ވިޔަފާރި

އުރީދޫގެ އެހީއާ އެކު ޕީއެސްޖީން ދިވެހި ކުދިންނަށް ފުޓުބޯޅައިގެ ހުނަރު ދަސްކޮށްދެނީ

May 4, 2015

އުރީދޫ ގްރޫޕުގެ އެއް ޕާޓްނަރު ކަމަށްވާ ފްރާންސުގެ މަޝްހޫރު ފުޓުބޯޅަ ކްލަބް ޕީއެސްޖީ އިން ރާއްޖޭގެ 200 ކުދިންނަށް ފުޓުބޯޅައިގެ ހުނަރު ދަސްކޮށްދިނުމަށް ހާއްސަ ކޭންޕެއް ހިންގުމަށް ނިންމައިފި އެވެ.

އުރީދޫ މޯލްޑިވްސްގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ސީނިއަ ސްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހުމަދު ދީދީ (މަރީ) ވިދާޅުވީ މިމަހުގެ 29-30 މި ދެ ދުވަހު ރާއްޖޭގައި ހިންގާ މި ކޯޗިން ކޭންޕުގައި ތަމްރީން ދޭނީ ޕީއެސްޖީގެ ސީނިޔަ ކޯޗުން ކަމަށެވެ. އަދި މި ކޯޗުން 200 ކުދިންނަށް ތަމްރީން ދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ކޯޗިން ކްލިނިކްގައި ބައިވެރި ވެވޭނީ ހަ އަހަރާއި 16 އަހަރާ ދެމެދުގެ ކުދިންނަށް،" މަރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ކޭމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެފްއޭއެމްގެ އެހީތެރިކަމާއެކުގައި ކަމަށެވެ.

"ފުޓުބޯޅަ ކްލިނިކަށް ކުދިން ހޮވުން ފަދަ އެހީތެރިކަން ދޭނީ އެފްއޭއެމުން،" މަރީ ވިދާޅުވި އެވެ.

އުރީދޫން ވަނީ ކޯޗިން ކޭމްޕުގައި ބައިވެރިވުމުގެ ފުރުސަތު ޝޯޝަލް މީޑިޔާ މެދުވެރިކޮށްވެސް ހުޅުވާލާފަ އެވެ. "# އުރީދޫ ޕީއެސްޖީ އެކެޑަމީ" ޖެހުމަށްފަހު ފުޅުބޯޅައިގެ ހުނަރު ދައްކާލާ ވީޑިއޯ ކޮޅެއް އިންސްޓަގްރާމް ކުރުމުން ބައިވެރިވުމުގެ މަގު ފަހި ވެ އެވެ. މިގޮތަށް އިންސްޓަގްރާމް ކުރާ ވީޑިއޯ ކޮޅުތަކުގެ ތެރެއިން އެންމެ "މޮޅު ހުނަރު" ދައްކާލާ ކުދިން މި ކޭމްޕަށް ހޮވޭނެ އެވެ. މި ފުރުސަތު މިމަހުގެ 12 ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފަ އެވެ.