ހަބަރު

ރާއްޖެ އަންނަ އެމެރިކާ މީހުން ސަމާލުވާން އަންގައިފި

ރާއްޖެއަށް ދަތުރުކުރުމުގައި އެމެރިކާ މީހުން ކުރިއަށް ވުރެ ބޮޑަށް ސަމާލުވާން އެގައުމުގެ ސަރުކާރުން އަންގައި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފި އެވެ. މި އެޑްވައިޒަރީ ނެރުމުގެ ކުރިން ރާއްޖެއަށް ދަތުރުކުރުމުގައި ވަކި ހާއްސަގޮތަކަށް އަމަލުކުރަން އެ ގައުމުގެ ރައްޔިތުންނަށް އަންގާފައެއް ނުވެ އެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ރާއްޖެއަށާއި އެހެން ބައެއް ގަައުމުތަކަށް އޮތް 'ޓްރެވެލް އެޑްވައިޒަރީ' ބުދަ ދުވަހު އާކުރި އިރު ރާއްޖެއަށް ނެރެފަައި ވަނީ "ލެވެލް 2" ޓްރެވެލް އެޑްވައިޒަރީއެކެވެ. މީގެ ކުރިން އެމެރިކާއިން ރާއްޖެއަށް ޓްރެވަލް އެޑްވައިޒަރީއެއް ނެތެވެ.

ރާއްޖެއަށް ދަރުރުކުުރުމުގައި އިތުރަށް ސަމާލުކަންދޭން އެންގި ސަބަބެއް ކަމަށް ބުނެފައި ވަނީ ޓެރަރިސްޓް ގްރޫޕަކުން ރާއްޖޭގައި ހަމަލާއެއް ދީފާނެ ކަމުގެ ބިރު އޮތުމެވެ. އެގޮތުން ބުނެފައި ވަނީ ކުޑަ ކުޑަ އިންޒާރަކާ އެކުގައި ނުވަތަ އިންޒާރަކާ ނުލައި ވެސް ހަމަލާއެއް ދީފާނެ ކަމަށެވެ. ހަމަލާއެއް ދީފާނެ ކަމަށް ބެލެވޭ ތަންތަން ވެސް އެމެރިކާއިން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން ފާހަގަކޮށްފައި ވަނީ ޓުއަރިސްޓުން ގޮސް އުޅޭ ތަންތަނާއި ޓްރާންސްޕޯޓް ހަބްތަކާއި ޝޮޕިން މޯލް ތަކާއި ސަރުކާރުގެ އިދާރާތަކެވެ.

"އެކަހެރި ރަށެއްގައި ވެސް ހަމަލާއެއް ދީފާނެއެވެ. އޭރުން އިދާރާތަކުން އެކަމަށް އިޖާބަދޭން ހޭދަވާ ވަގުތު އިތުރުވާނެއެވެ،" އެމެރިކާގެ ޓްރެވެލް އެޑްވައިޒަރީގައި ބުނެފައި ވެއެވެ.

ހަމަލާއެއްގެ ނުރައްކާ ކުޑަ ކުރަން އަޅަން ވީ ފިޔަވަޅުތަކެއް ވެސް ސްޓޭޓް ޑިޕާޓްމެންޓުން ފާހަވަ ކޮށްފައި ވެއެވެ. އެގޮތުން ރާއްޖޭގެ ނޫސްތަކުން ޝާއިިއުކުރާ ހަބަރުތައް ކިއުމާއި ވަށައިގެންވާ މާހައުލުގައި ހިނގާ ކަންކަމަށް ސަމާލުވުން ހިމެނެއެވެ. އަދި ހުޅނގުގެ މީހުން ޒިޔާރަތްކުރާ ތަންތަނުގައި ތިބޭ އިރު ވަކިން ބޮޑަށް ސަމާލުވެ ތިބުމަށް ވެސް ވަނީ ލަފާ ދީފައެވެ.

އެމެރިކާ އިން ރާއްޖެއަށް އައި ޓޫރިސްޓުންގެ އަދަދު މިއަހަރު ވަނީ ވަަރަށް ބޮޑަށް އިތުރުވެފަ އެވެ. އެ ގައުމުން ނޮވެމްބަރު މަހުގެ ނިޔަލަށް 34,411 މީހުން އައިސްފައިވެ އެވެ. މި އަދަދަކީ މިދިޔަ އަހަރު އައި 28,651 މީހުންނާ އަޅާބަލާއިރު 20.1 ޕަސެންޓް އިތުރުވުމެކެވެ. އަދި އެ ގައުމުން މިދިޔަ މަހު އެކަނި 3,961 މީހުން އައިސްފައިވެ އެވެ. މިއީ މިދިޔަ އަހަރު އައި 2,921 މީހުންނާ އަޅާބަލާއިރު 35.6 ޕަސެންޓް އިތުރުވުމެކެވެ.