ހަބަރު

މިނިސްޓަރު ސައީދުގެ ވާހަކަތަކުން ގާސިމަށް ފުން އަސަރެއް

Jan 13, 2018
7

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ރޭ ދެއްކި ވާހަކަތަކުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް ފުން އަސަރެއް ކޮށްފި އެވެ.

ގާސިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޖަނަވާރުންވެސް އެސޮރު ގެންގުޅެ، ބަލާބޮޑުކުރި މީހާ ދަންނަ ކަމަށެވެ. ގާސިމް މިހެން ވިދާޅުވި ކަމަށް ބެލެވެނީ ރޭ މިނިސްޓަރު ސައީދު އއ. މަތިވެރީގައި ބޭއްވި ޕީޕީއެމް ޖަލްސާގައި ގާސިމަށް އިޝާރާތް ކުރައްވައި ދެއްކެވި ވާހަކަތަކާއި އެމަނިކުފާނަށް ސައީދު އަމާޒު ކުރެއްވި ބަހުގެ ހަމަލާތަކާ ގުޅިގެން އެވެ. ގާސިމްގެ އިހުސާސްތައް ޓްވީޓްގައި ބަންޑުން ކުރައްވަމުން ގާސިމް ވިދާޅުވީ، ކުއްތާ ވެސް އޭތި ބަލަހައްޓާ މީހާގެ ފުރާނަ ސަލާމަތް ކުރަން ފުރާނަ ވެސް ދުއްވާލާ ކަމަށެވެ. އަދި ރާމާ މަކުނު ވެސް އެއަށް ހެޔޮ ކަމެއް ކޮށްދޭ މީހާ ދަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އެހެން ނަމަވެސް އެއީ ކޮން ބޭފުޅެއްކަމެއް ގާސިމްގެ ޓްވީޓްގައި ވިދާޅުވެފައެއް ނުވެ އެވެ.

މިނިސްޓަރު ސައީދަކީ މީގެ ކުރިން ގާސިމްގެ ސަން އައިލެންޑް ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމު ގިނަ ދުވަސްތަކެއް ފުރާފައިވާ ބޭފުޅެކެވެ. ސައީދަށް މިނިސްޓަރު ކަން ލިބިވަޑައިގެންފައިވަނީ ޖޭޕީގެ ސްލޮޓެއްގައި ނިކުމެވަޑައިގެން ގާސިމްގެ އެންޑޯސް ކުރުމުންނެވެ. ނަމަވެސް މިނިސްޓަރު ސައީދު ވަނީ ފަހުން ޖޭޕީ ދޫކޮށް ސަރުކާރުގެ މައި ޕާޓީ ޕީޕީއެމާއި ގުޅިވަޑައިގެންފަ އެވެ.

ގާސިމް އަށް އަމާޒުކޮށް މިނިސްޓަރު ސައީދު ރޭ ވިދާޅުވީ، ވިޔަފާރިވެރިއެއްގެ ޝައުގާއި ނުވަތަ އަމިއްލަ ބޭނުމަށް ބޭނުން ކުރަން ރާއްޖޭގެ އެއްވެސް ރަށެއް ނުވަތަ އަތޮޅެއް ހުންނަ ޖެހޭނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިނުވާ ކަމަށެވެ. އަދި ވިދާޅުވީ، އއ. އާއި އދ. އަތޮޅުގެ ތަރައްގީ އަށް ހުރަސް އެޅޭ ގޮތަށް ކަންކަން ކުރައްވާފައިވަނީ އަމިއްލަ ވިޔަފާރި އާއި އަމިއްލަ ވެރިކަމުގެ ބޭނުމުގައި ކަމަށެވެ.