ހަބަރު

ތޫފާނުގައި ގެއްލުނު މަސް ބޯޓުތައް ހޯދަން ދަތުރުވެރިންގެ އެހީއަށް

Jan 11, 2018

ތޫފާން "އޯޗީ" ގައި ގެއްލުނު އިންޑިއާ އާއި ސްރީލަންކާގެ މަސް ބޯޓުތައް ހޯދުމުގައި އެމްއެންޑީއެފް ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތުގައި ދަތުރުވެރިންގެ އެހީތެރިކަމަށް އެދިއްޖެ އެވެ.

މިދިޔަ އަހަރު ފަހުކޮޅު މިސަރަޙައްދުގައި އުފެދުނު ތޫފާނު ''އޯޗީ'' ގެ ސަބަބުން ސްރީލަންކާ އާއި އިންޑިއާގެ ވަރަށް ގިނަ މަސްވެރިން ތަކެއް ގެއްލިފައިވާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ވަނީ ލިބިފަ އެވެ. އަދި ގެއްލުނު އުޅަނދުތަކާއި މީހުން ހޯދުމަށް އިންޑިއާ އާއި ސްރީލަންކާ އަދި ދިވެހި ސަރުކާރު ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ސްރީލަންކާ އާއި އިންޑިއާގެ މަސްވެރިންނަށް މި ދިމާވި ހިތާމަވެރި ހާދިސާގައި މި އުޅަނދުތަކާއި މީހުން ހޯދުމަށްޓަކައި ރާއްޖޭގެ އުތުރާ، އިރުމަތި އަދި އިރުއުތުރާ، ހުޅަނގުއުތުރަށް ދަތުރު ކުރައްވާ އުޅަނދުތަކާއި މަސްވެރި އުޅަނދުތަކުން ސަމާލުކަން ދިނުމަށް ވެސް އެދިފައެވެ.

އެމްއެންޑީއެފުން ބުނީ މިގޮތުން މަސްވެރި އުޅަނދުތައް ކުރާ ދަތުރުތަކުގައި އެއްވެސް އުޅަނދެއް އަޑިއަށް ގޮސްގެންނާއި އަދި މިފަދަ އުޅަނދެއްގެ އެއްވެސް ބައެއް އޮޔާ ދަތުރުކުރާތަން ފެނިއްޖެ ނަމަ ފެނުނު ޕޮޒިޝަނަކާއި ފެނުނު އެއްޗެއްގެ މަޢުލޫމާތު ލަސް ނުކޮށް އެމްއެންޑީއެފް 191 އަށް ގުޅުމަށް އެދޭ ކަމަށެވެ.