އާސަންދަ

ރާއްޖެއިން ލިބޭ ކެންސަރުގެ ފަރުވާތަކަށް ބޭރަށް ނުފޮނުވަން: އާސަންދަ

ރާއްޖެއިން ލިބެމުން އަންނަ ކެންސަރުގެ ފަރުވާތައް ބޭރުން ގައުމަކުން ހޯދަން ބޭނުންވި ނަމަވެސް އެ ފަރާތްތަކަށް އާސަންދަ ހިދުމަތް ނުލިބޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ. އާސަންދައިން މިހެން ބުނީ، ކެންސަރަށް ފަރުވާ ކުރުމަށް އާސަންދައިން މިހާރު ރާއްޖެއިން ބޭރަށް ފޮނުވާ ނުދޭ ކަމަށް ބުނެ އަޑު ފެތުރިފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އާސަންދަ ކުންފުނީގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ކެންސަރު ބައްޔަށް ފަރުވާ ކުރަން ބޭނުންވާ ފަރާތްތަކަށް އާސަންދަ މެދުވެރިކޮށް ރާއްޖެއިން ބޭރަށް ފޮނުވައި ދިނުން ހުއްޓާ ނުލާ ކަމަށެވެ. ނަމަވެސް އާސަންދައިން އަމަލު ކުރާ އުސޫލުގައި، ރާއްޖެއިން ލިބެން ފަރުވާތަކަށް ބޭރަށް ފޮނުވައި ނުދޭ ކަމަށާއި އެގޮތުން ކެންސަރުގެ ބައެއް ފަރުވާތައް ރާއްޖެއިން މިހާރު ލިބެން ހުންނަ ކަމަށެވެ. އެ ފަރުވާތަކަށް އާސަންދަ ބޭރަށް ފޮނުވައި ނުދިން ނަމަވެސް ރާއްޖެއިން ފަރުވާ ނުހޯދޭ ކެންސާ ޓްރީޓްމަންޓުތަކަށް އަދިވެސް އާސަންދަ ދެމުން އަންނަ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެތައް ވައްތަރުގެ ކެންސަރު ހުންނަ އިރު، އެއިން ވަރަށް ގިނަ ވައްތަރުގެ ކެންސަރަށް މިހާރު ރާއްޖެއިން ފަރުވާ ލިބޭ، ހުޅުމާލެ ހޮސްޕިޓަލުންނާއި އައިޖީއެމްއެޗް އިން ވެސް ބައެއް ފަރުވާތައް ލިބޭ، ކެންސަރުގެ ވަރަށް ބައިވަރު ވައްތަރުގެ ޓްރީޓްމަންޓުތައް ވެސް ހުރޭ، ރާއްޖެއިން ލިބޭ ޓްރީޓްމަންޓުތައް ނަގަން އާސަންދައިން ކަވަރޭޖް ނުލިބޭނެ، ރާއްޖެއިން ނުލިބޭ ޓްރީޓްމަންޓުތަކަށް މިހާރު ވެސް ރާއްޖެއިން ބޭރުން ކަވަރޭޖް ލިބޭނެ،" އޭނާ ވިދާޅުވި އެވެ.

ހުސް ނުވާ އާސަންދަ ސްކީމުން މިދިޔަ އަހަރު ހަރަދުކުރި ފައިސާގެ 20 ޕަސެންޓަށް ވުރެ ގިނައިން ހަރަދުވީ ރާއްޖޭން ބޭރުން ފަރުވާ ހޯދުމަށް މީހުން ފޮނުވުމަށް ކަމަށް އާސަންދައިން ވަނީ ބުނެފަ އެވެ. އޭގެ ތެރެއިން އެންމެ ގިނަ މީހުން ރާއްޖެއިން ބޭރުން ފަރުވާ ހޯދަނީ ކެންސަރަށެވެ. އެގޮތުން މިދިޔަ މަހުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ވެސް 1100 އަށް ވުރެ ގިނަ މީހުން ކެންސަރު ބައްޔަށް ފަރުވާ ކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް އާސަންދަގެ ތަފާސް ހިސަބުތަކުން ދައްކަ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ހުޅުމާލޭ ހޮސްޕިޓަލުގައި ކެންސަރަށް ފަރުވާދޭ ސެންޓަރު ހުޅުވި ފަހުން ގިނަ ބަޔަކު ފަަރުވާ ހޯދަމުން އަންނަނީ އެ ސެންޓަރުންނެވެ. ކެންސަރަށް ފަރުވާ ހޯދަން ރާއްޖެއިން ބޭރަށް ފޮނުވާ މީހުންގެ އަދަދު މަދުވަމުންދާ ކަމަށް ވެސް އާސަންދަ އިން ވަނީ ބުނެފަ އެވެ.

ކެންސަރު ބައްޔަކީ ގައިން ގަޔަށް ނާރާ ނުރައްކާތެރި ބަލިތަކުގެ ތެރޭން ރާއްޖޭގައި އެންމެ ގިނައިން މީހުން މަރުވާ އެއްބަޔެވެ. ދުވަހެއް ދުވަހަކަށް ބަލި ޖެހޭ ނިސްބަތް ދިވެހިންގެ ތެރޭގައި އިތުރުވަމުންދާއިރު، ކެންސަރު ޖެހޭ މީހުންގެ 22 ޕަސެންޓް މީހުންނަކީ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ބަލި ޖެހޭ މީހުންނެވެ.