ގާސިމް އިބްރާހިމް

ވަކި ނުވެ، އެކުގައި ތިބެ 80 ޕަސެންޓް ހޯދާނަން: ގާސިމް

އިދިކޮޅު، ގުޅިފައިވާ ޕާޓީތައް ވަކިވެގެން ނުދާނެ ކަމުގެ ޔަގީންކަން ދެއްވައި، އަންނަ ރިޔާސީ އިންތިހާބުގައި 80 ޕަސެންޓްގެ ވޯޓާއެކު އިދިކޮޅުގެ ކެންޑިޑޭޓް ކާމިޔާބު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އުފަން ރަށް ކަމަށްވާ މާމިގިނލީގައި އިދިކޮޅު ޕާޓީތަކުން ބާއްވާ ޖަލްސާއަށް ގާސިމް ފޮނުއްވި ހިތޯބުގައި ވިދާޅުވެފައިވަނީ، ރައްޔިތުންގެ ހެވާއި ލަބާއަށް އަދި ދަރިންގެ މުސްތަގުބަލަށް މިހާރު ކޮނޑުގައި އެޅިފައިވާ އެންމެ ބޮޑު ޒިންމާއަކީ ގައުމަށް ދިމާވެފައިވާ ނުތަނަވަސް ހާލުން ގައުމު ސަލާމަތް ކުރުމަށް ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުން ކަމަށެވެ.

"އެކަމަށްޓަކައި ހަރުދަނާ އުސޫލުގެ ދަށުން ކޮމަން ކެންޑިޑޭޓެއް ނެރެން ޖެހޭ، ރައްޔިތުންނަށް އުއްމީދާއި ދިރުން ދައްކައިދޭނެ ލީޑަރެއް ދައްކައިދޭން ޖެހޭ، ރައްޔިތުންގެ ގިނަ ބަޔަކަށް އެ ބޭފުޅަކަށް ބައިއަތު ހިއްޕަވަން ފަސޭހަ އިތުބާރު ކުރެވޭ ބޭފުޅަކު މަތިކުރަން ޖެހޭ، މި މުހިންމު މަގުސަދު ހާސިލުކުރުމަށްޓަކައި ރައްޔިތުންނަށް އެންމެ ފައިދާވާނެ ގޮތުގެ މަތިން ކުރަންޖެހޭ ހުރިހާ މަސައްކަތްތަކެއް ﷲގެ އިރާދަފުޅުން ޖުމްހޫރީ ޕާޓީން ކުރަމުން ގެންދާނެ ކަމުގެ ޔަގީންކަން އަރުވަން،" ގާސިމް ވިދާޅުވި އެވެ.

ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް އިބްރާހިމް ވިދާޅުވީ، އިދިކޮޅުން ނެރޭ ކެންޑިޑޭޓަކަށް 80 ޕަސެންޓަށްވުރެ މަތިން ވޯޓު ލިބިގެން ދާނެ ކަމަށާއި އެ ނަތީޖާ ނެރެވޭނީ އިއްތިހާދުގެ ހުރިހާ ޕާޓީތަކުން ގައުމީ ރޫހުގައި އެއް މިސްރާބަކަށް މަސައްކަތް ކޮށްގެން ކަމަށެވެ. ޒާތީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން ކޮންމެ މީހަކަށްވުރެ ގައުމު ބޮޑު ކަމާއި ފަރުދީ މަސްލަހަތަށްވުރެ ގައުމީ މަސްލަހަތު އިސްވާނެކަން ގަބޫލުކޮށްގެން، ވަކިވަކިވެ ގަތުމުގެ ނަތީޖާ އަޅުގަނޑުމެން ތަޖުރިބާ ކޮށްފިން، އެ ނަތީޖާގެ ރަހަ ދިވެހި ރައްޔިތުން ދެކެފިން، އެކަމަކު އަޅުގަނޑު މި ޔަގީން ކުރަނީ 2018 އާއި 2019 ވަނަ އަހަރުގެ އިންތިހާބަށް އަޅުގަނޑުމެން ނުކުންނާނީ އެ ތަޖުރިބާގެ އަލީގެ އެއް ބައެއްގެ ގޮތުގަ، އެކަތިގަނޑެއްގެ ގޮތުގަ، މިގޮތުގަ އަޅުގަނޑުމެން ނުކުމެއްޖެނަމަ ކޮރަޕްޝަންގެ ލާރިން ރައްޔިތުން ފެންވަރުވަމުން ދިޔަ ނަަމަވެސް ދިވެހި ރައްޔިތުންގެ ސާބިތު ކަމަށް ބަދަލެއް ނާންނާނެ، އޭގެ އަވާގައި ޖެހިގެން ރައްޔިތުން އެމީހުން ލޯބިވާ ގައުމު ވިއްކައެއް ނުލާނެ،" ގާސިމް ވިދާޅުވި އެވެ.

މިހާރު ޖަރުމަނު ވިލާތުގައި ހުންނެވި ގާސިމް ވިދާޅުވީ، އިދިކޮޅު ކޮންމެ ޕާޓީއެއްގެ އުސޫލުތަކާއި ފިކުރުތައް ތަފާތުވި ނަމަވެސް ގައުމު ހިމާޔަތްކުރުމުގައި ޕާޓީތަކުން ގެންގުޅޭ ފިކުރު ތަފާތު ނޫން ކަމަށެވެ. ވަރަށް އެއްގޮތް ކަމަށެވެ. އެހެންވެ، ގަބޫލު ކުރައްވަނީ ޝަހިސިޔަތުގެ ތަފާތު ކަމުން ކުރިއަށް ގެންދާ އިސްލާހީ މަސައްކަތަށް ހުރަހެއް އެޅިގެން ނުދާނެ ކަމަށެވެ. އެއަށްވުރެ ގައުމާއި ގައުމުގެ ވަހުދަތު އިދިކޮޅު ފަރާތްތަކަށް މުހިންމު ކަމަށެވެ.