ބޭރު ކުޅިވަރު

ސަންޗޭޒް ހޯދުމަށް ސިޓީ ކުރަމުން އައި މަސައްކަތް ހުއްޓާލައިފި

Jan 16, 2018
1

އާސެނަލް އަދި ޗިލީގެ ތަރި އެލެކްސިސް ސަންޗޭޒް ހޯދުމަށް މެންޗެސްޓާ ސިޓީ ކުރަމުން އައި މަސައްކަތް އެކްލަބުން ހުއްޓާލައިފި އެވެ.

ބީބީސީ ރިޕޯޓް ކުރާ ގޮތުގައި ސިޓީ ސަންޗޭޒް ނުގަތުމަށް ނިންމާފައިވަނީ އޭނާ ބޭނުންވާ މުސާރަ ބޮޑުވުމުންނެވެ. މިރިޕޯޓް ބުނާ ގޮތުގައި މިނިންމުން ނިންމާފައިވަނީ ސިޓީގެ އެއްހިއްސާދާރު ހަލްދޫން ހަލީފާ އަލް މުބާރަކް އެވެ. އޭނާގެ މިނިންމުމަށް ސިޓީގެ އެންމެ ބޮޑު ހިއްސާދާރު އަދި ކްލަބްގެ ރައީސް މަންސޫރް ބިން ޒައިދް އަލް ނަހްޔާން ވެސް ތާއީދު ކޮށްފައިވާކަމަށް މިރިޕޯޓު ބުނެ އެވެ.

ސިޓީ އާއި ހިލާފަށް މެންޗެސްޓާ ޔުނައިޓެޑުން މިހާރުވެސް އޮތީ ސަންޗޭޒްއަށް އޭނާ ބޭނުންވާ މުސާރަ ދޭން ތައްޔާރަށެވެ. މީގެ އިތުރުން އާސެނަލް ސަންޗޭޒްގެ ޓްރާންސްފާ ފީއެއްގެ ގޮތުގައި ބޭނުންވާ 20 މިލިއަން ޕައުންޑު އަދި ސަންޗޭޒްގެ އެޖެންޓަށް 15 މިލިއަން ޕައުންޑު ދޭންވެސް ޔުނައިޓެޑު އޮތީ ތައްޔާރުވެފަ އެވެ.

މިވަގުތު ޗެލްސީ ވެސް އަންނަނީ ފޯވާޑެއް ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިގޮތުން އެޓީމުގެ ކޯޗު އެންޓޯނިއޭ ކޯންޓޭ ގެންނަން މަސައްކަތް ކުރަމުން އަންނަ ވެސްޓް ހާމްގެ ފޯވާޑް އެންޑީ ކެރޯލްގެ ޓްރާންސްފާ ފީއަކާ ދެމެދު ޗެލްސީ އަދި ވެސްޓް ހާމްއަށް އެއްބަސް ނުވެވުމުން ޗެލްސީއިން މިހާރު ވަނީ ސަންޗޭޒް ގެނައުމަށް ސައުގުވެރިކަން ފާޅުކޮށްފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ ސަންޗޭޒް ގެންއުމަށް އާސެނަލްއަށް ހުޅައަޅާ ޓްރާންސްފާގައި އެޓީމުގެ އަރްމީނިއާ އެޓޭކިން މިޑްފިލްޑަރު ހެންރިކް މިކިޓާރިއަން ހިމަނާފައިވެ އެވެ. ނަމަވެސް މިކަޓާރިއަން އާސެނަލްއަށް ބަދަލުވާން ބޭނުން ނުވާކަމަށް އިންގިރޭސި ބައެއް މީޑިޔާތަކުގައި ރިޕޯޓުކޮށްފައިވެ އެވެ.

މިކިޓާރިއަން މިގޮތަށް އެއްބަސްވެފައި ނުވާތީ އާސެނަލްއިން ބޭނުން ވަނީ ޔުނައިޓެޑުގެ ފްރާންސް މިޑްފިލްޑަރު އެންތަނީ މާޝިއާލް އެވެ. ނަމަވެސް ޔުނައިޓެޑުން އޭނާ ދޫކޮށްލަން ބޭނުމެއް ނުވެ އެވެ.

ސަންޗޭޒްގެ ގައުމި ޗިލީގެ ނޫސްތަށް ބުނާ ގޮތުގައި އޭނާ ފެނުން އެންމެ ގާތީ މެންޗެސްޓާ ޔުނައިޓެޑުންނެވެ. އަދިި އޭނާ އެކްލަބުގައި ކުޅޭނީ ހުސްވެފައިވާ ހަތް ނަންބަރު ޖާޒީއަށް ކަމަށްވެސް ބެނެފައިވެ އެވެ.

ސަންޗޭޒް ޔުނައިޓެޑަށް ބަދަލުވެއްޖެނަމަ އޭނާ ވެގެންދާނީ ޕްރިމިއާ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ.