ކުޅިވަރު

ބާސާއިން މެސީއަށް އަހަރަކު 100 މިލިއަން ޔޫރޯ

ބާސެލޯނާއާއެކު ލިއޮނަލް މެސީ ސޮއި ކުރި އާ އެއްބަސްވުމުގެ ދަށުން، އޭނާ އަށް އަހަރަކު 100 މިލިއަން ޔޫރޯ (1.880 ބިލިއަން ދިވެހި ރުފިޔާ) ލިބޭނެ ކަމަށް ފުޓްބޯޅަ ލީކްސުން އާންމުކުރި ޑޮކިޔުމެންޓްތަކުން ހާމަ ވެއްޖެ އެވެ.

މިދިޔަ ނޮވެމްބަރު މަހު މެސީ، ވާނީ ބާސެލޯނާއާއެކު، 2021 ވަނަ އަހަރުގެ ނިޔަލަށް ކޮންޓްރެކްޓް އާ ކޮށްފަ އެވެ.

ފްރެންޗް ޕޯޓަލް މީޑިއާޕާޓް މެދުވެރިކޮށް ލީކް ކޮށްފައިވާ ފުޓްބޯލް ލީކްސްގައިވާ ގޮތުން، ކުރިއަށް އޮތް ހަތަރު ސީޒަންގައި، ބާސެލޯނާއިން މެސީއަށް 400 މިލިއަން ޔޫރޯއަށް ވުރެ ބޮޑު އަދަދެއް ދޭނެ އެވެ.

މެސީ،30 އަށް އަހަރަކު 50 މިލިއަން ޔޫރޯ ދޭނެ އެވެ. އެއީ ވާދަވެރި ރެއާލް މެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއަށް ވުރެ، ދެ ގުނަ ބޮޑު އަދަދެކެވެ.

ފުޓްބޯޅަ ލީކުސްއިން ވަނީ، ދުނިޔޭގެ އެންމެ އަގުބޮޑު ޓްރާންސްފާގައި، ބާސެލޯނާ ދޫކޮށް ޕީއެސްޖީއަށް ބަދަލުވި، ނޭމާގެ މުސާރައިގެ އަގުވެސް ހަމަ ކޮށްފަ އެވެ. ނޭމާ އަށް ލިބެނީ އަހަރަކު 36 މިލިއަން ޔޫރޯ އެވެ.

މެސީއަށް 100 މިލިއަން ޔޫރޯ ލިބޭ ގޮތް

މެސީ އަށް ކަނޑައެޅިފައިވާ އަގުގެ ގޮތުގައި އަހަރަކު ލިބެނީ 71 މިލިއަން ޔޫރޯ އެވެ. އެއީ ފޮޓޯ ލައިސެންސްގެ ގޮތުގައި ލިބޭ އިތުރު 15 ޕަސަންޓްވެސް ހިމަނައިގެންނެވެ. އަދި ކުލަބަށް ވަފާތެރި ވުމުގެ އަގު 70 މިލިއަން ޔޫރޯ އެވެ. އެއީ ކޮންޓްރެކްޓް ހަމަވުމުގެ ކުރިން ބާސެލޯނާ ދޫކޮށް ނުލާ މަތިން ލިބޭ އަދަދެކެވެ.

އެހެން ވެއްޖެނަމަ، އޭނާ އަށް އަހަރަކު 100 މިލިއަން ޔޫރޯއަށް ވުރެވެސް ބޮޑު އަދަދެއް ލިބޭނެ އެވެ. ދެން މި އަދަދު ހަތަރު އަހަރަށް ބަހާލާށެވެ.
(71x4 = 284 + 63.5 + 70 = 417.5 )
އެއީ 417.5 މިލިއަން އެެވެ.

ދެން އޮތީ ލިބޭ ބޯނަހެވެ. ބޯނަހާއެކުވެސް، އޭނާ އަށް ލިބޭ އަހަރީ މުސާރަ އިތުރު ވާނެ އެވެ. އެގޮތުން 60 ޕަސަންޓް މެޗުތަކުގައި ކުޅެފިނަމަ، އޭނާ އިތުރަށް 1.9 މިލިއަން ޔޫރޯ ލިބޭނެ އެވެ. ބާސެލޯނާއިން ޗެމްޕިއަންސް ލީގް ހޯދައިފިނަމަ އިތުރު 12 މިލިއަން މެސީގެ އެކައުންޓަށް ޖަމާ ކުރެވޭނެ އެވެ.