ހަބަރު

މުޒާހަރާތަކުގައި ފުލުހުންނަށް އަނިޔާކުރާ މައްސަލަ ބަލައިދިނުމަށް ގޮވާލައިފި

May 5, 2015
1

އަދާލަތު ޕާޓީ އާއި އެމްޑީޕީން އިސް ނަގައިގެން ކުރަމުންދާ މުޒާހަރާތަކުގައި ފުލުހުންނަށް ލާއިންސާނީ އަނިޔާ ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކަމުން ގެންދާ ކަމަށާއި މުޒާހަރާ ރޫޅާލާއިރު ފުުލުހުންނަށް އަނިޔާދެމުންދާ ކަމަށާއި އެހެންވެ ހިއުމަން ރައިޓްސް ކޮމިޝަނުންނާއި އިލެކްޝަންސް ފަދަ ކަމާބެހޭ މުއައްސަސާތަކުން ފިޔަވަޅު އަޅައިދިނުމަށް ޕޮލިސް ފެމިލީ އެސޯސިއޭޝަނުން ގޮވާލައިފި އެވެ.

ފުލުހުންގެ ވަޒީފާގައި އުޅޭ މީހުންގެ އާއިލާތައް ބައިވެރިވާ ޕޮލިސް ފެމިލީ އެސޯސިއޭޝަނުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މޭ ޑޭގައި ކުރި މުޒާހަރާގައި ވެސް 17 ފުލުހަކަށް އެކިވަރުގެ އަނިޔާތައް ދީފައިވާ ކަމަށާއި ދެ ފުލުހަކަށް ވަރަށް ބޮަޑަށް އަނިޔާކުރުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ގެންގޮސް ފަރުވާދެމުން އަންނަ ކަމަށެވެ. އެ މުޒާހަރާގައި ފުލުހުންނާ ދިމާލަށް ގަލާއި ފުޅި ފަދަ ތަކެތި އުކައި މީޑިއާ މީހުންނަށް ވެސް ހަމަލާ ދީފައިވާކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

"...މުޒާހަރާގެ ބައިވެރިން ބޭނުން ކުރަމުންދިޔަ ޕިކަޕް ބޮޑު ތަކުރުފާނު މަގުން މާރުކޭޓާދިމާލުން ބާރު ސްޕީޑުގައި ދުއްވާފައި ފުލުހުންގެ ސަފުތަކުގެ ތެރެއަށް ވަދެގެން ގޮސްފައިވަނީ އިންސާނީ ކަރާމާތަށް ބެލުމެއް ނެތި އެތައް ފުލުހުންނެއްގެ ގައިގައި ޖައްސައި ފުލުހުން ޖަހާފައިވާ ސަލާމަތީ ބެރިކޭޑުތައް ވިއްސާލައި ބޮޑެތި ގެއްލުންތައް ދީފައެވެ." ބަޔާނުގައިވެ އެވެ.

ސުލްހަވެރިކަމާ އެކު އެއްވެ އުޅުމުގެ މިނިވަންކަން ގާނޫނީ ގޮތުން ލިބިދީފައި ވިޔަސް އަދާލަތު ޕާޓީ އާއި އެމްޑީީން މުޒާހަރާތަކުގައި ދަނީ ފުލުހުންނާއި ފުލުހުންގެ އާއިލާތަކަށް ގެއްލުން ދިނުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދައްކައި ލާއިންސާނީ އަނިޔާތަކަށް މަގުފަހިވާ ގޮތަށް ވާހަކަ ދައްކަމުން ކަމަށް ވެސް ޕޮލިސް ޕެމިލީ އެސޯސިއޭޝަނުން ބުންޏެވެ. އެެހެންވެ މިފަދަ އަމަލުތައް ހިއުމަން ރައިޓްސް އާއި އިލެކްޝަންސް އިން ބަލައި ފިޔަވަޅު އަޅައިދިނުމަށް ވަނީ ގޮވާލައިފަ އެވެ.

މޭޑޭ ގައި އެތައް ހާސް ބަޔަކު ބައިވެރިވި މުޒާހަރާގައި ހަމަނުޖެހުން ހިންގުމުގެ ސަބަބުން މުޒާހަރާ ރޫޅާލައި 200 ވަރަކަށް މީހުން ވަނީ ހައްޔަރުކޮށްފަ އެވެ. އޭގެ ތެރޭގައި މުޒާހަރާގައި އިސްކޮށް ތިއްބެވި، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހިމް ވެސް ހިމެނެ އެވެ.