ހަބަރު

ގުޅުމަށް ބުރުލެއް ނޭރުވޭނެ، ސަރުކާރު ގާއިމުކުރާނަން: މައުމޫން

ގުޅިފައިވާ ސިޔާސީ ޕާޓީތައް ކުރަމުންދާ މަސައްކަތުގައި ތިބީ ވަރަށް ބަދަހި ގުޅުމެއްގައި ސާބިތުވެގެން ކަމަށާއި އެ ގުޅުމަކަށް އެއްވެސް ކަހަލަ ބުރުލެއް އެއްވެސް ފަރާތަކުން ނޭރުވޭނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު މައުމޫން އަބްދުލް ގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.

މާމިނގިލީގައި އިދިކޮޅު ޖަލްސާތަކުން ބާއްވާ ޖަލްސާއަށް އެމަނިކުފާނު ފޮނުއްވި، ހިތޯބެއްގައި ވިދާޅުވީ، ގުޅިފައިވާ ޕާޓީތަކުގެ އަޒުމަކަށް އެއްވެސް ފަރާތަކުން ގުޑުމެއް ނޭރުވޭނެ ކަމަށެވެ. އިސްލާހީ މަސައްކަތުގައި، އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދާއި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާއި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރައްވަމުން ގެންދަވާ ހީވާގި މަސައްކަތްތަކަށްޓަކައި އެ ތިން ބޭފޫޅުންނަށް ހައްގު ޝުކުރު އަދާކުރައްވާ ކަމަށެވެ.

"އަޅުގަނޑުމެން ގުޅިގެން ތިބެ ކުރަމުންމިދާ މަސައްކަތަކީ މިއަދު ދިވެހި ގައުމަށް ދިމާވެފައިވާ ނުރައްކާތެރި ނާމާން ކަންތައްތަކުން ގައުމު ސަލާމަތްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް، ސިޔާސީގޮތުންނާއި އިގްތިސޯދީގޮތުން، އަދި އިޖްތިމާއީ ގޮތުން މިއަދު އަޅުގަނޑުމެންގެ ތެރެއަށް އައިސްފައިވާ ނުރަނގަޅު ކަންތައްތަކުން ގައުމު މިންޖު ކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތެއް، މިއަށްވުރެ ތަފްސީލުކޮށް ދަންނަވާނަމަ ގުޅިފައިވާ ޕާޓީތަކުން ކުރަމުންދާ މަސައްކަތަކީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމުން ގެއްލިގެންދާ ޑިމޮކްރަސީގެ ރީތި އުސޫލުތައް އަނބުރާގެނެސްދެވޭތޯ ކުރާ މަސައްކަތެއް،" ރައީސް މައުމޫން ވިދާޅުވި އެވެ.

އޭގެއިތުރުން އިދިކޮޅުން ކުރާ މަސައްކަތަކީ ރައްޔިތުންގެ މަޖިލީހުގެ ބާރުކެނޑި، ރައްޔިތުން ހޮވާފައިވާ ރައްޔިތުންގެ ބައެއް މަންދޫބުން އެއްވެސް ހަމައެއްނެތި އެމީހުންގެ މަގާމުން ވަކިވެއްޖެކަމަށް ބުނެ، އެ މަންދޫބުންގެ އަޑުތައް އިވުނަ ނުދޭން ކުރާ މަސައްކަތް ހުއްޓުމަށް ކުރާ މަސައްކަތެއް ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. ރައީސް މައުމޫން ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކާއި އިދާރާތަކުގައި އާންމުވަމުންދާ ހިޔާނާތާއި، ވައްކަމާއި، ކޮރަޕްޝަން ނައްތާލައި އަދުލު އިންސާފު ނުލިބިގެން ރައްޔިތުންގެ އެތައް ބަޔެއްގެ ހައްގުތައް ގެއްލިގެންދާތީ، އެކަންތައްތައް އިސްލާހުކުރުމަކީ ވެސް އިދިކޮޅު އިއްތިހާދުގެ ބުރަ މަސައްކަތެއް ކަމަށެވެ.

