ބޭރު ކުޅިވަރު

މެޑްރިޑް ސިއްސުވާލުމަށްފަހު ވިލަރެއާލް ތިން ޕޮއިންޓް ހޯދައިފި

Jan 14, 2018

ބާނަބޭއޯގައި ވިލަރެއާލް ހޯދި މޮޅާއެކު ރެއާލް މެޑްރިޑްގެ ކޯޗު ޒައިނަދިން ޒިދާންއަށް އަނެއްކާވެސް އިތުރު ޕްރެޝަރަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

މިނަތީޖާގެ ސަބަބުން ރެއާލް މެޑްރިޑާއި ވާދަވެރި ބާސެލޯނާ އާއި ދެމެދު މިހާރު 16 ޕޮއިންޓްގެ ތަފާތެއް އެބައޮތެވެ. ހަތަރުވަނަ މަގާމުގައި ރެއާލް އޮތްއިރު ރޭ ހޯދި މޮޅާއެކު ވިލަރެއާލް މިހާރު މިވަނީ ތާވަލުގެ ފަސްވަނަ މަގާމަށް ޖެހިލާފަ އެވެ. ވިލަރެއާލް އާއި ރެއާލް މެޑްރިޑާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތެވެ.

މެޗުގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ރެއާލް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދި ނަމަވެސް ވިލަރެއާލް ކީޕަރު އަދި ޑިފެންޑަރުން ވަނީ ވަރަށް ހުށިއާރުކަމާއެކު ރެއާލް ހުއްޓުވާފަ އެވެ.

ފުރަތަމަ ހާފްގައި ރެއާލް މެޑްރިޑްގެ ގެރެތް ބޭލް ބޮލުން ގޯލްގެ ތެރެއަށް ބޯޅަ ފޮނުވާލި ނަމަވެސް އޭނާ އެގޯލް ކާމިޔާބުކުރީ އޮފްސައިޑް މަގާމެއްގައި ހުރެގެންނެވެ. އޭގެ ފަހުން ރޮނާލްޑޯ ފުނުވާލި ހިލޭ ޖެހުން ވިލަރެއާލްގެ ކީޕަރު ސާޖިއޯ އެސެންސޯ ވަނީ ހުސިއާރު ކަމާއެކު ދިފާއުކޮށްފަ އެވެ.

ދެވަނަ ހާފްގައި ވިލަރެއާލް ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާއަކަށްވީ މެޗު ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް މެޗުގެ ލީޑު ނެގުމެވެ. ރެއާލްގެ ކޯނަރެއް ދިފާއުކޮށް ކައުންޓާ އެޓޭކުގައި ވިލަރެއާލްގެ ޑެނިސް ޗެރްޝޭވް އެޓީމުގެ ފޯވާޑް އުނެސް އިނާލްއަށް ކުޅުނު ބޯޅައިން އުނާލް ފޮނުވާލި ހަމަލާ މެޑްރިޑްގެ ކީޕަރު ނަވާސް ދިފާއުކުރި ނަމަވެސް އެބޯޅަ ލިބުނީ ވިލަރެއާލްގެ އެޓޭކިން މިޑްފިލްޑަރު ޕަބްލޯ ފޯނާލްސް އަށެވެ. ފޯނާލްސް ވަނީ މެޑްރިޑް ގޯލްގެ 20 ޔާޑު ބޭރުން ކީޕަރު ނަވާސް ބޯމަތިން ބޯޅަ ގޯލްގެ ތެރެއަށް އޮއްސާލާފަ އެވެ.

މިހާރު ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި ދެމެދު އޮތް 16 ޕޮއިންތްގެ ފަރަގު މާދަމާރޭ ރެއާލް ސޮސޮއެޑާޑް އާއި ބާސެލޯނާ ބައްދަލުކުރާ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުން 19 ޕޮއިންޓަށް އިތުރު ވުމަކީ ގާތް ކަމެކެވެ. ބާސެލޯނާ ސޮސިއެޑާޑް އަތުން މޮޅު ވެއްޖެނަމަ މިފަރަގު 19 ޕޮއިންޓަށް އިތުރުވާނެ އެވެ.

އެންމެ ފަހުން ރެއާލް މެޑްރިޑް ކުޅުނު ތިން މެޗުންވެސް މޮޅެއް ލިބިފައިނުވާއިރު އެޓީމުގެ އެއްވަނަ ފޯވާޑް ކްރިސްތިއާނޯ ރޮނާލްޑޯގެ ފޯމުވެސް މިވަނީ ވަރަށް ދަށްވެފަ އެވެ. ލަލީގާގައި މިސީޒަނުގައި ރޮނާލްޑޯއަށް ކާމިޔާބުކުރެވިފައިވަނީ އެންމެ ހަތަރު ގޯލެވެ.