ވިޔަފާރި

ލަފާކުރި ވަރަށްވުރެ އާމްދަނީ 6.8 ޕަސެންޓް އިތުރުވެއްޖެ

  • ޖީއެސްޓީގެ ގޮތުގައި 593 މިލިއަން
  • ބީޕީޓީގެ ގޮތުގައި 84 މިލިއަން ރުފިޔާ
  • ޓޫރިޒަމް ރެންޓުން 283 މިލިއަން ރުފިޔާ ލިބުނު

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް މިދިޔަ އަހަރު ބަލައިގަތް އާމްދަނީ، ލަފާކުރި ވަރަށް ވުރެ 6.8 ޕަސެންޓް އިތުރުވެއްޖެ އެވެ.

ދައުލަތުގެ ޓެކްސް އިދާރާ މީރާ އިން ބުނި ގޮތުގައި މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތަށް 15.1 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި އޭގެ ކުރީ އަހަރު ލިބިފައިވަނީ 14.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ގާތްގަނޑަކަށް 4.5 ޕަސެންޓް އިތުރު އަދަދެކެވެ. އަދި މިއީ ކުރިން ލަފާކުރި ވަރަށްވުރެ 6.8 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނި ގޮތުގައި މިދިޔަ ޑިސެމްބަރު މަހު ދައުލަތަށް 1.4 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ އޭގެ ކުރީ އަހަރު 1.2 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ބިޒްނަސް ޕްރޮފިޓް ޓެކްސް (ބީޕީޓީ) ގެ ގޮތުގައި 84 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި 2016 ވަނަ އަހަރު ލިބުނީ 118 މިލިއަން ރުފިޔާ އެވެ. އަދި ގްރީން ޓެކުހުގެ ގޮތުގައި 60 މިލިއަން ރުފިޔާ ލިބުނުއިރު 2016 ވަނަ އަހަރު 56 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ޖީއެސްޓީގެ ގޮތުގައި 593 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް ކުރީ އަހަރުގެ ޑިސެމްބަރު މަހު ލިބުނީ 524 މިލިއަން ރުފިޔާ އެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި 283 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އޭގެ ކުރީ އަހަރު ލިބިފައިވަނީ 295 މިލިއަން ރުފިޔާ އެވެ.