ހަބަރު

މުޒާހަރާތަކާ ގުޅިގެން މަޝްވަރާ ކުރަން އެމްޑީޕީން ހާޒިރެއް ނުވޭ: ޕޮލިސް

May 5, 2015

މާލޭގައި މިހާރު ކުރިއަށް ދާ މުޒާހަރާތަކާ ބެހޭގޮތުން އެމްޑީޕީއާ މަޝްވަރާ ކުރަން އެދުނު ނަމަވެސް އެ ޕާޓީން މަޝްވަރާއަށް ހާޒިރުވެފައިނުވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައިވަނީ އެއްވުންތައް ސުލްހަވެރިކަމާ އެކު ބާއްވަން މަޝްވަރާ ކުރަން އެމްޑީޕީއަށް ފުރުސަތު ދިން ނަމަވެސް ވޭތުވެދިޔަ ތިން ދުވަހު ވެސް އެ ފުރުސަތު އެމްޑީޕީން ބޭނުންކޮށްފައިނުވާ ކަމަށާއި އެކަމަށް ހިތާމަ ކުރާ ކަމަށެވެ. އަދި މިމަހުގެ ފުރަތަމަ ދުވަހުން ފެށިގެން ބާއްވާ އެއްވުންތަކުގައި އެމްޑީޕީން ނޯޓިސް ފޮނުވާ ނަމަވެސް އެ ނޯޓިހާ އެއްގޮތަށް އަމަލު ނުކުރާ ކަން ފާހަގަކުރެވޭ ކަމަށް އެ ބަޔާނުގައިވެ އެވެ.

މަޝްވަރާއަށް ދާން އެމްޑީޕީން ދެކޮޅު ހަދާ ކަމަށް ފުލުހުން ބުނާއިރު އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު އަމީން އިބްރާހިމް ވަނީ ހައްޔަރުކޮށް، ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.