ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން އަންނަ ސައުދީ އަރަބިއްޔާގެ ބޮޑު ކުންފުނި 'ބިންލާދިން ގްރޫޕް'ގެ ހިންގުމާ ސައުދީ ސަރުކާރުން ހަވާލުވެ، އެކުންފުނީގެ ބައެއް މުދާ ސަރުކާރަށް ނަގަން އުޅޭ ކަމަށް ހަބަރު ފެތުރިއްޖެއެވެ.
ސައުދީ އަރަބިއްޔާގެ ބޭންކިން އަދި ކޮންޓްރަކްޝަން އިންޑަސްޓްރީގެ ނަން ހާމަ ނުކުރާ މަސްދަރުތަކަކާ ހަވާލާދީ ރޮއިޓާސް އިން ބުރާސްފަތި ދުވަހު ބުނީ ބިންލާދިން ގްރޫޕާ ސައުދީ ސަރުކާރުން ހަވާލުވާން އުޅެނީ އެގައުމުގެ ތަރައްގީގެ ޕްލޭނަށް އެކުންފުނީގެ ހިދުމަތް ލިބޭނެކަން ކަށަވަރު ކުރުމަށެވެ.
ސައުދީން މިފަދަ ފިޔަަވަޅެއް އަޅަން މިއުޅެނީ ބިންލާދިން ގްރޫޕުގެ ޗެއާމަނާއި އެއާއިލާގެ އެހެން ބައެއް މެމްބަރުން ހައްޔަރުކޮށްފައި ބައިތިއްބައިގެންނެވެ. އެބޭފުޅުން ހައްޔަރު ކުރީ ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތެއް ކަމަށް ބުނެ ޝާހީ އާއިލާގެ އެތައް ބޭފުޅުންނަކާއި ވިޔަފާރިވެރިންތަކެއް ހައްޔަރު ކުރި އިރުގައެވެ. އެބޭފުޅުން ހައްޔަރު ކުރީ މިދިޔަ ނޮވެމްބަރުމަހު އެވެ. އޭރު ހައްޔަރު ކުރި ބޭފުޅުންނާ ސައުދީ ސަރުކާރުން އަންނަނީ ވާހަކަ ދައްކަމުންނެވެ. ސަރުކާރުން ބޭނުން ވަނީ އެބޭފުޅުންގެ އަތުގައި ހުރި ފައިސާގެ ތެރެެއިން ދައުލަތުގެ ފައިސާ ކަމަށް ދެކޭ ފައިސާ އަނބުރާ ހޯދުމަށެވެ. އެގޮތުން 100 ބިލިޔަން ޑޮލަރު ސަރުކާރަށް ހޯދަން ދަނީ މަސައްކަތް ކުރަމުންނެވެ. ބިންލާދިން ގްރޫޕް ސަރުކާރަށް ނެގުމަކީ ވެސް އެ މަޝްވަރާތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ބިންލާދިން ގްރޫޕުގެ ޗެއާމަނާއި އާއިލާގެ ބައެއް ބޭފުޅުން ހައްްޔަރު ކުރުމާ އެކު އެކުންފުނީގެ ކަންތައްތައް ބަލަހައްޓަން ސައުދީ ސަރުކާރުން ވަނީ ފަސް މެމްބަރުންގެ ކޮމިޓީއެއް އުފައްދާފައެވެ. އެ ކޮމިޓީގައި ސައުދީ ސަރުކާރުން އައްޔަންކޮށްފައިވާ ތިންބޭފުޅަކު ހިމެނެއެވެ.
ބިންލާދިން ގްރޫޕަކީ އެ ކުންފުނީގެ ރަން ޒަމާނުގައި ލައްކައަކަށް ވުރެ ގިނަ މުވަައްޒަފުން ތިބި، ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުންޏެވެ. ނަމަވެސް ފާއިތުވި ދެތިން އަހަރު އެކުންފުންޏަށް ވަނީ ބޮޑެތި މައްސަލަތަކާ ކުރިމަތިވެފައެވެ. އެކަމުގެ ސަބަބުތަކުގެ ތެރޭގައި ސައުދީގެ އިމާރާތްކުރުމުގެ ސިނާއަތް ދަށަށް ދިއުން ހިމެނެއެވެ. ހަރަމްފުޅު ބޮޑުކުރުމުގެ މަޝްރޫއު ކުރިއަށް ދަނިކޮށް ކެރޭނެއް ވެއްޓި ހައްޖުވެރިންތަކެއް މަރުވި ހާދިސާގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑެތި މައްސަލަތައް ކުރިމަތިވިއެވެ. އެއީ ސައުދީ ސަރުކާރުން އެ ކުންފުންޏަށް ދީފައިވާ ބައެއް މަސައްކަތްތައް އެހާދިސާއާ ގުޅިގެން އަތުލުމުންނެވެ.
ވީއައިއޭގެ ޓާމިނަލް އަޅަން ބިންލާދިން ގްރޫޕާ ހަވާލުކުރީ 300 މިލިއަން ޑޮލަރަށް، މެއި 21، 2016 ވަނަ އަހަރު އެވެ. ބިންލާދިން ގްރޫޕަށް ކުރިމަތިވި މައްސަލަތަކާ އެކު އެ މަސައްކަތް ވެސް ވަނީ ވަރަށް ބޮޑަށް މަޑުޖެހި ޝެޑިއުލްއިން ކައްސާލައިފަ އެވެ. އަދި އެކަމުގެ ސަބަބުން ޓާމިނަލްގެ މަސައްކަތް މުއްދަތަށް ނިންމޭނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.