަތްތަކެއް ފަށައި، ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެފައިވާކަން ދުންޔާ ފާހަގަކުރެއްވި އެވެ. އެގޮތުން ހިތުގެ ބައްޔަށް ފަރުވާ ލިބުމާއި ހުޅުމާލޭ ހޮސްޕިޓަލްގައި ކެންސާ ސްކްރީންގެ ހިދުމަތް ފެށުން ދުންޔާ ފާހަގަކުރެއްވީ ބޮޑު ކާމިޔާބެއްގެ ގޮތުގަ އެވެ.

މީގެއިތުރުން ރާއްޖޭގެ ސިއްހީ ނިޒާމް އިތުރު ހަރުފަތަަކަށް ގެންދިޔުމަށް އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތެއް އެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ އިމާރާތް އެޅުމުން އާ އިތުރު ހިދުމަތްތަކެއް ފެށިގެންދާނެ އެވެ. އަދި އެ ތަނުގައި މެޑިކަލް ކޮލެޖެއް ވެސް ހުޅުވާނެ އެވެ. މެޑިކަލް ކޮލެޖް ގާއިމުކުރުމުގެ މަސައްކަތުގައި އެންމެ އިސްކޮށް އުޅުއްވަނީ ދުންޔާ އެވެ.

ދުންޔާ ވަނީ ސިއްހީ ނިޒާމުގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ހުސްނުވާ އާސަންދަ ވެސް ފާހަގަކުރައްވާފަ އެވެ. އާސަންދަ މެދުވެރިކޮށް ގިނަ ބަލިތަކަށް ފަރުވާ ހޯދޭކަން ފާހަގަކުރައްވައި ދުންޔާ ވިދާޅުވީ، އެ ހިދުމަތަކީ ރައްޔިތުންނަށް ވަރަށް ބޭނުންހުރި މުހިންމު ހިދުމަތެއް ކަމަށެވެ.

ރާއްޖޭގެ ސިއްހީ ނިޒާމު ކުރިއަރަމުން ދިޔަ ނަމަވެސް އަދިވެސް މައްސަލަތަކާއި ގޮންޖެހުންތައް އެބަހުރި ކަމަށާއި އެކަންކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. ރާއްޖެއަކީ މިހާރު ވެސް އާބާދީގެ ނިސްބަތުން ޑޮކްޓަރުން ގިނަ ގައުމެއްގެ ގޮތުގައި ދުންޔާ ފާހަގަކުރެއްވި އެވެ. އަދި، ކޮލިޓީ ހެލްތް ކެއާގެ ހިދުމަތެއް ދެމުންދާ ގައުމެއް ކަަމަށް ވިދާޅުވި އެވެ.

ދުންޔާ ވިދާޅުވީ، މިހާރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ގައިންގަޔަށް އަރާ ބަލިތައް ރާއްޖޭގައި އިތުރުވެފައިވުން ކަމަށާއި އެކަން ހައްލު ކުރެވޭނީ ފަރުދީ ގޮތުން ވެސް ޒިންމާތަކެއް ނަގައިގެން ކަމަށެވެ. މީހަރަށްވުރެ ހޭލުންތެރިވެ، އެފަދަ ބަލިތަކަށް ރައްޔިތުން ރައްކާތެރިވުމަށް ދުންޔާ ގޮވާލެއްވި އެވެ.