ކުޅިވަރު

އެންމެ ދުވަސްވީ ފުޓްބޯޅަ ކުޅުންތެރިޔާ ކޮންޓްރެކްޓް އާ ކޮށްފި

އޭނާ ކެރިއާ ފެށިއިރު، އެމެރިކާގެ ރައީސްއަކަށް ހުންނެވީ ރޮނަލްޑް ރޭގަން އެވެ. މައިކް ޓައިސޮން އަކީ ހެވީވެއިޓް ބޮކްސިންގެ ދުނިޔޭގެ ޗެމްޕިއަން އެވެ. ލިވަޕޫލުން އިނގިރޭސި ލީގް ކާމިޔާބު ކުރި އެވެ. އޭގެ ފަހުން ލިވަޕޫލަށް އިނގިރޭސި ފުޓްބޯޅައިގެ އެންމެ މަތީ ލީގް ހޯދިފައެއް ނުވެ އެވެ. މިއީ ދުނިޔޭގައި މިހާރު ހުރި އެންމެ ދުވަސްވީ ކުޅުންތެރިޔާ ޖަޕާންގެ ކަޒޫޔޯޝީ މިއުރާގެ ވާހަކަ އެވެ.

އޭނާ ކުޅެމުންދާ ކުލަބު، ޔޮކަހާމާ އާއެކު އާ ކޮންޓްރެކްޓެއްގައި މިހާރު ވަނީ ސޮއި ކޮށްފަ އެވެ. ޖާޕާނުގެ ފުޓްބޯޅަ ސަޕޯޓަރުން އޭނާއަށް ނިސްބަތް ކުރާ ނަމަކީ "ކަޒޫ ކިންގް" އެވެ. އޭނާ އަކީ، ފުޓްބޯޅަ ކުޅެމުންދާ ކުޅުންތެރިންގެ ތެރެއިން، އެންމެ ދުވަސްވީ ކުޅުންތެރިޔާގެ ގޮތުގައި ރެކޯޑް ކޮށްފައިވާ ކުޅުންތެރިޔާ އެވެ. އޭނާގެ އުމުރުން 51 އަހަރު އަންނަ މަހު ފުރޭނެ އެވެ.

ޖަޕާނުގެ މި އަހަރުގެ ސީޒަނަށް، ޔޮކަހާމާއިން މިއުރާގެ ކޮންޓްރެކްޓް އާ ކުރިކަން އިއުލާން ކުރުމުން، މި އަހަރު ވެގެންދާނީ، އޭނާގެ ފުޓްބޯޅަ ކެރިއަރުގެ 33 ވަނަ ސީޒަނަށެވެ. ޖަޕާނުގެ ޖޭލީގް ދޭއް (ދެ ވަނަ ޑިވިޝަންގައި) މިދިޔަ އަހަރު އޭނާ ވަނީ 12 މެޗު ކުޅެފަ އެވެ.

"އަހަންނަށް ފަސޭހަކަމާއެކު، އާ ކޮންޓްރެކްޓެއްގައިވެސް އަނެއްކާވެސް ސޮއި ކުރެ ވިއްޖެ،" މިއުރާ ބުންޏެވެ. "އަހަރެން އަބަދުވެސް ބޭނުން ހާލަތު ތަންދޭ މިންވަރަކުން ފުޓްބޯޅަ ކުޅެން އަހަރެން ބޭނުން ކުޅުންތެރިޔެއްގެ ގޮތުގައި ކުރިއަށް ދާން."

އޭނާގެ ސީނިއާ ކެރިއާ އޭނާ ފެށީ، އުމުރުން 19 އަހަރުގައި ބްރެޒިލްގެ ގަދަބާރު ސަންޓޯސްއިންނެވެ. ކެރިއަރުގައި އޭނާ ވަނީ 13 ކުލަބަށް ކުޅެފަ އެވެ. އެއީ ޔޫރަޕާއި ދެކުނު އެމެރިކާ، އޭޝިއާގެ އިތުރުން އޮސްޓްރޭލިއާގައެވެ. ޖަޕާންގެ ގައުމީ ޓީމަށް 89 މެޗު ކުޅެދީ 55 ލަނޑު ޖެހި އެވެ. ފްރާންސްގައި 1998 ގައި ބޭއްވި ވޯލްޑްކަޕަށް، ޖަޕާން ގެންގޮސްދިނީ މިއުރާގެ މޮޅު ކުޅުމާއެކު އެވެ. ޖަޕާނަށް އޭޝިއަން ކަޕް 1992 ވަނަ އަހަރު ހޯދައިދިނުމުގައިވެސް، މިއުރާ ވަނީ މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

މިއުރާ އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުމުން، ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއިން ވަނީ މަރުހަބާ ކިޔައި، އޭނާ ހޯދި ކާމިޔާބުތައް ފާހަގަ ކޮށްފަ އެވެ.