ދުނިޔެ

އިކުއެޑޯއިން ވިކިލީކްސްގެ ވެރިޔާއަށް ރަށްވެހިކަން ދީފި

އެމެރިކާ އާއި އިނގިރޭސިވިލާތުގެ އިތުރުން އެހެން ބައެއް ގައުމުތަކުން ހިންގާފައިވާ އެތައް ޖަރީމާއެއް ފަޅާ އަރުވައިލި މަޝްހޫރު ވިކިލީކްސްގެ ބާނީ ޖޫލިއަން އަސާންޖަށް އިކުއެޑޯއިން ރަށްވެހިކަން ދީފިއެވެ.

އިނގިރޭސިވިލާތުގެ ވެރިރަށް ލަންޑަނުގައިވާ އިކުއެޑޯ އެމްބަސީއަށް 2012 ވަނަ އަހަރު ވަދެ އެތަނުން ހިމާޔަތް ހޯދައިގެން ނުނިކުމެ ހުރި އަސާންޖަށް އިކުއެޑޯގެ ރަށްވެހިކަން ދިނީ މިދިޔަ ޑިސެމްބަރުމަހުގެ 12 ވަނަ ދުވަހު އެވެ. ނަމަވެސް އިކްއެޑޯ ސަރުކާރުން އެކަން ހާމަ ކުރީ މިއަދުއެވެ.

އިކްއެޑޯގެ ފޮރިން މިނިސްޓަރު މާރިއާ ފެނާންޑާ އެސްޕިނޯސާ ރޮއިޓާސްއަށް މިއަދު ވިދާޅުވެފަައި ވަނީ އަސާންޖް އިނގިރޭސިވިލާތުގައި ބަންދުވެފައި ހުރި ހުރުމަށް ހައްލެއް ހޯދަން އެގައުމުން މަސައްކަތް ކުރަމުން އަންނަ ކަަމަށެވެ.

އިކުއެޑޯއިން އަސާންޖަށް ހިމާޔަތް ދިނީ ރޭޕް ކުރި ކަމުގެެ ތުހުމަތަށް އޭނާ ހައްޔަރު ކުރަން ސުވިޑުން އިން ނެރުނު އަމުރެއް ތަންފީޒު ކުރަން އޭނާ ހައްޔަރުކުރަން އިނގިރޭސި ފުލުހުން އުޅުމުންނެވެ. ސްވިޑުން އިން ފަހުން ވަަނީ އެ ތުހުމަތު ދޫކޮށްލައި، އަސާންޖް ހައްޔަރުކުރުމުގެ އަމުރުވެސް ބާތިލުކޮށްފައެވެ. އިނގިރޭސި ފުލުހުން މިހާރު އޭނާ ހައްޔަރު ކުރަން އުޅެނީ އޭރުގައި ކޯޓަށް ހާޒިރު ނުވި މައްސަލައިގައެވެ. އެނޭ ހައްޔަރުުކޮށް އެމެރިކާއަށް ފޮނުވައިލަން ވެސް އިނގިރޭސިވިލާތުން ބޭނުންވެއެވެ.

އިކުއެޑޯއިން ވަނީ އަސާންޖަށް ޑިޕްލޮމޭޓެއްގެ ދަރަޖަ ދޭން އިނގިރޭސި ސަރުކާރުގައި އެދިފައެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން މިއަދު ބުނީ އިއުއެޑޯގެ ހުށަހެޅުމާ ދެކޮޅު ހަދާފައިވާ ކަމަށެވެ. އަދި ބުނީ އެކަމުގައި އެގައުމާ މަޝްވަރާކުރަމުން ނުދާ ކަމަށެވެ.