ބޭރު ކުޅިވަރު

ޕޮގްބާގެ މޮޅު ކުޅުމާއެކު ޔުނައިޓެޑަށް މުހިންމު މޮޅެއް

Jan 16, 2018

އަމިއްލަ ދަނޑުގައި ސްޓޯކް ސިޓީ 0-3 ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑު ދެވަނަ މަގާމުގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައި އެއްވަނަ މަގާމުގައި އޮތް މެންޗެސްޓާ ސިޓީ އާއި ދެމެދު އޮތް ފަރަގު 12 ޕޮއިންޓަށް ކުޑަ ކޮށްފި އެވެ.

މިސީޒަނުގައި ބޮޑެތި މައްސަލަތަކަކާއި ކުރިމަތިވެފައިވާ ސްޓޯކް ސިޓީ ވަނީ އެޓީމުގެ ކޯޗުގެ މަގާމުން މާކް ހިއުސް ވަކިކޮށް އެމަގާމަށް ކުރީގެ އެސްޓަން ވިލާ އަދި ނޯވިޗް ސިޓީގެ ކޯޗު ޕޯލް ލެމްބާޓް ގެންނަން ނިންމާފަ އެވެ.

މިސީޒަނުގައި މިހާތަނަށް ބައިކޮޅަށް 50 ގޯލް ވަދެފައިވާ ސްޓޯ ސިޓީ މިހާރު އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. އެޓީމަށް 23 މެޗުން ލިބިފައިވަނީ 20 ޕޮއިންޓެވެ. އަނެއްކޮޅުން ޔުނައިޓެޑަށް ބަލާއިރު ދެވަނަ މަގާމުގައި ޔުނައިޓެޑު މިވަނީ މިހާރު 50 ޕޮއިންޓު ހަމަކޮށްފަ އެވެ.

މެޗުގެ ފުރަތަމަ ލަނޑު ފެނިގެންދިޔައީ މެޗުގެ ނުވަވަނަ މިނިޓުގަ އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންޓޯނިއޯ ވެލެންސިއާ އެވެ. ޕޮގްބާ ތަނަވަސްކޮށްދިން ފުރުސަތަކުން ސްޓޯކްގެ އޭރިޔާ ތެރެއިން ލިބުނު ބޯޅަ އެޓީމުގެ ކުޅުންތެރިއެއް ކާރިން ނައްޓާލުމަށްފަހު އެތެރެއަށްވަދެ ވެލެންސިއާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލްގެ ދުރު ކަނަށެވެ.

ދެވަނަ ހާފްގެ 38 ވަނަ މިނިޓުގައި ޔުނައިޓެޑުން ދެލަނޑުގެ ލީޑެއް ނެގި އެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެންތަނީ މަޝިއާލް އެވެ. ސްޓޯކްގެ އޭރިޔާ ބޭރުން ޕޮގްބާ ޑީއޭރިޔާ ތެރޭގައި ހުރި މާޝިއާލްއަށް ކުޅުނު ބޯޅަ އޭނާ ވަނީ އެއްފަހަރުން ގޯލްގެ މަތީ ކަނަށް ފޮނުވާލާފަ އެވެ.

މެޗުގައި ޔުނައިޓެޑުން ކާމިޔާބުކުރި ފަހު ލަނޑު ދެވަނަ ހާފްގެ 72 ވަނަ މިނިޓުގައި ކާމިޔާބުކޮށްދިނީ ރޯމިއޯ ލުކާކޫ އެވެ. އޭރިޔާ ތެރެއަށް މާޝިއާލް ކުޅުނު ބޯޅަ މަތަކޮށްލުމަށްފަހު ސްޓޯކްގެ ދެޑިފެންޑަރުން ކާރިން ނައްޓާލުމަށްފަހު ލުކާކޫ ވަނީ ގޯލްގެ ތީރީ ކަނަށް ބޯޅަ ފޮނުވާލާފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑު އެންމެ އަވަހަށް ކުޅޭ މެޗުގައި ނިކުންނާނީ މިމަހު 20 ވަނަ ދުވަހު ބާންލޭ އާއި ދެކޮޅަށެވެ. ސްޓޯކް ސިޓީ ހަމަ އެދުވަހު ބައްދަލުކުރަނީ ހަޑަލްސްފީލްޑް ޓައުންއާ އެވެ.