ވިޔަފާރި

ފިޔަވަތީގައި މެޑިކަލް ރޫމެއް ހަދަން މީރާގެ މުވައްޒަފުން ފައިސާ ހަދިޔާކޮށްފި

Jan 14, 2018
2

ހުޅުމާލޭގެ ފިޔަވަތީގައި މެޑިކަލް ރޫމެއް ހަދަން ބޭނުންވާ ފައިސާ މީރާގެ މުވައްޒަފުން ހަދިޔާކޮށްފި އެވެ. މިއީ، މީރާގެ މުވައްޒަފުންގެ އަމިއްލަ ހަރަދުގައި ކޮންމެ އަހަރަކު ވެސް ހިންގާ އިޖުތިމާއީ ޒިންމާގެ ހަރަކާތްތަކުގެ ތެރެއިން ބައެކެވެ.

ފިޔަވަތީގައި އިއްޔެ ހަވީރު ފިޔަވަތީގައި ބޭއްވި މި ހަރަކާތުގައި މީރާގެ މުވައްޒަފުން ވަނީ ފިޔަވަތީގައި ތިބި ކުދިންނާއެކު، އެކި ކުޅިވަރުތައް ހިމެނޭ ގޮތަށް، އުފާވެރި ކުޑަކުދިންގެ ހަވީރެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ހަވީރުގައި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ޑެޕިއުޓީ ކޮމިޝަނާ ޖެނެރަލް ހަސަން ޒަރީރުގެ އިތުރުން މީރާގެ މުވައްޒަފުން ބައިވެރިވިއެވެ. އަދި ފިޔަވަތީގެ ސީއީއޯ ފާތިމަތު ޝިޔާމާ އާއި ފިޔަވަތީގެ އިސްވެރިންނާއި މުވައްޒަފުން ވެސް ބައިވެރިވި އެވެ.

ކޮމިޝަނަރު ޖެނެރަލް ޔަޒީދު މުހައްމަދު ވިދާޅުވީ މިފަދަ ހަރަކާތްތަކަކީ މީރާގެ މުވައްޒަފުންގެ ދީލަތި އެހީއާއެކު ކުރިއަށް ގެންދާ ހަރަކާތްތަކެއް ކަމަށާ، އިޖުތިމާއީ މިފަދަ އެތައް ހަރަކާތްތައް މީރާ ކްލަބުންނާއި މީރާގެ މުވައްޒަފުން ކޮންމެ އަހަރަކު ވެސް ރާވައި ހިންގަމުން ގެންދާ ކަމަށެވެ.

ފިޔަވަތީގެ ސީއީއޯ ފާތިމަތު ޝިޔާމާގެ ވާހަކަފުޅުގައި މީރާއަކީ މުޖުތަމައަށް އެހީތެރިވުމުގައި ނަމޫނާ މުއައްސަސާ އެއްކަން ފާހަގަކުރައްވާ ފައިވެ އެވެ. އަދި މީރާގެ މުވައްޒަފުންގެ ފަރާތުން ކޮންމެ އަހަރަކު ވެސް ދެއްވާ އެހީތަކަކީ ފިޔަވަތީގައި ދިރިއުޅޭ ކުދިންނަށް އެންމެ ބޮޑަށް ބޭނުންވާ ކަންތައްތައް ފޯރުކޮށްދިނުމަށް ވެވޭ ވަރަށްބޮޑު އެހީއެއްކަން ފާހަގަކޮށް މީރާގެ މުވައްޒަފުންނަށް ޝުކުރު އަދާކުރެއްވި އެވެ.