ބޭރު ކުޅިވަރު

ސިޓީ ފަހަތަށް ޖައްސައި ޔުނައިޓެޑު ސަންޗޭޒް ހޯދުމާ ގާތަށް

Jan 13, 2018

ޗިލީ އަދި އާސެނަލްގެ ތަރި އެލެކްސިސް ސަންޗޭޒް ގަތުމަށް މެންޗެސްޓާ ސިޓީ ކުރަމުން އައި މަސައްކަތަށް ވާދަވެރި ޔުނައިޓެޑު ހުރަސް އަޅައިފި އެވެ.

ސިޓީ ސަންޗޭޒް ގަތުމަށް ގާތް ވެފައިވަނިކޮށް ޔުނައިޓެޑުން މިވަނީ އާސެނަލް އަށް 35 މިލިއަން ޕައުންޑު ހުށައެޅުމަށް ތައްޔާރުވެފަ އެވެ. ސަންޗޭޒްގެ ޓްރާންސްފާއަށް އޭނާގެ އެޖެންޓުވެސް ފަސް މިލިއަން ޕައުންޑުގެ ފީއެއް ބޭނުންވެ އެވެ. މިހެންކަމުން ސަންޗޭޒްގެ ޓްރާންސްފާ ފީގެ ޖުމްލަ އަގު 40 މިލިއަން ޕައުންޑަށް އަރާނެ އެވެ. މިއީ މެންޗެސްޓާ ސިޓީ ހުޅައަޅަން ތައްޔާރުވެފައިވާ އަގަށްވުރެ ދެގުނަ ބޮޑު އަގެއް ކަމަށް އިންގިރޭސި ރިޕޯޓުތަށް ބުނެ އެވެ.

ސަންޗޭޒް އާއި ގުޅޭ ގޮތުން ޔުނައިޓެޑުގެ ކޯޗު މޮރީނޮއޯ އާއި ނޫސްވެރިން ކުރިސުވާލަށް ޖަވާބު ދެމުން މޮރީނިއޯ ބުނީ "އޭނާ (ސަންޗޭޒް) އަކީ ވަރަށް މޮޅު ކުޅުންތެރިއެއް ނަމަވެސް އަހަރެން އަދި ކްލަބުގެ ވެރިން ޖެނުއަރީގަ ކުޅުންތެރިއެއް ގަތުމުގެ ނަމުގަ ނުގައްނާނަން ކުޅުންތެރިއެއް. އެކަމަކުން އެބަތިބި ޖެނުއަރީ ނޫން ޖުލައި މހުވެސް ސޮއި ކުރާ ފެންވަރުގެ ކުޅުންތެރިން އެފަދަ ކުޅުންތެރިއެއް ޔުނައިޓެޑަށް ގެއްނަން ފުރުސަތު ލިބިއްޖެ ނަމަ ގެންނަން މަސައްކަތް ކުރާނަން."

މޮރީނިއޯ މިހެން ވާހަކަ ދައްކާފައިވާއިރު އޭނާ ޔުނައިޓެޑުން ސަންޗޭޒް ގަންނަން މަސައްކަތް ކުރާކަން ދޮގުކޮށްފައެއް ނުވެ އެވެ. މޮރީނިއޯ އާއި ހިލާފަށް ސިޓީގެ ކޯޗު ގާޑިއޯލާއަށް ސަންޗޭޒް އާއި ބެހޭގޮތުން ސުވާލު ކުރުމުން އޭނާ ވަނީ އެސުވާލުތަކަށް ޖަވާބު ދިނުމަށް އިންކާރުކޮށްފަ އެވެ.

ސަންޗޭޒް އާއި ބެހޭ ގޮތުން ކުރި ސުވާލުތަކަށް ޖަވާބު ދެމުން ގާޑިއޯލާ ބުނެފައިވަނީ "އަހަރެން ތިސުވާލުތަކަށް ޖަވާބެއް ނުދޭނަން. އަހަންނަށް އިންގޭ ނޫސްވެރިންގެ ވަޒީފާ އަކީ އަހަންނާ ސުވާލު ކުރުންކަން އެކަމަކު އަހަރެން މިވިސްނަނީ ލިވަޕޫލް އާއި ދެކޮޅަށް އޮތް މެޗަށް."

ސަންޗޭޒް އާސެނަލް ދޫކޮށްލާނެ ކަމަށް އެކްލަބްގެ އިސްވެރިން މިހާރު ގަބޫލު ކުރާކަމަށް އިންގިރޭސި މީޑިޔާ ތަކުގައި ރިޕޯޓު ކުރަމުން ބުނެފައިވަނީ ސަންޗޭޒްގެ ބަދަލުގައި ފްރާންސްގެ ބޯޑޯގެ ބްރެޒިލް ފޯވާޑް މަލްކޮން ހޯދުމަށް އާސެނަލްގެ ބޯޑުން މިހާރު މަސައްކަތް ފަށާފައިވާ ކަމަށެވެ.

އާސެނަލްގެ ކޯޗު އާސެން ވެންގާ ސަންޗޭޒް އާއި ގުޅޭ ގޮތުން ބުނެފައިވަނީ އޭނާ ސީޒަން ނިމެންދެން އާސެނަލްގައި މަޑު ކުރާނެކަމަށް އުންމީދު ކުރާ ކަމަށާއި އަދި ސަންޗޭޒްގެ ޓްރާންސްފާ މައްސަލަ ނިމިގެންދާނެ ގޮތެއް ނޭންގޭ ކަމަށެވެ.

މީގެ ކުރިން އިޓަލީގެ އުދިނޭސީ އަދި ބާސެލޯނާއަށް ކުޅެދީފައިވާ ސަންޗޭޒް އަކީ ޗިލީގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅޭދީ އަދި އެންމެ ގިނަ ލަނޑުވެސް ކާމިޔާބުކޮށްދީފައިވާ ކުޅުންތެރިޔާ އެވެ.