ރައީސް މައުމޫން ވިދާޅުވީ، މި މަސައްކަތް ކުރުމުގައި ތިބީ ވަރަށް ހަރުދަނާކަމާއެކު އެއްބައިވެ ގުޅިގެން ކަމަށެވެ. އެއްބައިވަންތަ ކަމުގެ ސަރުކާރެއް، ގާއިމު ކުރުމުގެ މަޝްވަރާތައް ހަތަރު ޕާޓީއިން މިހާރު ވަނީ ފަށާފައިވާއިރު، މާލަސްތަކެއް ނުވެ އެ މަސައްކަތް ކާމިޔާބު ވާނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.

ދަރިކަނބަލުން ޔުމްނާ މައުމޫން އިއްވި ހިތޯބުގައި ރައީސް މައުމޫން ވިދާޅުވީ، މިވަގުތު އެންމެ އިސްކަންދޭންވީ ރައްޔިތުންގެ މަޖިލީސް އޭގެ ގާނޫނީ ހައިސިއްޔަތު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭ ހިސާބަކަށް ގެނެސްދިނުން ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ، ސަލާމަތީ ބާރުތަކުގެ ޝިކާރައަކަށްވެފައި އޮތުމުގެ ބަދަލުގައި، އެއީ ގާނޫނު ހެދުމުގެ ބާރު ފުރިހަމައަށް ލިބިފައިވާ، އަދި ސަރުކާރު ޒިންމާދާރުކުރުވުމުގެ ކެރިކުޅަދާނަކަން ލިބިފައިވާ، އަދި ރައްޔިތުންގެ މަންދޫބުން މެދުވެރިކޮށް ރައްޔިތުންގެ އަޑު އިއްވޭ ތަނަކަށް ހެދުން ކަމަށެވެ.

"އަޅުގަނޑު ދެކޭގޮތުގައި ގައުމުގެ ކަންތައްތަކަށް ގެންނަން ބޭނުންވާ އިސްލާހުތައް ފެށެންވާނީ ރައްޔިތުންގެ މަޖިލީހުން، އެމަޖިލީހުން ފާސްކުރެވޭ ގާނޫނުތަކުން، އެމަޖިލީހުން ނިންމާ ނިންމުތަކުން، ގާނޫނު އަސާސީގައިވާ ގޮތުން ދައުލަތުގެ ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންން، އަދި އެ ވެރިކަން ދެމިއޮންނަނީވެސް ރައްޔިތުންގެ އަތްމަތީގަ، އެހެންވީމާ، ދައުލަތުގެ ކަންކަން އިސްލާހުކޮށް ރަނގަޅުކުރެވޭނީ، ރައްޔިތުން އިންތިހާބުކޮށްފައިވާ މަންދޫބުން ތިއްބަވާ ރައްޔިތުންގެ މަޖިލީސް ހަރުދަނާ ވެގެން، ރައްޔިތުންގެ މަޖިލީސް އޭގެ ފުރިހަމަގޮތުގައި ހަރަކާތްތެރިވެގެން،" ރައީސް މައުމޫން ވިދާޅުވި އެވެ.

އެހެންކަމުން، އެންމެ ފުރަތަމަ ކުރަންވީ ކަމަކީ ރައްޔިތުންގެ މަޖިލީސް މިހާރު އޮތް ހިސޯރުކުރެވުމުން ސަލާމަތްކުރުން ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ، މަޖިލީހުން ވަކިވެފައިވާކަމަށް ބައެއް ފަރާތްތަކުން ބުނާ މެންބަރުންނަކީ ވަކިނުވާ މެންބަރުންކަން ޔަގީންކޮށްދޭން ޖެހޭ ކަމަށާއި މަޖިލީހަށް ވަންނަން މަސައްކަތްކުރުމުން ކުށްވެރިވެދާނެކަމުގެ ބިރު ކުރިމަތިކޮށްފައި ތިބި މެންބަރުން އެ ބިރުން ސަލާމަތް ކޮށްދޭން ޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހަށް އޭގެ ދުސްތޫރީ ހައިސިއްޔަތު ފުރިހަމައަށް ހޯދައިދޭންޖެހޭ ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ ފުރިހަމަ ބާރުވެރިކަމާއެކު، ކުރަމުން ގެންދާ ސިޔާސީ އިސްލާހުގެ މަސައްކަތް ކާމިޔާބުކުރަންޖެހޭ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ.