ކުޅިވަރު

ރޮނާލްޑީނިއޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި

ބާސެލޯނާއި ބްރެޒިލްގެ ކުރީގެ ތަރި ރޮނާލްޑީނިއޯ ގޮޗޯ ފުޓްބޯޅަ ކުޅުން ހުއްޓާލައިފި ކަން އޭނާގެ އާއިލާއިން އިއުލާން ކޮށްފި އެވެ.

ރޮނާލްޑީނިއޯ އަކީ، ބާސާ މިހާރު މި ދެކޭ ރަންޒަމާނުގެ ފެށުން އައިިރު، އެ ޓީމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔާ އެވެ. ދެހާސް ތިން ވަނަ އަހަރު އޭނާ ބާސެލޯނާއަށް ގެނައީ، ބާސާ ކޮޅަށް ޖަހައިދިން ރައީސް ހުއާން ލަޕޯޓާގެ ދައުރުގައެވެ. ބާސާގެ މިހާރު އޮތް ބިޒްނަސް މޮޑެލް ފައްކާ ކޮށް ތަރައްގީ ކުރީ ލަޕޯޓާގެ ދުވަސް ވަރުއެވެ.

ލަޕޯޓާ، ފުރަތަމަ މަސައްކަތް ކުރީ އިނިގިރޭސި މިޑްފީލްޑާ ޑޭވިޑް ބެކަމް ގެނައުމަށެވެ. އޭރު ޕީއެސްޖީ އަށް ކުޅެމުން ދިޔަ ރޮނާލްޑީނިއޯ ގެނައީ، ބެކަމް ގެނައުމަށް ކުރި މަސައްކަތް ކާމިޔާބު ނުވުމުންނެވެ. ބްރެޒިލްގެ ގައުމީ ޓީމަށް، ރޮނާލްޑޯނިއޯ ކުޅެން ފެށީ، އެ ޓީމުގައި އެންމެ ތަރިން ގިނަ ދުވަސް ވަރު އެވެ. އޭނާ ގައުމީ ޓީމަށް ކުޅެން ފެށިއިރު އޭރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިން އެ ޓީމުގައި ހިމެނެ އެވެ. ރޮނާލްޑޯ ލުއިސް ނަޒާރިއޯއަކީ އޭރު ބްރެޒިލްގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާގެ ފަހަތުން، ރިވާލްޑޯ އާއި ރޮބާޓޯ ކާލޯސް ވެސް ޓީމުގައި އެހާމެ މަޝްހޫރެވެ. ބްރެޒިލްގެ ޓީމުގެ މައި ތަނބަކަށް ރޮނާލްޑޯވީ އެ ކުޅުންތެރިން ގައުމީ ޓީމަށް ކުޅުން ހުއްޓާލުމުންނެވެ.

ދެހާސް ފަސް ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދި، ރޮނާލްޑީނިއޯއަށް، ބާސެލޯނާގައި އޭނާގެ ފަހު ކޮޅު ބައެއް މައްސަލަތައް ކުރިމަތި ވިއެވެ. އެހެންވެ އޭނާ އަށް އަސްލު ފޯމުގައި ހިފަހައްޓާ ނުލެވުނެވެ.

އެއަށް ފަހު އޭނާ ބަދަލުވީ މިލާން އަށެވެ. މިލާންގައި ކަކާ، މަލްޑިނީ ބެކަމް އާއެކު ރޮނާލްޑީނިއޯ ކުޅުނެވެ. މިހާރު ބާސާގެ ގްލޯބަލް އެމްބަސެޑަރެއްގެ ގޮތުގައި ހުރި ރޮނާލްޑީނިއޯ، 2015 ވަނަ އަހަރުގެ ފަހުން ރަސްމީކޮށް އެއްވެސް ކުލަބަކާ ނުގުޅެއެވެ. އޭނާ އެންމެ ފަހުން ކުޅުނީ ބްރެޒިލްގެ ފުލުމެނެންސް އެފްސީ އަށެވެ.

ދާދިފަހުން ދިން އިންޓަވިއުއެއްގައި ރޮނާލްޑީނިއޯ،37 ބުނީ ފުޓްބޯޅަ ކުޅޭ ވަރަށްވުރެ މިހާރު އޭނާ މުސްކުޅި ވެއްޖެ ކަމަށެވެ.