ހަބަރު

ޕީޖީ މުހުތާޒާއި ގާޒީ ބާރީ ބައްދަލުކުރި ކަމަށް ބުނާ ވީޑިއޯ ފޮހެލަން މަޖުބޫރުކޮށްފައިވޭ: ބްރޯޑްކާސްޓިން ކޮމިޝަން

May 5, 2015
1

ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނާއި ކްރިމިނަލް ކޯޓުގެ ގާޒީ އަބްދުލްބާރީ ޔޫސުފް ބައްދަލު ކުރައްވަން ތިއްބެވި ކަމަށް ބުނެ ރާއްޖެ ޓީވީން ނެގި ވީޑިއޯ ފޮހެލަން މަޖުބޫރުކޮށްފައިވާ ކަމަށް ގަބޫލުކުރެވޭ ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން އިއްޔެ ނިންމައިފި އެވެ.

ޕީޖީ މުހުތާޒާއި ގާޒީ ބާރީ ކެފޭ ލަޔާލީގައި ބައްދަލުކުރަން ތިއްބެވި ކަމަށް ބުނެ މިދިޔަ މާޗް މަހުގެ ތެރޭގައި ރާއްޖެ ޓީވީން ނެގި ވީޑިއޯ ޑިލީޓް ކުރުވި ކަމަށް ބުނާ މައްސަލަ ބެލުމަށް ފަހު ބްރޯޑްކޮމުން ނެރުނު ބަޔާނެއްގައިވަނީ އެ ވީޑިއޯ ފޮހެލުމަށް މަޖުބޫރުވާ ފަދަ ހާލަތެއް މެދުވެރިވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި އެއީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އެޅޭ ފަދަ ހާލަތެއް ކަމަށް ކޮމިޝަނަށް ފެންނަ ކަމަށެވެ.

އެހެންވެ އެފަދަ މަޖުބޫރީ ހާލަތްތައް ބްރޯޑްކާސްޓަރުންނަށާއި މީޑިއާތަކަށް މެދުވެރިނުވާނެ ފަދަ ގޮތަކަށް ހުރިހާ ފަރާތްތަކެއްގެ އަމަލުތައް ބެހެއްޓުމަށް ވެސް އިލްތިމާސް ކުރަން އެ ކޮމިޝަންގެ މެމްބަރުންގެ އިއްތިފާގުން މައްސަލަ ނިންމާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ޝަރީއަތް ހިނގަމުންދިޔަ އެ ދުވަސްވަރު އެ މައްސަލަތައް ބަލާ ފަނޑިޔާރުންގެ ތެރޭގައި ހިމެނޭ ގާޒީ ބާރީ އާއި ޕީޖީ މުހުތާޒް ބައްދަލުކުރަން ތިއްބެވި ކަމަށް ބުނާ ވީޑިއޯ ފޮހެލަން އެންގީ ފުލުހުން ކަމަށް ރާއްޖެ ޓީވީން ބުނެއެވެ. އެ މައްސަލައިގައި ޕީޖީ މުހުތާޒް ވިދާޅުވެފައިވަނީ ބާރީއާ ބައްދަލުކޮށްފައި ނުވާނެ ކަމަށާއި ބައްދަލުކުރި ކަން ސާބިތުކޮށްދީފި ނަމަ މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށެވެ.