ހަބަރު

ހިޔާނާތުގެ ފައިސާ ހޯދަން ވަކި ގާނޫނެއް ހަދަނީ

ދައުލަތަށް ހިޔާނާތްތެރިވެފައިވާ ފައިސާ ހޯދަން އެސެޓް ރިކަވަރީ ގާނޫނެއް ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެއްޖެ އެވެ.

ޕީއެސްއެމްއަށް ދެއްވި އިންޓަވިއުއެއްގައި ބަންޑާރަ ނައިބު ވިދާޅުވީ، ދައުލަތަށް ހިޔާނާތްތެރިވެފައިވާ މީހުންގެ އަތުން ފައިސާ ހޯދުމަކީ މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި އެކަމަށްޓަކައި އެކުލަވާލި އެސެޓް ރިކަވަރީ ކޮމިޝަނުން އެކަން ވަރަށް ހަރުދަނާކަމާއެކު ކުރަމުންދާ ކަމަށެވެ.

އެހެންނަމަވެސް އެފަދަ ފައިސާތައް ރިކަވަރީ ކުރުމަށް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ. އެ ގޮންޖެހުންތައް ހައްލުކުރުމަށް އެސެޓް ރިކަވަރީއާ ބެހޭ ބިލެއް މި އަހަރުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި އެވެ.

"ބައެއް ފަރާތްތަކުން އެބަ ހުރި ހިޔާނާތްތެރިވެފައިވާ ފައިސާތައް އެމީހާގެ ނަން މަތީ ނޫން އެހެން މީހެއްގެ ނަން މައްޗަށް ބަދަލުކޮށް، ފައިސާތައް މުދަލަށް ބަދަލުކޮށްފަ، ތިންވަނަ ފަރާތެއްގެ ނަމުގަ އެ އެއްޗެހި ހުންނާތީ އެ ހޯދަން އަޅުގަނޑުމެން ކަނޑަތު ކުރަންޖެހޭ ރާސްތާ ތަންކޮޅެއް ދިގުވޭ، އެެހެންވީމަ އެކަން ބައިނަލްއަގްވާމީ މިންގަނޑުތަކާ އެއްގޮތަށް ފަރުމާކޮށް ގާނޫނެއްގެ ސިފައިގައި އެބައި ވެސް އެބަ ގެންނަން، އެސެޓް ރިކަވަރީ ބިލެއްގެ ގޮތުގައި އެބައި މިކުރަނީ،" އަނިލް ވިދާޅުވި އެވެ.

އެސެޓް ރިކަވަރީއަށް ގާނޫނެއް ހަދާއިރު ކޮރަޕްޝަންގެ ކުށުގެ އަދަބު ބޮޑުކުރަން ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ. އެގޮތުން މިހާރު އަމަލު ކުރަމުން އަންނަ އާ ގާނޫނުލް އުގޫބާތަށް އިސްލާހުތަކެއް ހުށަހަޅަން ވަނީ ނިންމާފަ އެވެ. އަނިލް ވިދާޅުވީ ގާނޫނުލް އުގޫބާތަށް މި އަހަރު އިސްލާހު ގެނައުމަށް ދެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށެވެ. އިސްލާހު ގެންނަން ނިންމާފައިވާ ފުރަތަމަ ޗެޕްޓާއަކީ ދައުލަތަށް ހިޔާނާތްތެރިވުމުގެ ކުށުގެ ޗެޕްޓަރެވެ. އެ ޗެޕްޓަރުގައި ހިޔާނާތްތެރިވުމާއި ބަޣާވާތް ކުރުމުގެ ކުށް ހިމަނަން ނިންމާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ.

އޭގެ އިތުރުން ވެސް ކޮރަޕްޝަނާ ގުޅޭ ބޮޑު ބައެއް ގާނޫނުލްއުގޫބާތުގައި ހިމަނަން ނިންމާފައިވާ ކަމަށް އަނިލް ވިދާޅުވި އެވެ. އަނިލް ވިދާޅުވި ގޮތުގައި އިސްލާހު ގެންނަން ނިންމާފައިވަނީ އެންޓި ކޮރަޕްޝަން ކޮމިޝަނުން ގެންނަން ބޭނުންވާ ބައެއް ބަދަލުތައް ހިމަނައިގެންނެވެ. އެ ބަދަލުތަކަކީ ކޮރަޕްޝަން ނައްތާލުމާ ބެހޭ މުއާހަދާގައި ހިމެނޭ ކުށްތައް ހިމެނޭ ގޮތަށް އެކަންކަން ކުށްވެރިކޮށްފައި ގެންނަ ބަދަލުތަކެކެވެ. އެ އިސްލާހުގައި އިސްކަން ދީފައިވާނީ ކޮރަޕްޝަނާއި ހިޔާނާތްތެރިވުމާއި ރިޝްވަތުގެ ކުށަށެވެ.

"ދައުލަތުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރިޝްވަތު ހިފައި ރިޝްވަތުދޭ ކަމަށް ވަންޏާ އެ މީހުންނަށް އަދަބު ބޮޑުވާނެ ގޮތަކަށް އަޅުގަނޑުމެން މި ބިލްގައި ކަނޑައަޅާފައި އޮންނާނެ،" ބަންޑާރަ ނައިބު ވިދާޅުވި އެވެ.

ގާނޫނުލް އުގޫބާތު މިހާރު ވެސް ހިޔާނާތާއި ރިޝްވަތުގެ ކުށް އޮވެ އެވެ. ނަމަވެސް އެ ކުށް ކުރާ ގޮތާއި ޒާތަށް ބަލައި ކުށް ބޮޑުވާ ނުވަތަ ތަފާތުވާ ގޮތެއް ނޯވެ އެވެ. މިހާރު އަމަލު ކުރަމުންދާ ގާނޫނުލް އުގޫބާތުގައި ކޮރަޕްޝަންގެ ގިނަ ކުށްތަކެއް ހިމަނާފައިވީ ނަމަވެސް "ކޮރަޕްޝަން" ސީދާ އެ ކުށެއް ނެތެވެ. ކޮރަޕްޝަންގެ އަމަލުތަކުގެ ތެރޭގައި ހިމަނާފައިވާ ކުށްތަކުގެ ތެރޭގައި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމާއި ހިޔާނާތްވުމާއި ރިޝްވަތުގެ ކުށް ހިމެނެ އެވެ.

ކޮރަޕްޝަންގެ ކުށުގައި މިހާރު ވެސް ދައުވާކުރަނީ 2000 ވަނަ އަހަރު އަމަލު ކުރަން ފެށި، ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ގާނޫނުގެ ދަށުންނެވެ. އެ ގާނޫނަކީ މި ޒަމާނަށް ފެތޭ ގާނޫނެއް ނޫން ކަމަށް ގާނޫނީ ބޭފުޅުން ވިދާޅުވެ އެވެ. އެ ގާނޫނަށް އިސްލާހު ބޭނުންވެފައިވާތާ ވަނީ ދުވަސްތަކެއްވެފަ އެވެ. އޭސީސީއިން ވެސް އެކަން ފާހަގަ ކޮށްފައިވެ އެވެ. އަދި، ކޮރަޕްޝަންގެ ތަފާތު ކުށްތައް ހިމެނޭ ގާނޫނެއްގެ މުހިންމުކަން ފާހަގަ ކޮށްފައިވެ އެވެ.